ދުނިޔޭގެ ގިނަ ބައެއްގެ ނުރުހުން އަމާޒުވުމުން ފުޓްބޯޅަ ރާވައި ހިންގުމަށް ވިޔަފާރި ކުންފުނި އުފައްދުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެންމެ ފަހުން ހުއްޓާލައިފި އެވެ.
މިކަން ފީފާއިން އިއުލާނު ކުރީ އޭޝިޔާގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ އޭއެފްސީ މި ޕްލޭން ބަލައި ނުގަންނާނެކަން ޔަގީންވުމުންނެވެ. އޭއެފްސީން ވަނީ މިކަމުގައި އެ ޖަމާއަތުން ތާއީދު ކުރާނީ ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ (ޔޫއޭފާ) އަށް ކަމަށް ހުކުރު ދުވަހުހު ނިންމައިފަ އެވެ. މިއާއެކު ދުނިޔޭގެ ހަ ބައްރުގެ ތެރެއިން ތިން ބައްރުން އިންފަންޓީނޯގެ ޕްލޭނާ ދެކޮޅުކަން ޔަގީންވި އެވެ. އެއީ އޭޝިޔާ އާއި ޔޫއޭފާ އާއި ކޮންކާކަފެވެ.
މިހެންވެ އިންފަންޓީނޯގެ ފަރާތުން ފީފާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގިނަ ބަޔަކު ހިތްހަމަ ނުޖެހޭ ޕްލޭނަކަށް މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.
މިނިންމުމާއެކު ދުނިޔޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނަނީ މިއީ އިންފަންޓީނޯގެ "އުނބަށްޖެހުން" ކަމަށާއި އޭނާ މިހާރު މަސައްކަތް ފަށާފައިވަނީ ފީފާގެ ރައީސްކަން ދިފާއު ކުރަން ކުރަން ކަމަށެވެ. އެއީ އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި އޭނާއާ ވާދަކުރަން އޭޝިއާއިން ކެނޑިޑޭޓަކު ނެރުމަށް ޔޫއޭފާ އިސްވެ މަސައްކަތް ފެށުމުންނެވެ.
އިންފަންޓީނޯ މިހާތަނަށް ހުންނެވީ ވޯލްޑް ކަޕާއި ފީފާއިން ރާވާ ހިންގާ މުބާރާތްތައް ހިންގަން ވިޔަފާރި ކުންފުންޏެއް އުފައްފައި އެ ކުންފުނީގެ 20 ޕަސެންޓް ވިޔަފާރި ވެރިންނަށް ވިއްކާލުމަށެވެ. މިކަން ކުރާ މަތިން ކުންފުންޏަށް ވިޔަފާރިވެރިން އިންވެސްޓް ކުރާ 20 ބިލިއަން ޑޮލަރާއެކު މި ޕްލޭނަށް ތާއީދު ކުރާ ކޮންމެ ގައުމަކަށް 40 މިލިއަން ޑޮލަރު ދޭން އޭނާ ހުރީ ތައްޔާރަށެވެ. އަދި ޕްލޭނަށް ތާއދު ކުރާނަމަ އަންނަ ސެޕްޓެމްބަރު މަހުގެ 19ގެ ކުރިން އެންގުމަށް ވެސް އޭނާ ވަނީ ގައުމުތަކަށް ސިޓީ ފޮނުވައިފަ އެވެ.
ނަމަވެސް މިކަމާ ދެކޮޅަށް އެންމެ ފުރަތަމަ ތެދުވި، ޔޫއޭފާއިން ވަނީ ވޯލްޑް ކަޕާއި ފީފާގެ ހުރިހާ މުބާރާތެއް ބޮއިކޮޓް ކުރަން ނިންމައިފަ އެވެ. ކޮންކާކަފުން ޔޫއޭފާގެ ނިންމުމަށް ތާއީދު ކުރިއިރު އޭޝިޔާއިން ވެސް މުބާރާތްތައް ބޮއިކޮޓް ނުކުރި ނަމަވެސް ނިންމީ ޔޫއޭފާގެ ވިސްނުން ރަނގަޅު ކަމަށެވެ.
އަދި އިންފަންޓީނޯގެ އެޑްވައިޒަކަށް 2021 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން ކާލޮސް ކޯޑެއިރޯ ވެސް ވަނީ އިއްޔެ އިސްތިއުފާ ދީފަ އެވެ. އެއަށްފަހު ބުނީ މިއީ އިންފަންޓީނީގެ އަމިއްލަ ޕްލޭނެއް ކަމަށާއި އެއްވެސް މީހަކާ މިކަމާ މަޝްވަރާ ވެސް ކޮށްފައިނުވާ ކަމަށެވެ. އަދި މި ޕްލޭނަކީ ދުނިޔޭގެ ފުޓްބޯޅަ އާއި ފީފާ އަށް ވެސް އެއްވެސް ގޮތަކުން ފައިދާކުރާނެ އެއްޗެއް ނޫން ކަމަށެވެ.
ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި އިންފަންޓީނޯގެ ޕްލޭނަކީ އެމެރިިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބާރު އެޅުމާއެކު އިންފަންޓީނޯ އަށް މާލީ ފައިދާ ހޯދައިދޭނެ ޕްލޭނެކެވެ. އަދި މިހާތަނަށް އެނގިފައިވާ ގޮތުގައި އޭނާގެ ޕްލޭނަށް ފަންޑު ކޮށްދެނީ ވެސް ޓްރަމްޕާ ގާތްގުޅުން އޮންނަ އެމެރިކާގެ ވިޔަފާރިވެރިންނެވެ. އެޑްވައިޒަރު ކާލޮސް އަކީ ވެސް ޓްރަމްޕް ކުރީގެ އެޑްވައިޒަރެވެ.