ތަރައްްޤީ

ފްލެޓްތަކަށް ހޮވުނު ފަރާތްތަކުގެ ފްލެޓްތައް ކަނޑައެޅުން މާދަމާ


ކުރީގެ ޢަރަބިއްޔާ ހުރި ބިމާއި ގާކޮށި ބިމުގައި ސަރުކާރުން ޢިމާރާތްކުރައްވާފައިވާ ފްލެޓްތަކަށް ހޮވިފައިވާ މީހުންނަށް ލިބޭނެ ފްލެޓްތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއިން ވިދާޅުވެއްޖެއެވެ.

ޓާޓާ ފްލެޓްތަކުގެ ގުރުއަތުލުން ކުރިއަށް ދާނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ، އެމް.އެން.ޔޫގެ އޮޑިޓޯރިއަމް ހޯލްގައި މާދަމާ މެންދުރު 2 އިން ފެށިގެން ހަވީރު 4 ޖެހުމާއި ހަމައަށެވެ. އަދި ގުރުއަތުލުމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުޞަތު މާދަމާ ހެނދުނު 9 އިން މެންދުރު 12 ޖެހުމާއި ހަމައަށް ހުޅުވާލާފައިވާނެކަމަށާއި، ރަޖިސްޓްރޭޝަންގެ ކަންކަންވެސް ކުރިއަށްދާނީ އެމް.އެން.ޔޫގެ އޮޑިޓޯރިއަމް ހޯލްގައިކަމަށް އެޗް.ޑީ.ސީއިން ވިދާޅުވެއެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ގުރުއަތުލުމުގައި ކުރީގެ ޢަރަބިއްޔާ ހުރި ބިމާއި، ގާކޮށި ބިމުގައި ސަރުކާރުން ޢިމާރާތްކުރައްވާފައިވާ 266 ފްލެޓް ލިބުނު ފަރާތްތަކަށް، ލިބޭ ފްލެޓްތައް ގުރުއަތުން ކަނޑައެޅޭނެއެވެ. 

ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި މި ފްލެޓްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ބޭންކްތަކާއި، ޕެންޝަން ފަންޑުމެދުވެރިކޮށް ކުރެވުނު މަޝްވަރާތަކުން ދަށުން، ފްލެޓްތަކަށް ދައްކަންޖެހޭނީ މިހާރުގެ މާކެޓް ވެލިއުއަށްވުރެ ދަށް އަގެއްކަމަށް އެޗް.ޑީ.ސީއިން ވިދާޅުވެއެވެ. އަދި އަގުތައް ވަރަށް އަވަހަށް ޢާއްމުކުރައްވާނެ ކަމަށްވެސް އެކޯޕަރޭޝަނުން މަޢުލޫމާތުދެއްވައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގާ މަޝްރޫޢުގެ ތެރެއިން، ކުރީގެ ޢަރަބިއްޔާ ހުރި ބިމުގައި 90 އެޕާޓްމަންޓް އަދި، ގާކޮށި ހުރި ބިމުގައި 198 އެޕާޓްމަންޓެއް ވަނީ ތަރައްޤީކޮށްފައެވެ.