އަންނަމަހުގެ އެކާވީހުގައި އިންޑިއާގެ ނިއުދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމަށް ޚާއްސަކޮށް ޗާޓަރ ފްލައިޓެއް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންވެސްޓްމެންޓް ފޯރަމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކުރުމަށް މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤް ވިދާޅުވީ، މިފަހަރު އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންވެސްޓްމެންޓް ފޯރަމާ ދިމާކޮށް ދިއްލީއަށް ޒިޔާރަތްކުރާ ވިޔަފާރިވެރިންނަށް ފަސޭހަވާނޭގޮތަށް މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރ ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މިގޮތުން މި ޗާޓަރ ފްލައިޓުން އިންޑިއާއަށް ދާ ފަރާތްތަކަށް ޚާއްސަ އަގުތަކެއްގައި ޓިކެޓް ގަނެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އާދަމް ތައުފީޤް ވިދާޅުވީ، ދިވެހިރާއްޖޭގެ ވިޔަފާރީގެ މާހައުލަކީ ފަހި މާހައުލަކަށް ހެއްދެވުމަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް މިފަހަރުގެ އިންވެސްޓްމަންޓް ފޯރަމުންވެސް ފެނިގެންދާނޭކަމަށެވެ. މީގެ އިތުރުން ސަރުކާރުގެ ޕޮލިސީތަކަށް އަންނަ ބަދަލުތައް ބޭރުގެ ފަރާތްތަކާއި ޙިއްސާކުރެވިގެންދާނޭ ކަމަށް އާދަމް ވިދާޅުވިއެވެ.
އާދަމް ތައުފީޤް ވިދާޅުވީ އެކިއެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ. މިގޮތުން އެފަދަ ފަރާތްތަކުގެ ތަރުހީބު މިހާރުވެސް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ބޭނުންވާ ދާއިރާތަކަށް މިފަހަރުގެ އިންވެސްޓްމަންޓް ފޯރަމް ޚާއްސަވުމުގެ އިތުރަށް އިންވެސްޓްމަންޓް ފޯރަމުގައި އިޝްތިހާރުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށްވެސް އެފުރުސަތު އޮންނާނޭކަމަށް އާދަމް ތައުފީގް ވިދާޅުވިއެވެ.
ނޮވެމްބަރުމަހުގެ އެކާވީހުން ބާވީހަށް އިންޑިއާގެ ނިއުދިއްލީގެ ތާޖް ޕެލެސްގައި ބާއްވާ މި ފޯރަމް ކުރިއަށްދާނީ ފެޑަރޭޝަން އޮފް އިންޑިއަން ޗެމްބަރސް އޮފް ކޮމަރސް އެންޑް އިންޑަރސްޓްރީ، (އެފްއައިސީސީއައި) އާ ގުޅިގެންނެވެ. އެފްއައިސީސީއައި އަކީ އިންޑިއާގެ ދުއިސައްތަ ފަންސާސް ހާހަށްވުރެ ގިނަ ކުންފުނި ތަމްސީލްކުރާ ޖަމްޢިއްޔާއެކެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ މީގެކުރިން ޗައިނާގެ ބެއިޖިންގ އަދި ސިންގަޕޫގައި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ކުރިއަށްގެންގޮސްފައެވެ.