ޚަބަރު

18 އަހަރަށްފަހު ކަޕް ވިނާސް ކަޕް މާދަމާ ފަށަނީ


  • ފުރަތަމަ މެޗުގައި ނިއުރޭޑިއަންޓާއި ބުރުގެ ކުރިމަތިލުމެއް

  • ހަތަރު ޓީމަކުން މުބާރާތުގައި ކުޅޭނެ

ބޮޑު މެދުކެނޑުމަކަށްފަހު ބާއްވާ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކަޕް ވިނާސް ކަޕް މާދަމާ ފަށާނެއެވެ.

ހަތަރު ޓީމެއްގެ މެދުގައި ކުޅެމުން އަންނަ މި މުބާރާތުގެ މިފަހަރުގެ އެޑިޝަންގައި ވާދަކުރަނީ އެންމެފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ލީގުގެ ތިންވަނަ އަދި އެފްއޭ ކަޕްގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އިތުރުން ލީގު ރަނަރަޕް އަދި ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަން އޮޑި ސްޕޯޓްސް ކުލަބާއި ދިވެހި ލީގުގެ ހަތަރުވަނަ ހޯދި ބުރު ސްޕޯޓްސް ކުލަބެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ބުރު ސްޕޯޓްސް ކުލަބެވެ. އަދި މާދަމާރޭގެ މެޗުގައި ކުޅޭނީ މާޒިޔާ އާއި އޮޑި ސްޕޯޓްސް ކުލަބެވެ.

މުބާރާތް ކުރިއަށްދާނީ ރައުންޑް ރޮބިން އުސޫލުން، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށްފަހު، ލީގު ބުރު ނިމޭއިރު އެންމެ މަތިން ޕޮއިންޓު ހޯދާ ދެ ޓީމެއް ފައިނަލުގައި ކުޅޭ ގޮތަށެވެ.

18 އަހަރުގެ މެދުކެނޑުމަކަށްފަހު ކަޕް ވިނާސް ކަޕް އަލުން ބާއްވާއިރު، އެންމެފަހުން މި މުބާރާތް ބާއްވާފައި ވަނީ 2008 ވަނަ އަހަރުއެވެ. އެ ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން މީގެކުރިން ކަޕް ވިނާސް ކަޕުގައި ކުޅެފައިވާ ހަމައެކަނި ޓީމަކީ ނިއުރޭޑިއަންޓެވެ. މިއީ މާޒިޔާ، އޮޑި އަދި ބުރުން މި މުބާރާތުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ކްލަބް ވެލެންސިއާއެވެ. ބޮޑު މެދުކެނޑުމަކަށްފަހު އަލުން ކަޕް ވިނާސް ކަޕް ފަށާއިރު، ވެލެންސިއާ ވަނީ މިދިޔަ ސީޒަން ނިމުނުއިރު ދެވަނަ ޑިވިޝަނަށް ރެލިގޭޓުވެފައެވެ. މިހާރު ފުރަތަމަ ޑިވިޝަނުގައި ދެމިއޮތް ޓީމުތަކުގެ ތެރެއިން މުބާރާތުގެ ތަށި އެންމެ ގިނައިން އުފުލާލި ޓީމަކީ ނިއުރޭޑިއަންޓެވެ. އެ ޓީމުން ވަނީ ޖުމްލަ ހަތަރު ފަހަރަށް މި މުބާރާތް ކާމިޔާބުކޮށްފައެވެ.