ސްރީ ލަންކާގެ މަހާރާ ޖަލުގައި ހިނގި ހަމަނުޖެހުމެއްގައި މީހަކު މަރުވެ، އިތުރު ހަ މީހަކަށް އަނިޔާވުމާ ގުޅިގެން، އެ ގައުމުގެ ހުރިހާ ޖަލުތަކެއްގެ ސަލާމަތީ ކަންކަން އާދީއްތަ ދުވަހު ވަރުގަދަކޮށްފިއެވެ.
މި ހާދިސާއާއި ގުޅިގެން ލަންކާގެ ފުލުހުން ފާހަގަކޮށްފައިވަނީ، މަހާރާ ޖަލުގައި މި ހަމަނުޖެހުން ހިނގީ ނިގޮމްބޯގައި ހުންނަ އެ ޖަލުގައިވެސް ހަމަނުޖެހުން ހިނގިތާ ގައިގަޑަކަށް މަހެއްހާ ދުވަހުތެރޭގައިކަމަށެވެ.
ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދޭ ގޮތުގައި، މަހާރާ ޖަލުގައި ހަމަނުޖެހުން ފެށުނީ އާއިލާ މީހުންއާ އެކީ ބައްދަލުވާން ލިބޭ ވަގުތާ ދިމާކޮށްފައެވެ. އެއީ ހުކުރު ދުވަހުގެ ހަވީރެވެ. އަދި މި ހަމަނުޖެހުން ހޮނިހިރު ދުވަހާ ހަމައަށް ދެމިގެންގޮސްފައިވާއިރު، ހަމަނުޖެހުން ކޮންޓްރޯލްކުރުމަށްޓަކައި ލަންކާގެ ފުލުހުންނާއި، ފުލުހުންގެ ސްޕެޝަލް ޓާސްކް ފޯސް (އެސް.ޓީ.އެފް) އާއި، އަސްކަރިއްޔާ އަދި ނޭވީ ގުޅިގެން ޚާއްޞަ އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ.
ރާގަމާ ޓީޗިންގ ހޮސްޕިޓަލުގައި ޒަޚަމްވެގެން ފަރުވާދެމުންދިޔަ ހަތް ގައިދީންގެ ތެރެއިން އެކަކު، ފަރުވާދެނިކޮށް މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. މިއާއެކު، ކަމާބެހޭ ފަރާތްތަކުން ވަނީ މުޅި ރަށުގެ އެކި ކަންކޮޅުތަކުގައިވާ ޖަލުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ހަރުދަނާ ފިޔަވަޅުތައް އަޅާފައެވެ.
ފުލުހުން ބުނީ ހަމަނުޖެހުން ފެށުމާއެކު މަހާރާ ޖަލުގެ ވަށައިގެންވާ ސަރަޙައްދު ބެލެހެއްޓުމަށް އެސް.ޓީ.އެފް ކޮމާންޑަރުން ހިމެނޭހެން އިތުރު ސިފައިން އަދި ފުލުހުން ނެރުނު ކަމަށެވެ.
"އަޅުގަނޑުމެން އެސްޓީއެފްގެ ކޮމާންޑަރުން ފޮނުވީ ޖަލުގެ ވަށައިގެންވާ ފާރު ކައިރި ބެލެހެއްޓުމަށް. އެ ބޭފުޅުން އެތެރެއަކަށް ނުވަދޭ،" ފުލުހުންގެ މަސްދަރަކުން ބުނެފައިވެއެވެ.
މަސްދަރުތަކުން ބުނީ މި ހަމަނުޖެހުން ފެށުނީ ދެ ގްރޫޕެއްގެ ގައިދީންގެ މެދުގައިކަމަށެވެ. އަދި މިކަން ހިނގީ ގައިދީންނާއި ޖަލުގެ އޮފިޝަލުންނާ ދެމެދު ހިނގި ޚިޔާލުތަފާތުވުންތަކަކަށް ފަހުގައެވެ. މި ހާދިސާގެ ތެރޭގައި ބައެއް ގައިދީން ވަނީ ޖަލުގެ ފުރާޅުމައްޗަށް އަރައި ފުލުހުންނާއި ދިމާލަށް ގާއުކާފައެވެ. އަދި ބައެއް މީހުން ވަނީ ޖަލުގެ މައި ދޮރާއްޓާއި ވަށާފާރަށް ގެއްލުންދީފައެވެ. އޭގެ އިތުރުން، އަލަށް ހަދަން ނިންމާފައިވާ އޮފީސް އިމާރާތުގެ، ފާރުގެ ބައެއްގައި ޖަހާފައިވާ ދަގަނޑު ޝީޓު ހަލާކުކޮއްލާ، ބައެއް ގައިދީން ފިލަން މަސައްކަތްކުރިއެވެ.
މި ހަމަނުޖެހުމުގެ ތެރޭގައި ގައިދީން ވަނީ ހުޅުޖަހައި، ޖަލުގެ އިސްވެރިޔާގެ އޮފީހާއި، އަދަބު ތަންފީޒު ކުރަން ހާއްސަ ކޮށްފައިވާ ބަޔާއި، ބަދިގެއާއި، ރީހެބިލިޓޭޝަން ޢިމާރާތާއި، ޖަލުގެ ހޮސްޕިޓަލްއަށް ގެއްލުންދީ، އިދާރީ ލިޔެކިޔުންތައް އަންދާލާއި، އެތައް ތަނަކާއި ވަސީލަތްތަކެއް ވަނީ މުޅިން ސުންނާފަތިކޮށްފައެވެ.
ހާލަތު ކޮންޓްރޯލްކުރުމަށްޓަކައި ފުލުހުންނާއި ސިފައިން ވަނީ ޖަލުގެ އެތެރެއަށް ވަދެފައެވެ. ޖަލުގެ އެއްކޮޅުން ގައިދީން ފިލާފާނެ ކަމުގެ ނުރައްކާ އޮތުމުން ސިފައިން ހަރަކާތްތެރިވެފައިވާއިރު، ގައިދީން، ސަލާމަތީ މުވައްޒަފުންނާ ދިމާލަށް ގާއުކުމުން ފުލުހުން ވަނީ ޖަލުގެ ބޭރުން ކަރުނަގޭސް ޖަހާފައެވެ. އަދި ލަންކާގެ ވައިގެ އަސްކަރިއްޔާއިން ވަނީ ބެލް 412 ހެލިކޮޕްޓަރަކާއި، ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުން ސަރަޙައްދު މޮނިޓަރުކޮށްފައެވެ.
ހުޅަނގު ޕްރޮވިންސްގެ އިންޗާޖު، އަދި ސީނިއަރ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ވިދާޅުވީ، މީހުންގެ ފުރާނައަށް ލިބޭ ގެއްލުމާއި ޒަޚަމްތައް ކުޑަކުރުމަށްޓަކައި ސިފައިންނާއި ފުލުހުންގެ އޮޕަރޭޝަން ކުރިއަށްދާ ކަމަށާއި، އާންމުން ގޭގޭގައި ތިބުމަށާއި، ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދިނުމަށާއި، އަދި ޖަލު ކައިރިއަށް ނުދިއުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
"ނެގޮމްބޯ ޖަލު ހިމެނޭހެން، ކޮލަމްބޯއާ ކައިރީގައިވާ ބޮޑެތި ޖަލުތަކުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީފައިވާނެ،" އޭނާ ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާގެ ތަރުޖަމާނު ވިދާޅުވީ، ގައިދީން އަނބުރާ އެމީހުންގެ ގޮޅިތަކަށް ބަދަލުކުރެވި، ޖަލުގެ ތެރެއާއި ވަށައިގެންވާ ސަރަޙައްދުތަކުގެ އަމަންއަމާންކަން އަލުން ގާއިމުކުރެވިފައިވާ ކަމަށެވެ.
މި ހަމަނުޖެހުން ހިނގަން މެދުވެރިވި ސީދާ ސަބަބު ފުލުހުން އަދި ހާމަކޮއްފައެއް ނުވެއެވެ. ޖަލުތަކާ ބެހޭ ޑިޕާޓްމަންޓުގެ މީޑިއާ ތަރުޖަމާނު ވިދާޅުވީ، މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ ތަޙުޤީޤެއް ލަސްނުކޮށް ފަށާނެ ކަމަށެވެ.
މަހާރާ ޖަލަކީ ގާތްގަނޑަކަށް 1،100 މީހުންގެ ޖާގައިގެ ތަނަކަށްވީ ނަމަވެސް، އެ ތަނުގައި 4،100 އަށްވުރެ ގިނަ ގައިދީން ބަންދުކޮށްފައި ތިއްބެވެ. އަދި ގާތްގަނޑަކަށް 11،000 މީހުންގެ ޖާގަ ހުރި އެ ގައުމުގެ 22 ޖަލެއްގައި 41،000 އަށްވުރެ ގިނަ ގައިދީން ބަންދުކޮށްފައިވާއިރު، މިއީ މުޅި ގައުމުގެ ޖަލުތަކުގެ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމާއި، ތޮއްޖެހުމުގެ މައްސަލަ ހާމަކޮށްދޭ ކަމެކެވެ.