ޤަވާއިދާ ޚިލާފަށް ހިންގަމުން އައި 107 ވިޔަފާރިއެއް މިހާތަނަށް ބަންދުކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެވުޒާރާއިން އިސްވެ އޮވެ ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި މިހާތަނަށް 200 އަށްވުރެ ގިނަ ވިޔަފާރި ވަނީ ބަލައި ފާސްކޮށްފައެވެ.
ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ހައްލު ކުރުމަށް، "ނެޝަނަލް ޓާސްކްފޯސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް"ގެ ނަމުގައި ޚާއްސަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ. މިއީ އިޤްތިޞާދީ ވުޒާރާއާއި، ދާޚިލީ ވުޒާރާ އާއި ސަރުކާރުގެ ތަންފީޒީ އިދާރާތައް ކަމަށްވާ ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ހިމެނޭ ގޮތަށް އެކުލަވާފައިވާ ޓާސްކް ފޯހެކެވެ.
މިދިޔަ އަހަރުގެ ނޮވެންބަރ މަހު ޓާސްކް ފޯހުގެ މަސައްކަތް ފަށާފައިވާއިރު، ނިމިދިޔަ ޖުލައި މަހުގެ ނިޔަލަށް އޮޕަރޭޝަންގެ ތެރެއިން 447 ވިޔަފާރިއަކާއި ގުޅޭ ޝަކުވާ ލިބިފައިވާ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވިއެވެ. މިޝަކުވާތަކުގެ ތެރެއިން 247 ތަނެއް ބަލައި ފާސްކޮށް 107 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވިއެވެ. އަދި ވިޔަފާރިތަކުން ޤަވާއިދާ އެއްގޮތަށް ކަންކަން ތަރުތީބު ކުރުމުން 68 ތަނެއް އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ.
އިޤްތިޞާދީ ވުޒާރާއިން ވަނީ އެއްވެސް ވިޔަފާރިއެއް އަލުން ހުޅުވުމުގެ ފުރުސަތު ދޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމުން ކަމަށެވެ. އަދި އެޗްޕީއޭއާއި އެމްއެފްޑީއޭއިން ތަންފީޒްކުރަމުންދާ ޤާނޫނުތަކާއި ޤަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ފާހަގަވާ ކަންކަން ފުރިހަމަ ކުރުމާއެކު، އެއްވެސް ޖޫރިމަނާއެއް ކުރެވިފައިވާނަމަ އެފައިސާ ދެއްކުމުން ނޫނީ ވިޔަފާރިތަކަށް އަލުން ހުޅުވުމުގެ ހުއްދަ ދޭނެ ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.
ޓާސްކް ފޯހުން ކުރިއަށްގެންދާ އިންސްޕެކްޝަންގައި ވިޔަފާރިތައް ބަންދުކުރަނީ ވިޔަފާރިތައް ރަޖިސްޓްރީނުކޮށް ހިންގުމާއި، ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި ނޫން އެހެން ވިޔަފާރިތައް ހިންގަމުންދާތީއެވެ. އަދި އެޗްޕީއޭއާއި އެމްއެފްޑީއޭއިން ތަންފީޒު ކުރަމުންދާ ޤާނޫނުތަކާއި، ޤަވާއިދުތަކާއި ޚިލާފުވުމުންވެސް ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް އަންނަނީ ބަންދު ކުރަމުންނެވެ.