ޚަބަރު

ރައީސް، ހދ އަދި ށ އަތޮޅަށް ފުރާވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށާއި މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި ތިލަދުންމަތީ ދެކުނުބުރީ ކުރިނބިއާއި، ހިރިމަރަދޫ އަދި ނެއްލައިދޫއަށް ވަޑައިގެން، އެ ރަށްތަކުގެ ބަނދަރު ހުޅުއްވައިދެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މާދަމާގެ ވަގުތެއްގައި، ރައީސުލްޖުމްހޫރިއްޔާ، މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމަށް ވަޑައިގެން، އެ ރަށުގައި ނަރުދަމާގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫގެ ބަނދަރާއި މިސްކިތް އެމަނިކުފާނު ހުޅުއްވައިދެއްވާނެއެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދުއާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދުއާއި، ޕީ.ޕީ.އެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުﷲއާއި، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ ޢާރިފްއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެސިޑެންޝަލް އެފެއާޒް އަލްއުސްތާޛް މުޙައްމަދު މުޖްތާޒް ބައިވެރިވެވަޑައިގެންނެވިއެވެ.