ކަޕް ވިނާސް ކަޕުގައި އޮޑި ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދި މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުންތެރިން ކުރި ހިތްވަރާއެކު، މާޒިޔާއަށް ލިބުނީ ހައްގު މޮޅެއް ކަމަށް އެޓީމުގެ ކޯޗު ތޯމަސް ޓުރުޗާ ބުނެފިއެވެ.
މާޒިޔާއިން އެންމެ ފަހުން ކަޕް ވިނާސް ކަޕްގައި ކުޅުނީ މީގެ 27 އަހަރު ކުރިންނެވެ.
ހޯމަ ދުވަހުގެރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި އޮޑިއާ ދެކޮޅަށް ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗަށްފަހު "ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު ޓުރުޗާ ބުނީ ޗެރިޓީ ޝީލްޑް މެޗަށްފަހު މި މެޗަށް ތައްޔާރުވުމަށް ލިބުނީ ތިން ދުވަސް ކަމަށެވެ. އެހެންވެ، މެޗުގެ ފުރަތަމަ 20 މިނިޓް ތެރޭގައި މާޒިޔާގެ ފަރާތުން ގިނަ ގޯސްތަކެއް ފެނުނު ކަމަށް ޓުރުޗާ ފާހަގަކުރިއެވެ.
"ތިން ދުވަސް ކުރިން އަހަރެމެން މެޗެއް މިކުޅުނީ. ފުރަތަމަ 20 މިނިޓްގެ ތެރޭގައި އަހަރެމެންގެ ކުޅުން ދަށް. އެކަމަކު ދެވަނަ ހާފުގައި އަހަރެމެން އަށް ފުރުސަތު ލިބުނު ރަނގަޅަށް ކުޅެން މިއީ މާޒިޔާ އަށް ހައްގު މޮޅެއް ހަމަ." ޓުރުޗާ ފާހަގަކުރިއެވެ.
ޓުރުޗާ ބުނީ ކައިރިކައިރީގައި މެޗު ހުރުމުން އޭގެ އުނދަގޫތަކެއް އެބަހުރި ކަމަށެވެ. އަދި މި މެޗުގައި މާޒިޔާ އަށް އެންމެ ބޭނުންވާ ވަރަށް ގޯލު ޖަހަން ފުރުސަތު ނުލިބުނު ކަމަށާއި، ކުރިއަށް ހުރި މެޗުތަކުގައި އެކަންކަން ހައްލުކުރަން މަސައްކަތް ކުރާނެ ކަމަށެވެ.
މާޒިޔާ އިން ކަޕް ވިނާސް ކަޕުގެ ދެވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ހަވީރު ނުކުންނާނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.