ޚަބަރު

"ކެންދުއާއި ކުޑަރިކިލު މިސްކިތް މިހާރު ކަނޑައެޅިފައިވާ މުއްދަތަށް ނިމޭނެ"


  • ޖުލައި 2026ގައި ކަމަދޫ މިސްކިތުގެ އަމަލީ މަސައްކަތް ވަނީ ފަށާފައި

  • 15 އޮގަސްޓް 2026 ގައި ކުޑަރިކިލު މިސްކިތުގެ އަމަލީ މަސައްކަތް ފަށާނެ

ބ.ކަމަދުއާއި ކުޑަރިކިލުގައި ޤާއިމްކުރާ ހަމަޖެހިފައިވާ މިސްކިތްތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިމޭނެކަމުގެ ޔަޤީންކަން، އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ސުވާލުކުރައްވާފައިވަނީ، ބ.ކަމަދުއާއި ކުޑަރިކިލުގައި ބިނާކުރާ މިސްކިތުގެ މަސައްކަތްތަކާ ގުޅޭގޮތުންނެވެ. ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އެމިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިމަކީ ކުރިންވެސް މިސްކިތެއް ހުރި ބިމެއްކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ބެލުމަށް ފަހު، ކަމަދޫ ކައުންސިލުން އެދިފައިވަނީ އީދު ޗުއްޓީއާ ހިސާބަށް އެ މިސްކިތް ބަހައްޓައިދިނުމަށްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އީދު ޗުއްޓީ ނިމުމުން އެތަން ތަޅާލައި، ސާފުކުރުމުގެ މަސައްކަތްކުރުމަށް ކައުންސިލުން އެދިފައިވާތީ، 21 ޖޫންގައި އެ މަސައްކަތް އެއްކޮށް ނިންމާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"26 ޖޫންގައި އައު މިސްކިތުގެ ގިބުލަޖެހުމުގެ މަސައްކަތް ވަނީ ކުރެވިފައި. 7 ޖުލައި 2026ގައި އަމަލީ މަސައްކަތް ވަނީ ފަށާފައި. މިހާރު ކުރިއަށްދަނީ ތަނބުތައް ކޮންކްރީޓްކުރުމުގެ މަސައްކަތް. އެ މަސައްކަތް ނިންމަން ދިން 540 ދުވަސްތެރޭގައި ނިމެނޭ." ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

ބ.ކަމަދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތް އިމާރާތް ކުރުމަށް އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރީ 2025ވަނަ އަހަރުގެ ނޮވެމްބަރުގައެވެ. އެ މިސްކިތުގައި އަންހެނުންނާއި ފިރިހެނުން ވަކިން ނަމާދު ކުރާ ބަޔާއި ވުޟޫ ކުރާ ބައިގެ އިތުރުން ލައިބްރަރީއާއި ކުލާސްރޫމު ހިމެނޭނެއެވެ. އަދި މިސްކިތްތަކުގައި ސޯލާ ނިޒާމު ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ކުޑަރިކިލު މިސްކިތާއި ގުޅޭގޮތުންވެސް މެމްބަރު މައުރޫފް ސުވާލުކުރެއްވިއެވެ. 500 މީހުންގެ ޖާގައިގެ އެ މިސްކިތް އެޅުމަށް ހަވާލުކޮށްފައި ވަނީ ފެނަކައާއި ކަމަށްވާއިރު، ސަރުކާރުގެ ކުންފުނިތައް ހިންގުން ހަރުދަނާކޮށް މަސައްކަތްތައް އަވަސްކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން ފެނަކަ ހިންގުމަ ގެންނަވާ ބަދަލުތަކާ ގުޅިގެން ބައެއް މަޝްރޫޢޫތައް ހިންގުމުގައި ދަތިތައް ދިމާވާކަމަށް ވަޒީރު ޝަހީމް ފާހަގަކުރެއްވިއެވެ. އެގޮތުން، ބައެއް އައު މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ސައިޓުގައި ފެށުމަށް ބައެއް އިދާރީ މަސައްކަތް ކުރިއަށްދާތީ މަޝްރޫޢުތައް ނުފެށި ލަސްވާކަމަށް މައުލޫމާތުލިބިވަޑައިގަންނަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"15 އޮގަސްޓް 2026 ގައި އަމަލީ މަސައްކަތް ފެށިގެންދާނެ. 365 ދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތް ނިންމާނެ ކަމަށް ފެނަކައިން ބުނޭ." ވަޒީރު ޝަހީމް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މަސައްކަތް ވުޒާރާއިން މި މަޝްރޫއު އަވަހަށް ފަށައި ނިންމުމަށް އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ.

ވަޒީރު ވަނީ އިތުރު ބައެއް މިސްކިތްތަކުގެ ތަފްސީލްތައް ހިއްސާކުރައްވާފައެވެ. އެގޮތުން އއ.ރަސްދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ނިންމާފައިވީ ނަމަވެސް އެ ރަށުގެ ރައްޔިތުން ބޭނުންވީ 1000 މީހުންގެ ޖާގައަށް ބަދަލުކުރަން ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއާއެކު ޑިޒައިނަށް ބަދަލުތަކެއް ގެންނަންޖެހުނުކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، އެ މަސައްކަތަށް ބޭނުންވާ 25 މިލިޔަން ރުފިޔާ މިހާރު ހަމަޖެހިފައިވާކަމަށެވެ.