ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ހިރިމަރަދޫ ބަނދަރު އިފްތިތާޙުކޮށްދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހދ. ހިރިމަރަދޫގައި ސަރުކާރުން ތަރައްޤީކުރައްވާފައިވާ ބަނދަރު އިފްތިތާޙުކޮށްދެއްވައިފިއެވެ. 

ހިރިމަރަދޫ ބަނދަރު ރައީސުލްޖުމްހޫރިއްޔާ އިފްތިތާާޙުކޮށްދެއްވީ މިއަދު އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ހިރިމަރަދު ބަނދަރަކީ ސަރުކާރުން 24 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ހައްދަވާދެއްވި ބަނދަރެކެވެ. މިބަނދަރުގެ ދިގުމިނުގައި 400 ފޫޓް ހުންނައިރު، ފުޅާމިނުގައި 200 ފޫޓް ހުރެއެވެ. މިމަސައްކަތް 2013 ވަނަ އަހަރު ހަވާލުކުރައްވާފައިވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއެވެ. 

ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުގައިި ކުޑަ އަބާދީއެއް ނަމަވެސް ތަރައްޤީ ބޭނުންވާނޭކަމަށާއި، އަދި އެރަށްތަކަށް ބޭނުންވާ ނިސްބަތުން ތަރައްޤީ ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ވިދާޅުވިއެވެ. އަދި ކުރީގެ ސަރުކާރުން ކުދި އާބާދީތަކެއްކަމަށް ވިދާޅުވެ، އަޅާނުލާހުރި ހިސާބުތަކުގައި މިސަރުކާރުން ތަރައްޤީގެ ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހިރިމަރަދޫގައިވެސް ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ރާވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. 

ރައީސްގެ ވާހަކަފުޅުގައި އަންނަ އަހަރުގެ ބަޖެޓުން އެންމެ އުތުރުގެ 2 އަތޮޅުގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ހިންގޭނެކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކުޅުދުއްފުށީ އެއަރޕޯޓުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުޅުދުއްފުށި އެއަރޕޯޓްގެ މަސައްކަތް އަންނަ އަހަރު ނިންމާ، އެއަރޕޯޓްގެ ޚިދުމަތް އަންނަ އަހަރު ދެއްވަން ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ށ ފުނަދޫ އެއަރޕޯޓުގެ މަސައްކަތްވެސް އަންނަ އަހަރު ފަށްޓަވާނޭކަމަށް ރައީސް ވިދާޅުވިއެވެ.  

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުގެ މަޝްރޫޢުތައް ހިންގެވުމަށް ބައެއް ރަށްރަށުން އެއްބާރުލުން ނުލިބޭކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރަށް އެއްބާރުލުންދީގެން، ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރާނެ ބަޔަކު ރަށްރަށުގެ ހިންގުމަށް އިންތިޚާބުކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. 

ހިރިމަރަދޫ ބަނދަރު ހުޅުވައިދެއްވުމަށްފަހު މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ މުހައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ކުރައްވަމުންދާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ތަރައްޤީގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ހިރިމަރަދޫގައިވެސް ޞިއްޙީ ދާއިރާއާއި ތައުލީމީ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ހިންގަވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހިރިމަރަދޫ ހިމެނޭ، ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެން ޝަހުދީ ވަނީ ސަރުކާރުން ހިރިމަރަދޫއަށާއި އެދާއިރާގެ ރަށްތަކުގެ ތަރައްޤީއަށް ސަރުކާރުން ކޮށްދެއްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.