ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓު އޮފީސްތަކުގެ މަހާސިންތާގެ 2ވަނަ ދުވަސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި މަހާސިންތާ ކުރިއަށްދަނީ، އއ. އުކުޅަހުގައެވެ.
މި މަހާސިންތާއަކީ، އދގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކަންތައްތަކާ ބެހޭ ޖަމިއްޔާއާއި އޮޑިޓަރ ޖެނެރަލް އޮފީހާއި ގުޅިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މަހާސިންތާއެކެވެ. "ސިޑްސް-އެސްއޭއައި ސިމްޕޯޒިއަމް"ގެ ނަމުގައި ކުރިއަށް ގެންދާ މަހާސިންތާއަކީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އެންމެ މަތީ އޮޑިޓް އޮފީސްތައް ބައިވެރިވާ މަހާސިންތާއެކެވެ.
މި މަހާސިންތާއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އޮޑިޓަރ ނެޖެރަލް އޮފީހުގެ އެންވަޔަރަމަންޓް އޮޑިޓް މެނޭޖަރ އައިމިނަތު މުއާޒާ ވިދާޅުވީ، މި މަހާސިންތާގެ ބޭނުމަކީ ގައުމުތަކުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރަމުންދާ މިންވަރު ބެލުމަށް އޮޑިޓް އޮފީސްތަކުން، އޮޑިޓްތައް ކުރުމަށް ޤާބިލުކަން އިތުރުކުރުން ކަމަށެވެ. 3 ދުވަހަށް ބަހާލައިގެން ސެޝަންތައް ކުރިއަށްގެންދާއިރު، މި ސެޝަންތަކުގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާވެފައިވާނީ، އޮޑިޓް އޮފީސްތަކުން ކުރަމުންދާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑުތަކުގެ އޮޑިޓްތަކާއި ގުޅޭގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފަދަ އޮޑިޓްތައް ކުރާއިރުގައި ޤައުމުތަކުން ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވިދާނެ ކަންކަމާއިމެދު މަޝްވަރާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޕަބްލިކް ފައިނޭންސްއާއި ގުޅުންހުރި ސެޝަންތަކެއްވެސް ކުރިއަށްދާނެ ހަމަ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ގުޅުވައިގެން. ދެން ހަމަ އޭގެ އިތުރަށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑުތަކުގެ ތެރޭގައި ހިމެނޭ ކަމެއްދެއްތޯ މިއީ ކްލައިމެޓް އެކްޝަންއަކީވެސް. އެގޮތުން ހަމަ އޮޑިޓް އޮފީސްތަކުން ކްލައިމެޓް އެޑަޕްޓޭޝަންއާއި ގުޅުންހުރި މަސައްކަތްތައް ކުރަމުންދާ ގޮތާއި، އެ މަސައްކަތް އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި އަދި ހަމަ އެއާއިއެކު ކްލައިމެޓް ފައިނޭންސް ހޯދުމަށް ދިމާވެފައިވާ ގޮންޖެހުންތަކަކީ ކޮބާތޯ މަޝްވަރާ ކުރެވިގެންދާނެ އެކިއެކި ސްޓޭކް ހޯލްޑަރުންނާއިއެކު." އައިމިނަތު މުއާޒާ ވިދާޅުވިއެވެ.
މި މަހާސިންތާގައި 80 މަންދޫބުން ބައިވެރިވާ ކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ވިދާޅުވިއެވެ. މަހާސިންތާގެ ދެވަނަ ދުވަސް ޚާއްސަ ކޮށްފަައިވަނީ، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި އޮޑިޓް އިދާރާތައް އަދާކުރާ ދައުރުގެ މައްޗަށެވެ. މީގެ އިތުރުން ހިންގުމުގެ ނިޒާމު ޑިޖިޓަލައިޒު ކުރުމާއި ގުޅޭ ސެޝަންތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ފުރަތަމަ ދުވަހުގެ ޕެނަލް ޑިސްކަޝަންތައް ޚާއްސަކުރީ، ދެމެހެއްޓެނި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އޮޑިޓް އޮފީސްތަކުން އަދާކުރާ ދައުރަށެވެ. މީގެ އިތުރުން ދެމެހެއްޓެނި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ބަޖެޓު ކުރުމާއި، މާލީ ކަންކަން ހަމަޖެއްސުމާއި ގުޅޭ ސެޝަންތަކެއްވެސް ވަނީ ބާއްވާފައެވެ.
މި މަހާސިންތާ މިމަހުގެ 5 ވަނަ ދުވަހު ނިންމާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއަށްފަހު، އޮޑިޓްކުރުމާ ބެހޭ އެންމެ މަތީ އިދާރާތަކުގެ ބައިނަލްއަގުވާމީ ޖަމިއްޔާ 'އިންޓޯސައިން'ގެ ފަރާތުން ކޮންމެ އަހަރަކު ބާއްވާ އައިޑީއައި ގްލޯބަލް ސަމިޓް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ސަމިޓަކީ، އޮޑިޓަރ ޖެނެރަލް އޮފީހާއި އިންޓޯސައިން ގުޅިގެން ބާއްވާ ސަމިޓެކެވެ. އެ ސަމިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ، ސިޑްސް މަހާސިންތާއަށްފަހު މިމަހުގެ 6 އަކުން 7 އަށް އުކުޅަހުގައެވެ.