ޚަބަރު

މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި


  • މިތަނުގައި 162 ކޮޓަރި ހުރޭ

  • އިވެންޓްތައް ބޭއްވުމަށް ހޯލުތައްވެސް ހުރޭ

ހުޅުމާލޭގައި ތަރައްޤީ ކުރަމުން އަންނަ "މަންހަޓަން ގްރޭންޑް ހޮޓެލް"ގައި އެކި ކަހަލަ ބައްދަލުވުންތައް ބޭއްވުމަށް ބުކިންއަށް ހުޅުވާލައިފިއެވެ. މަންހަޓަން ގްރޭންޑް ހޮޓެލް"ގެ މަސައްކަތް ކުރުމަށާއި އެތަން ހިންގުމަށް ހަވާލުކޮށްފައިވަނީ ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ.

މަންހަޓަން ގްރޭންޑް ހޮޓެލުން ވަނީ އަންނަ މަހުން ފެށިގެން ކޮންފަރެންްސްތަކާއި އެގްޒިބިޝަން އަދި އެކިކަހަލަ އިވެންޓްތައް ބޭއްވުމަށް ބުކިންއަށް ހުޅުވާލާފައެވެ. "މަންހަޓަން ގްރޭންޑް" ހޮޓަލަކީ 162 ކޮޓަރިއާއި ބެންކުއެޓް ހޯލަކާއި މަލްޓި ޕާރޕަސް ހޯލަކާއި ކޮންފަރެންސް ހޯލްތަކާއި ސްވިމިންގ ޕޫލާއި ބައިނަލްއަގްވާމީ ފުޑް އެންޑް ބެވަރޭޖްގެ 4 ބްރޭންޑާއި، ޖިމާއި ސްޕާގެ ޚިދުމަތް ގާއިމް ކުރެވިފައިވާ 5 ތަރީގެ ހޮޓަލެކެވެ.

މަންހަޓަން ގްރޭންޑް ހޮޓެލްގެ ޗީފް އޮޕަރޭޝަން އޮފިސަރ ފަހިއަސް ޕަންގަތު ވިދާޅުވީ ރާއްޖޭގައި އެކި ކަހަލަ ކޮންފަރެންސްތަކާއި މައުރަޒުތައް ބޭއްވުމަށް އެހޮޓެލުން ފުރުޞަތުތައް ދިނުމަކީ ތަސައްވަރުކަމަށެވެ. އޭނާ ވިދާޅުވީ މަންހަޓަން ގްރޭންޑް ހޮޓަލަކީ ސަރުކާރުގެ މުއައްސަސާތަކާއި ދައުލަތުގެ ވިޔަފާރިތަކާއި ކޯޕަރޭޝަންތަކާއި ބައިނަލްއަގްވާމީ އިވެންޓް އިންތިޒާމްކުރާ ފަރާތްތަކަށް ބޭނުންވާ ސްކޭލް، ފްލެކްސިބިލިޓީ އަދި ޕްރޮފެޝަނަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ބިނާކޮށްފައިވާ ހޮޓަލެއްކަމަށެވެ.

މިމަހުގެ މެދުތެރެއަށް މި ހޮޓެލުގެ މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާއިރު މި ހޮޓާ ވާނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލާ ގުޅާލެވޭ ބޭނުންތެރި މުހިންމު ސިޓީ ހޮޓަލަކަށެވެ. އެގޮތުން މިހޮޓެލް ހުޅުވާއިރު 12 އެއަރލައިނެއް މި ހޮޓަލާއެކު އެގްރިމަންޓް ހެދުމަށްވެސް ވަނީ ހަމަޖައްސާފައެވެ.

އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމާއެކު ތަނުގެ އަގުގެ ގޮތުގައި 11 މިލިޔަން ޑޮލަރު އެޗްޑީސީއަށް ލިބޭނެއެވެ. އަދި ކޮންމެ އަހަރަކު ކުލީގެ ގޮތުގައި 14.4 މިލިޔަން ރުފިޔާ އެޗްޑީސީއަށް ލިބޭއިރު ޓެކްސްގެ ގޮތުގައި ދައުލަތަށް އަހަރަކު 2.5 މިލިޔަން ޑޮލަރު ލިބޭނެކަމަށް އަންދާޒާކުރެވެއެވެ.

ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑްގެ ސީއެސްއާރުގެ ދަށުން 7 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ގާއިމްކުރެވޭ ޒުވާނުންގެ މަރުކަޒާއ،ި މީޑިޔާ ވިލެޖާއ،ި މެޑިކަލް ކޮލެޖާއ،ި ތަރިކަ ކޮލެޖުގެ ކަރަންޓާއި ފެނާއި މެއިންޓަނަންސް ޚަރަދު ދާއިމީ ގޮތެއްގައި އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ބަލަހައްޓާ ދިނުމަށް ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ.