ކުޅިވަރު

ޖޯޑަން އަށް ނުދީހުރި ފައިސާ، އިންފަންޓީނޯ އަށް ފާޑުކިއުމާއެކު ދީފި


ޖޯޑަން އަށް ފީފާއިން ނުދީ ހިފަހައްޓާފައި ހުރި ފައިސާ އެ ޖަމާއަތުގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ފާޑުކިއުމާއެކު ދީފި އެވެ.

މިކަން ޖޯޑަން އެފްއޭގެ ރައީސް ޕްރިންސް އަލީ ބިން ހުސައިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ކުޅުނު ފީފާ އަރަބް ކަޕްގެ ފައިނަލަށް ދިއުމުގެ އިނާމުގެ ގޮތުގައި ޖޯޑަން އަށް ދޭ ފައިސާ މިހާތަނަށް ފީފާއިން ނުދީ އޮތީ ހަތަރު ވަނަ ދައުރަކަށް ފީފާގެ ރައީސް އިންފަންޓީނޯ ކުރިމަތިލައްވަން ޖޯޑަން ތާއީދު ނުކުރާތީ ކަމަށް ޕްރިންސް އަލީ ވަނީ މީގެ ތިން ދުވަސް ކުރިން ވިދާޅުވެފަ އެވެ.

"ފީފާ އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ އަހަރުމެންނަށް ނުދީ ހުރި ފައިސާ ކުއްލި ގޮތަކަށް ނަމަވެސް ދިނުމުން. މިހާތަނަށް މި ފައިސާ ނުދީ އޮތީ އަހަރުމެން އިންފަންޓީނޯ އަށް ތާއީދު ނުކުރާތީވެ. އަހަރެން ގާތުގައި ބުނެފައި އޮތީ އިންފަންޓީނޯ އަށް ތާއޫދު ކުރާކަން ފާޅުގައި ބުނުމާއެކު ފައިސާ ލިބޭނެ ކަމަށް. މިކަން މިހެން އޮއްވާ މައްސަލަ ޖެހިގެން ނަމަވެސް ފައިސާ ދިނަސް އަހަރުމެންގެ ތާއީދެއް އަދިވެސް އޭނާ އަސް ނުލިބޭނެ،" ޕްރިންސް އަލީ ވިދާޅުވި އެވެ.

ފީފާގެ ރައީސް ކަމުގެ ދަހިވެތިކަމުގައި ޖިއާނީ އިންފަންޓީނޯ މެމްބަރު ގައުމުތަކަށް ބިރުދައްކައި ހެދި ކަމަށް ޖޯޑަން އިން ބުނީ ވެސް އެ ގައުމަށް ދޭން ހުރި ފައިސާ ހިފެހެއްޓުމުންނެވެ.

ޕްރިންސް އަލީ އަކީ ފީފާގެ ރައީސް ކަމަށް އިންފަންޓީނޯއާ ވާދަކުރައްވަން 2016 ވަނަ އަހަރު މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

"އޭނާ ބޭނުންވީ އަހަރެން އޭނަ އަށް ފީފާގެ ރައީސް ކަމަށް ތާއީދު ކުރާކަން ބުނަން. އެކަން ކުރީމަ ނޫނީ ފައިސާ ނުދޭނެ ކަމަށް ބުނެފައި އޮތީ. މިފަދަ ބްލެކްމެއިލް ކުރުންތަކުގެ ތެރޭގައި ފީފާ އެ އޮންނަނީ. ވަރަށް އަމިއްލަ އެދުން ބޮޑުކޮށް އިންފަންޓީނޯ ކަންކަން ކުރަނީ" އަލީ ވިދާޅުވި އެވެ.

ޖޯޑަން އަކީ އިންފަންޓީނޯ އަށް ތާއީދު ނުކުރާނެކަން އިއުލާނު ކުރި އޭޝިޔާގެ ފުރަތަމަ ގައުމެވެ. އޭޝިޔާގެ މައި ފުޓްބޯޅަ ޖަމާއަތުން އިންފަންޓީނޯއަށް ތާއީދު ނުކުރާނެކަން ފާޅުގައި ބުނެފައިނުވާއިރު އޭޝިޔާގެ ގައުމުތައް ވަނީ ދެބަޔަކަށް ބެހިފައި ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކެ އެވެ. ސަބަބަކީ އޭޝިޔާގެ ކުދި ގައުމުތަކާއި ބައެއް ބޯޑެތި ގައުމުތަކާއެކު އިންފަންޓީނޯ ވަރަށް ގާތް ގުޅުމެއް ބާއްވާފައިވުމެވެ. ނަމަވެސް ޔޫރަޕާއި ކޮންކާކަފްއިން އޭނާއާ ދެކޮޅުވުމުން މިހާރު ވެސް ފީފާގެ މެމްބަރު 211 ގައުމުގެ ތެރެއިން 91 ގައުމު އޭނަ އަށް ވޯޓު ނުދޭނެކަން ޔަގީން ކުރެވެ އެވެ. އޭނާ މަގާމުން ދުރުކުރަން ބޭނުންވަނީ 106 ވޯޓެވެ. މިއީ ހާސިލްވުން ވަރަށް ގާތް ޓާގެޓެއް ކަމަށް ވެސް ގިނަ ބަޔަކު ދެކެ އެވެ.

އިންފަންޓީނޯ އަށް އިތުބާރު ނެތިގެން އުޅެނީ ފީފާގެ ތެރެއިން ވިޔަފާރި ކުންފުންޏެއް އުފައްދައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާއިލާއާ ގުޅުންހުރި ވިޔަފާރިވެރިންނަށް 20 ޕަސެންޓް ހިއްސާ ވިއްކާލަން އުޅުމުންނެވެ. ގިނަ ބަޔަކު މިކަން ސިފަ ކުރަނީ އަމިއްލަ އެދުމާއި ފުޓްބޯޅައިގެ މިނިވަންކަން ވިއްކާލުން ފަދަ ކަމެއްގެ ގޮތުގަ އެވެ.