ތ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ވަޔާއި ކަނޑުމަގުން ބޮޑު ސަރަޙައްދެއް ބަލާފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.
ތ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުންދަނިކޮށް "ފްރެންޓް-4" ނަމަކަށް ކިޔާ މި ދޯނި އަޑިއަށްގޮސްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި ޙާދިސާގައި މީހުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި 3 މީހަކު ވަނީ ގެއްލިފައެވެ.
މި ޙާދިސާގައި ގެއްލިފައިވަނީ އުމުރުން 33 އަހަރުގެ ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ އުމުރުން 39 އަހަރުގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދެވެ. އަދި ގެއްލިގެން ހޯދަމުންދާ ތިން ވަނަ މީހަކީ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، އުމުރުން 35 އަހަރުގެ މުޙައްމަދު ޙަމްދޫނެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، އެމީހުން ހޯދުމުގެ މަސައްކަތުގެ ތެރެއިން އިއްޔެ މޯލްޑިވިއަންގެ މަތިންދާބޯޓާއި އެމްއެންޑީއެފް އެއަރ ކޯރގެ ޔޫއޭވީ ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުން 881 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލާފައިވާކަމަށެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްތަކާއި ސީއެމްބިއުލޭންސް "SA038 ,SA037"ގެ އިތުރުން ފުލުހުންގެ ލޯންޗު ބޭނުންކޮށްގެން ކަނޑުމަގުން 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލާފައިވާކަމަށެވެ. މިހާތަނަށް ކުރެވުނު މަސައްކަތުން އެ 3 މީހުން އަދި ފެނިފައިނުވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
8 މީހުންނާއެކު ހުވަދުއަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ބުދަދުވަހުގެ ރޭ 22:40 އެހައިކަންހާއިރުކަމަށް އެ އިދާރާއިން މައުލޫމާތުދެއްވައެވެ. "ފްރެންޑް 4" ނަމަކަށް ކިޔާ މި ދޯންޏަކީ ތ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ދޯންޏެކެވެ. ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދިޔަ ސަޕްލައި ދޯންޏެކެވެ.
މިދޯނި ފެތި އަޑިއަށްދިޔަ ހާދިސާ ހިނގިއިރު ދޯނީގައި ތިބި 8 މީހުން ތިބިއިރު އޭގެތެރެއިން 7 މީހުން ވަނީ ސަލާމަތްކޮށްފައެވެ.