ކިބުރުވެރިކަމެއް ނެތި މަޑުމައިތިރިވުމާއި، އޯގާތެރިވުމަކީ ސުވަރުގެ ލިއްބައިދޭ މާތް ސިފަތަކެއް ކަމަށާއި، ބޮޑާވުމާއި، ހިތްހަރުކަމާއި، ރުޅިވެރިކަމަކީ ނަރަކައަށް މަގުދައްކާ ކަންކަން ކަމެއް ހުކުރު ޚުޠުބާ ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫއަކީ "މަޑުމައިތިރިކަން އިސްކުރުން" އެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވީ މަޑުމައިތިރިކަން ފަދަ އަޚުލާޤީ ރިވެތި ސިފަތަކަކީ މި ދީނުގެ މުހިންމު ބައެއްކަން ދަންނަ މީހުން މިއަދު މަދުކަމަށެވެ. އަހަރެމެންގެ ތެރޭގައި ފަރުޟުތަކަށް ރައްކާތެރިވުމާއެކު، ސުންނަތް ނަމާދާއި ސުންނަތް ރޯދައާއި ޞަދަޤާތްކުރުން ފަދަ ހެއު ޢަމަލުތައް ކުރާ މީހުން މަދެއް ނޫންކަމަށެވެ. އެހެނަސް ހިތާމައަކީ، އެ ފަދަ ހެއުލަފާ މީހުންގެ ތެރޭގައި ވެސް، މީސްތަކުންނާ މުޢާމަލާތުކުރުމުގައި ހަރުކަށިކަމާއި، ދޫނުދިނުމާއި އެހެން މީހުންގެ ކުށްތަކަށް މަޢާފުނުކުރުމުގެ ނުބައި ސިފަ ހުންނަކަން ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
"ފިރުޢައުނަކީ ބޮޑު ކާފިރެއް. ކަލާނގެކަމަށް ދަޢުވާކުރި ނުލަފާ އަނިޔާވެރިއެއް. ނަމަވެސް އޭނާއާ މުޚާޠާބުކުރެއްވުމަށް އަންގަވައިފައިވަނީ ވެސް މަޑުމައިތިރިކަމާއެކުގައި." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު އެކަލޭގެފާނުގެ އަހުލުވެރީންނާއި، އަޞްޙާބުންނާއި، އަވަށްޓެރީންނާ މުޢާމަލާތު ކުރެއްވުމުގައި ގެންގުޅުއްވީ މަޑުމައިތިރިކަމާއި އޯގާވެރިކަމެވެ. އަދި ދުޝްމަނުންނާ މުޢާމަލާތުކުރެއްވުމުގައި ވެސް އިސްކުރެއްވީ މަޑުމައިތިރިކަމާއި އޯގާވެރިކަމުގެ ސިފަފުޅެވެ. އަހަރެމެން ނަމޫނާއަކަށް ނަގާންވީ އެ ކަލޭގެފާނުގެ މާތް އަޚުލާޤުފުޅުކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
"ދީންވެރި މުސްލިމަކީ އެހެން މީހުންނަށް އުނދަގޫކޮށް، އަމިއްލަ ނަފުސަށް ޓަކައި ބަދަލުހިފާ މީހާއެއް ނޫން. އޭގެ ބަދަލުގައި ދީންވެރި މުސްލިމަކީ މަޢާފުކުރުން އިސްކުރާ މީހާ."
ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
އަހަރެމެން ކީރިތި ޤުރްއާނަށް ފުންކޮށް ވިސްނައިފި ނަމަ، މުޢާމަލާތުތަކާ ގުޅޭ ގިނަ އާޔަތްތަކެއް ހުރިކަން އެނގޭނެއެވެ. އެހެންކަމުން އަހަރެމެންގެ މުޢާމަލާތުތައް ވާންޖެހޭނީ އިސްލާމީ ހަމަތަކަށް ފެތޭ މުޢާމަލާތުތަކަކަށެވެ. ތިމާގެ ފުށުން އެހެން މުސްލިމަކަށް އެއްވެސް ގެއްލުމެއްދޭ މީހަކީ ފުރިހަމަ މުސްލިމަކަށް ނުވާނެކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ. ހުޠުބާގައި ވިދާޅުވީ މީސްތަކުންނާ އޯގާތެރިކޮށް މުޢާމަލާތުކުރުމަކީ މާތްﷲ ލޯބިވެވޮޑިގަންނަވާ މަތިވެރި ސިފައެއް ކަމަށެވެ.