ޚަބަރު

ބާޒާރުން ގަންނަ ބޭހުގެ ހަގީގަތް އެނގުން މުހިއްމު


  • ބަރުދަން ލުއިކުރުމަށާއި ބަރުވުމަށްވެސް ސަޕްލިމެންޓް ބޭނުންކުރޭ

  • ބައެއް ސަޕްލިމެންޓްތަކުގައި އެހެން ބައެއް ބޭސްތަކާއި ފުށުއަރާ މާއްދާތައް އެކުލެވޭ

  • ބޭސް އުފެއްދި ތަނާއި ޤައުމު އެނގުން މުހިއްމު

  • ސަޕްލިމެންޓްތަކުގެ ލޭބަލް ރަނގަޅަށް ކިޔަންޖެހޭ

ބާޒާރުގައި މަލްޓިވިޓަމިންސްއާއި ސަޕްލިމަންޓްގެ އެކި ބާވަތްތައް ފެންނަން ހުރެއެވެ. ހަށިގަނޑަށް ބޭނުންވާ އެކި މާއްދާތައް ހޯދުމަށާއި، ބަރުދަން ލުއިކުރުމާއި، އިތުރަށް ބަރުވުމަށް ބޭނުންވާ ބުއިންތަކާއި ބޭސްތައް ހުރެއެވެ. އެހެންނަމަވެސް މިފަދަ ކޮންމެ ބުއިމެއް ނުވަތަ ބޭހެއް ބޭނުންކުރުމުގެ ކުރިން ސަމާލުވާންޖެހޭ ކަންކަން ހުރެއެވެ.

ދުޅަހެޔޮކަންމަތީ ތިބުމަށް ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ގުދުރަތީ ބާވަތްތައް ބޭނުންކޮށްގެން ގޭގައި ތަކެތި އުފައްދައެވެ. އެކި ބަލިތަކާއި ގުޅިގެން ގޭގައި ތައްޔާރުކުރެވޭ އެކި ބާވަތްތަކުގެ އުފެއްދުންތަކާއި ބަރުދަން ލުއިކުރުމާއި ގުޅުންހުރި އެކި އުފެއްދުންތައްވެސް އޭގައި ހިމެނޭ ފައިދާތަކަށް ބެލުމަށްފަހު އެކި މީހުން ބޭނުންކުރެއެވެ. އަދި ބައެއް ފަރާތްތަކުން މިފަދަ އުފެއްދުންތަކުން އެފަރާތްތަކަށް ކުރެވޭ ތަޖުރިބާއަށް ބެލުމަށްފަހު އެކަމުން މާލީ މަންފާ ހޯދޭނެ ވަޞީލަތަކަށް ހެދުމަށްފަހު ބާޒަރަށް އެބާވަތްތައް ވިއްކުމަށް ނެރުމަކީ ބައެއް ޤައުމުތަކުން ފެންނަކަމެކެވެ. އެހެންނަމަވެސް އެފަދަ ކޮންމެ އުފެއްދުމެއްވެސް ބާޒާރަށް ނެރުމާއި ހަމައަށް އަންނަންޖެހެނީ ގިނަ މަރުހަލާތަކެއް ފުރިހަމަކުރެވިގެންނެވެ. ނަގަންޖެހޭ ހުއްދަތަކެއް ހުރެއެވެ.

މިކަމަށްޓަކައި ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ކަމާބެހޭ އިދާރާތަކުން ވަކި މިންގަނޑުތަކެއް ކަނޑައަޅާ އެއަށް ނުފެތޭ މިފަދަ ބާވަތްތަކުގެ އުފެއްދުންތައް ބާޒާރަށް ނެރޭތޯ ބަލައި މޮނީޓަރކުރަމުންދެއެވެ. އަވައްޓެރި ބައެއް ޤައުމުތަކުން ރާއްޖެއަށް އެތެރެކުރާ އެކި ބޭހާއި އަދި ޞިއްޙަތާއި ގުޅިފައިވާ އެކި ސަޕްލިމެންޓްތައް އެތެރެކުރުމުގައި ފަރުދީގޮތުންވެސް ބަލަންޖެހޭކަންކަން ހުރެއެވެ. ތަކުރާރުކޮށް އެކަންކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކުރައްވައެވެ.

ރާއްޖޭގެ ބައެއް ފަރާތްތަކުން ހެލްތު ސަޕްލިމަންޓްގެ ގޮތުގައި ބާޒާރަށް ނެރެ ވިއްކަމުންދާ ބައެއް ތަކެއްޗާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްއެފްޑީއޭގެ ޑިރެކްޓަރ ފާމަސޫޓިކަލް ޢައިޝަތު ޖަލީލާ ވިދާޅުވީ މިފަދަ ބާވަތްތައް ބާޒާރުން ގަންނައިރު، އޭގައި ހިމެނޭ ލޭބަލް ވަރަށް ބޮޑަށް ބަލަންޖެހޭކަމަށެވެ.

"އެންމެ ކުޑަމިނުން އެއީ ކޮންތާކުން އުފައްދާފައިވާ އެއުފެއްދި މެނުފެކްޗަރަރގެ ޑީޓެއިލްސް، ބަލައިގެންވެސް އެނގިދާނެ އެއީ ދުނިޔޭގަ ހުރި ތަނެއްކަންވެސް." ޖަލީލާ ވިދާޅުވިއެވެ.

ޢައިޝަތު ޖަލީލާ ވިދާޅުވީ ބާޒާރުން ފެންނަ ގިނަ ބާވަތްތަކުގެ ސަޕްލިމެންޓްތަކުގައި އުފެއްދިތަނަކާއި އެއުފެއްދި ބައެއްގެ މަޢުލޫމާތު ނުހުންނަކަމަށެވެ. އަދި އެސަޕްލިމެންޓެއް އުފެއްދުމަށް ބޭނުންކޮށްފައިވަނީ ކޮންއެއްޗެއްކަން އޭގެ ލޭބަލްއިން އެނގެންޖެހޭނެކަމަށް ވިދާޅުވިއެވެ.

ބާޒާރުގައި ހުންނަ ރަނގަޅު އުފެއްދުންތަކުގައި އެއުފެއްދުމެއްގައި އެކުލެވޭ ބާވަތްތަކާއި އޭގައި އެބާވަތެއް ބޭނުންކޮށްފައިވާ މިންވަރު އެނގެން ހުރެއެވެ. މިގޮތަށް އެނގޭނެހެން ހުންނަންޖެހޭ އެންމެ މުހިއްމު ސަބަބަކީ އެކި ބާވަތްތަކަށް އެލަރޖިކްވާ ފަރާތްތަކާއި، އެމީހަކު ބޭނުންކުރާ އެހެން ބޭހަކާއި ނުގުޅޭ ނުވަތަ ފުށުއަރާ ބާވަތެއް އެއްކޮށްފައިވާނަމަ އެކަން އެނގެން ހުންނާނެތީއެވެ. އަދި މިއީ ފުރާނައަށް ނުރައްކާވެދާނެ ފަދަ ހާލަތްތަކަށް މީހާ ހުށައެޅިދާނެ ހާލަތެއްކަމުން ބާޒާރުން ގަންނަ އެކި ސަޕްލިމަންޓުތަކާއި ގުޅޭގޮތުން ރަނގަޅު މައުލޫމާތު ހޯދުމަކީ ކޮންމެހެން ކުރަންޖެހޭކަމެކެވެ.