ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކްލަބް މޯލްޑިވްސް ގުޅިގެން ހިންގާ އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގެ ބ. އަތޮޅުގެ ގުރޫޕު ބީ އިން ސެމީގެ ޖާގައެއް ކަށަވަރުކުރާ ފުރަތަމަ ޓީމަށް ވުމުގެ ފުރުސަތު ތުޅާދޫއިން ނަގާލައިފިއެވެ.
މުބާރާތުގައި ބ. އަތޮޅުގެ ގްރޫޕް ބީގައި ހިމެނެނީ ތުޅާދޫއާއި ދޮންފަނުގެ އިތުރުން ފެހެންދޫއެވެ.
މި ގުރޫޕުގައި ކުޅުނު ފުރަތަމަ މެޗުގައި ތުޅާދޫއިން ވަނީ ފެހެންދޫގެ މައްޗަށް 2-3 އިން ކުރިހޯދާފައެވެ. އެހެންކަމުން ދޮންފަނާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށްލައިގެން، ޖުމްލަ ހަތަރު ޕޮއިންޓާއެކު ސެމީގެ ޖާގައެއް ކަށަވަރުކުރެވެން ތުޅާދޫއަށް އޮތެވެ.
އެކަމަކު އޭދަފުށީ ފުޓްސަލް ދަނޑުގައި ފެނިގެންދިޔަ ތުޅާދޫ އަދި ދޮންފަނުގެ ކުރިމަތިލުމުގައި ތުޅާދޫ ބަލިވުމުން، އެ ޓީމަށް ޖެހެނީ މި ގުރޫޕުގެ ފަހު މެޗުގައި ދޮންފަނާއި ފެހެންދޫ ބައްދަލުކުރާ މެޗުގެ ނަތީޖާއަށް އިންތިޒާރުކުރާށެވެ.
މި މެޗުން ތުޅާދޫގެ މައްޗަށް ދޮންފަނުން ކުރިހޯދީ 2-4ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީވެސް ދޮންފަނުންނެވެ. މެޗުގެ 18ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ މޮންތަޒެމީ މުޙްސިންއެވެ. އެހެންނަމަވެސް ހާފު ނިމުމުގެ ކުރިން، 20 ވަނަ މިނެޓުގައި އީމާން އިލްޔާސް ވަނީ ތުޅާދޫއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ދެވަނަ ހާފު ފަށައިގެން ވެސް މޮޅަށް ކުޅެމުން ދިޔަ ދޮންފަނުން ވަނީ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި އަލުން އެ ޓީމަށް ލީޑުނަގައިދީފައެވެ. އަދި އޭގެ ތިން މިނެޓުފަހުން އަޙްމަދު އިފްޙާމް ދޮންފަނުގެ ލީޑު ފުޅާކޮށްދިން އިރު އޭގެ މިނެޓެއްފަހުން އިފްޙާމް ވަނީ ދޮންފަނުގެ ހަތަރުވަނަ ލަނޑުވެސް ޖަހައިދީފައެވެ.
މި ނަތީޖާގައި މެޗު ނިމެންދަނިކޮށް ދެވަނަ ހާފުގެ 17ވަނަ މިނެޓުގައި ހަސަން ނާއިލް ދާވޫދު ވަނީ ތުޅާދޫގެ ދެވަނަ ލަނޑު ޖަހައި ފަރަގު ކުޑަކޮށްފައެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދޮންފަނުގެ ކެޕްޓަން އަދި މެޗުގައި ދެ ލަނޑު ޖެހި އިފްޙާމެވެ.
މި ނަތީޖާއާއިއެކު މި ގުރޫޕުގެ ޕޮއިންޓު ތާވަލުގެ އެއްވަނައަށް ދޮންފަނު ޖެހިލީ ތިން ޕޮއިންޓާއި ފައިދާ ދެ ގޯލާއެކުއެވެ. ތުޅާދޫއަށް ވެސް ތިން ޕޮއިންޓު ލިބިފައިވާއިރު އެ ޓީމަށް ގެއްލުން އެއް ގޯލު އެބައޮތެވެ. އެ ޓީމަށް ގުރޫޕު ސްޓޭޖުގައި އިތުރު މެޗެއް ނެތްއިރު، ސެމީގެ ޖާގައެއް އެ ޓީމަށް ކަށަވަރުވާނީ މި ގުރޫޕުގެ ފަހު މެޗުގައި ދޮންފަނު އަތުން ފެހެންދޫއަށް މޮޅެއް ނުހޯދިއްޖެ ނަމައެވެ.
މި ގުރޫޕުގެ ފަހު މެޗުގައި މާދަމާ ފެހެންދޫއާއި ދޮންފަނު ބައްދަލުކުރާއިރު އެ މެޗުން ތިން ލަނޑަށްވުރެ ކުޑަ ފަރަގަކުން ފެހެންދޫ މޮޅުވެއްޖެނަމަ ތުޅާދޫއަށް މުބާރާތް ނިމޭނެއެވެ. އެ މެޗުގައި ހަތަރު ލަނޑުގެ ފަރަގަކުން ފެހެންދޫ މޮޅުވެއްޖެނަމަ ސެމީއަށް ދާނީ ފެހެންދޫއާއި ތުޅާދޫއެވެ.