ޚަބަރު

މޮރީނިއޯގެ އިތުބާރު އަލެކްސަންޑާ އާނޯލްޑްއަށް ހޯދޭނެބާ!


  • ޕްރީސީޒަން އެކުގައި ފުރިހަމަކުރި

ލިވަޕޫލާއެކު އޮތް އެއްބަސްވުން ހަމަވާން މަހެއްހާ ދުވަސް ބާކީ އޮއްވާ ރެއާލް މެޑްރިޑުން ޓްރެންޓް އަލެކްސެންޑާ އާނޯލްޑްގެ ސޮއި ހޯދީ 10 މިލިއަން ޔޫރޯ ދައްކާފައެވެ. މަސް ދުވަހުވެސް މަޑުކޮށްނުލާ, ލިވަޕޫލަށް އެއަގު ދީފައިވެސް އިނގިރޭސި ޑިފެންޑަރު ލައްވާ އަވަހަށް ކުޅުވަން ރެއާލް އިން ބޭނުންވީ އާނޯލްޑަށް އޮތް އިތުބާރު ބޮޑުވުމުންނެވެ.

އެކަމަކު 27 އަހަރުގެ ޑިފެންޑަރަށް ސްޕެއިންގެ ރެއާލް މެޑްރިޑާއެކު ފުރަތަމަ ސީޒަންވީ ނާކާމިޔާބު ސީޒަނަކަށެވެ. ފުރަތަމަ ކަމަކަށް ރެއާލް އަށް ބޮޑު މުބާރާތެއް ކާމިޔާބު ނުކުރެވި ސީޒަން ނިންމާލަން ޖެހުމެވެ. ދެވަނަ ކަމަކަށް އަނިޔާގެ މައްސަލަތަކާއެކު ރެއާލްގައި އޭނާއަކީ މުހިއްމު ކުޅުންތެރިއެއްކަން ސާބިތުކޮށް ނުދެވުނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ވަރލްޑް ކަޕް ސްކޮޑުންވެސް ޖާގަ ނުލިބުނެވެ. އިނގިރޭސި ޓީމުން މުބާރާތުގެ 4 ވަނަ ހޯދީ އެގައުމުގައި މިވަގުތު ހުރި އެންމެ މޮޅު ޑިފެންޑަރުކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ކުޅުންތެރިޔާ ނުލައެވެ.

މިހާރު އޮތް ސުވާލަކީ އާ ސީޒަންގައި އަލެކްސެންޑާ އާނޯލްޑް އަށް ފެންވަރު ދައްކާލެވިދާނެތޯއެވެ. ލިވަޕޫލްގައި ދެއްކި ކުޅުން ތަކުރާރު ކުރެވިދާނެތޯއެވެ. ކޯޗު މޮރީނިއޯގެ އިތުބާރު ހޯދިދާނެ ތޯއެވެ. ރެއާލްގެ ފުރަތަމަ އެގާރައިން ޖާގަ ޔަގީން ކުރެވިދާނެތޯއެވެ.

ރެއާލް މެޑްރިޑާ ގުޅުނުތާ 14 މަސް ދުވަސް ވީއިރު އާސީޒަނަށް އާނޯލްޑް ނިކުންނާނީ ތިންވަނަ ކޯޗާއެކުއެވެ. މިދިޔަ ސީޒަން ފެށީ އަލޮންސޯއާއެކުއެވެ. އޭގެފަހުން އާބެލޯ އެވެ. އާސީޒަންގައި ހުރީ ރެއާލްއާއެކު ކާމިޔާބު ހޯދާފައިވާ މޮރީނިއޯ އެވެ. އާސީޒަން ފަށާއިރު އާނޯލްޑް އަށް ވަރަށް ބޮޑު ފުރުޞަތެއް އެބައޮތެވެ. އެއީ ވަރލްޑްކަޕް ޓީމްގައި ނުހިމެނުމާއި, އަނިޔާއިން އެނބުރި އައިސްފައި ވުމުން ޕްރީ ސީޒަން ފަރިތަކުރުންތަކުގައި ފުލްކޮށް ބައިވެރިވެވުމެވެ. މޮރީނިއޯއަށް އޭނާގެ މިހާރު ހުރި ފެންވަރު ސާބިތުކޮށްދޭނެ ފުރުޞަތު ލިބުމެވެ.

އަލެކްސެންޑާ އާނޯލްޑް އަކީ ނުފޫޒު ގަދަ ޑިފެންޑަރެކެވެ. ޕާސްތަކާއި, ބަރާބަރު ހުރަސްތައް އަދި ޕްރެޝަރ ވަގުތުތަކުގައި ގޭމް ކޮންޓްރޯލް ކުރުމަކީ އޭނާގެ ކޮލިޓީއެވެ. ސެޓްޕީސްތަކުގައިވެސް އޭނާއަށް އޮތީ އިތުބާރެވެ. އެކަން މޮރީނިއޯވެސް ގަބޫލުކުރެއެވެ. އެކަމަކު އާސީޒަންގައި ދަނޑުމަތިން އެކަން ސާބިތުކޮށްދޭން ޖެހެއެވެ. ޑިފެންސް ލައިންގެ ޖާގަ ކަށަވަރުކުރަން ވާދަކުރަން ހުރީ އަލަށް ޓީމާ ގުޅުނު ޑަމްފްރައިސް އެވެ. އިންޓަރ މިލާނުން ރެއާލްއާ ގުޅުނު ނެދަލެންޑްސްގެ ވަރުގަދަ ޑިފެންޑަރަކީ ފުރަތަމަ އެގާރައިގެ ޖާގަ ހޯދަން އާނޯލްޑަށް އޮތް ވަރުގަދަ ޗެލެންޖެކެވެ.

ފާއިތުވި ސީޒަންގައި ދެފަހަރެއްގެ މަތީން ލިބުނު އަނިޔާގެ ސަބަބުން ރެއާލް އިން ކުޅުނު 62 މެޗުގެ ތެރެއިން އާނޯލްޑް އަށް ކުޅުމުގެ ފުރުޞަތު ލިބުނީ 35 މެޗުގައެވެ. އޭގެތެރެއިންވެސް ފުރަތަމަ އެގާރައިން ޖާގަ ލިބުނީ 27 މެޗުގައެވެ. އާ ކޯޗާއެކު އާނޯލްޑް ހުރީ ރެއާލްއާއެކު ތަށި ހޯދުމަށް އަޒުމް ކަނޑައަޅައިގެންނެވެ. ކޯޗު މޮރީނިއޯއަށް އޮތީ އޭނާގެ ތައުރީފެވެ. ޕްރިމިއަރ ލީގުގައި މޮރީނިއޯގެ ޓީމާ ދެކޮޅަށް ކުޅުނު އަލެކްސެންޑާ އާނޯލްޑް ބުނީ އާ ކަންތައްތައް ދަސްކޮށްދީ, މޮރީނިއޯ ރެއާލްއަށް މިއަހަރު ތަށިތައް ހޯދައިދޭނެކަމާމެދު ޝައްކު ނުކުރާ ކަމަށެވެ.