ޚަބަރު

3 ސެޓުން ގޮއިދޫ ބަލިކޮށް ފެލިދޫ ވޮލީގެ ރަސްކަމަށް


  • މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ފެލިދޫގެ ނިލާމް

  • އެންމެ މޮޅު ކޯޗަކީ ފެލިދޫގެ ކޯޗު ޝަރަފް

ރާއްޖެ ސުޕަ ލީގުގެ ފައިނަލުގައި ސީދާ ތިން ސެޓުން ބ. ގޮއިދޫގެ މައްޗަށް ކުރިހޯދާ ވ. ފެލިދޫ އިން ޗެމްޕިއަންކަން ހޯދައިފިއެވެ.

ރާއްޖެ ރަށްރަށަށް އަމާޒުކޮށްގެން ބޭއްވި، ރާއްޖެ ސުޕަ ލީގުގައި ޖުމްލަ ހަތް ރަށަކުން ވަނީ ބައިވެރިވެފައެވެ. އެއީ ފެލިދޫ އާއި ގޮއިދޫގެ އިތުރުން ލ. ފޮނަދޫ، ކ. މާފުށި، ކ. ތުލުސްދޫ، ހދ. ހަނިމާދޫ އަދި ތ. ހިރިލަންދޫއެވެ.

ރާއްޖޭގެ ވޮލީގެ ގިނަ ތަރިންތަކެއްގެ މައްޗަށް އެކުލެވޭ. ވ. ފެލިދޫއިން މި މެޗުގެ ސެޓުތައް ގެންދިޔައީ، 25-21، 25-16 އަދި 25-23 އިންނެވެ.

މި މެޗުގެ އެންމެ ފޯރިގަދަކޮށްދިޔައީ ފުރަތަމަ ސެޓެވެ. މި ސެޓު ފަށައިގެން ފެލިދޫއިން ހަތަރު ޕޮއިންޓެއްގެ ލީޑެއްގައި އޮވެގެން ކުޅުނު ނަމަވެސް ސެޓުގެ މެދުތެރެއިން، ގޮއިދޫ އިން ވަނީ ކުޅުން ރަނގަޅުކޮށް 13-13 އިން އެއްވަރުކޮށްފައެވެ. އެކަމަކު، ފެލިދޫގައި ތިބި ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ހަސަން ނިލާމް (ޕާޓޭ) ހުސެއިން ވިޝާމް (ބުޅިކެ)، އަލީ ހުޒާމް (ހުޒަންޓޭ) އަދި އާދަމް ފައިރޫޒް އާއި ބިދޭސީ ކުޅުންތެރިޔާ މުރާދު ޖީހާންގެ މޮޅު ކުޅުމާއެކު ފެލިދޫ އިން ވަނީ އެ ޓީމު ކޮޅަށް ސެޓު އަނބުރާލައި 25-21 އިން ސެޓު ކާމިޔާބުކޮށްފައެވެ.

ދެވަނަ ސެޓުގައި ގޮއިދޫގެ ފަރާތުން ފެނިގެންދިޔައީ ޖުމްލަކޮށް ދަށް ކުޅުމެކެވެ. އޭގެ ފައިދާ ނަގާ، ފެލިދޫ އިން ވަނީ ފަސޭހަކަމާއެކު 25-16 އިން ސެޓު ކާމިޔާބުކޮށްފައެވެ.

ތިންވަނަ ސެޓު ފަށައިގެން ވެސް ފެލިދޫ ފެނިގެންދިޔައީ ވަރުގަދަކޮށެވެ. އެގޮތުން މި ސެޓުގެ ވަކި ހިސާބަކުން ފެލިދޫ އިންވަނީ ހަ ޕޮއިންޓެ ލީޑެއްވެސް ނަގައިފައެވެ. އެކަމަކު ސެޓުގެ ފަހުކޮޅު ގޮއިދޫ އިން ވަނީ ކުޅުން ރަނގަޅުކޮށް ފެލިދޫ އަށް ރަނގަޅު ފައިޓެއް ދީފައެވެ. މި ސެޓުގައި ވެސް ފެލިދޫގެ ތަފާތަކަށްވީ، ތަޖުރިބާކާރު ކުޅުންތެރިންނެވެ. މި ސެޓު އެ ޓީމުން ގެންދިޔައީ 25-23 އިންނެވެ.

މި މުބާރާތުގެ އެންމެ މޮޅު އައުޓްސައިޑް އެޓޭކަރުންނަކީ، ފެލިދޫގެ ހުޒާމް އާއި ގޮއިދޫގެ ޝަމާއިލް ހުސެއިންއެވެ. އެންމެ މޮޅު މިޑިލް ބްލޮކަރުންނަށް ގޮއިދޫގެ މުހައްމަދު ލަހުފާން އަލީ އަދި އިބްރާހީމް ފަޒީލް ހޮވުނުއިރު، އެންމެ މޮޅު ސެޓަރަކަށް ހޮވުނީ ފެލިދޫގެ ވިޝާމްއެވެ.

މީގެ އިތުރުން އެންމެ މޮޅު އޮޕަސިޓް ޕްލޭޔަރަކަށް ފެލިދޫގެ ނިލާމް ހޮވުނިއިރު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކީ މުރާދު ޖީހާންއެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ފެލިދޫގެ ނިލާމް ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ ފެލިދޫގެ ކޯޗު މުހައްމަދު ޝަރަފްއެވެ.

ރާއްޖެ ސުޕަ ލީގުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ފެލިދޫ އިން ހޯދިއިރު، މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަނުންނަކީ ލ. މާބައިދޫއެވެ.