ޚަބަރު

ރައީސްގެ އަރިހަށް ސާކްގެ ސެކްރެޓަރީ ޖެނެރަލް ވަދާއީ އިޙްތިރާމްގެ ޒިޔާރަތެއް


  • ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި ކުރެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކުރެއްވި

  • ބައިނަލްއަޤްވާމީ މައިދާނުގައި ސާކް އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވި

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން، ސާކްގެ ސެކްރެޓަރީ ޖެނެރަލް، ގޯލަމް ސަރުވާރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަދާއީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި ގޯލަމް ސަރުވާރު ކުރެއްވި އިޚްލާޞްތެރި ޚިދުމަތްތަކާއި ދެއްވި އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ސާކް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ތަކުރާރު ކުރައްވައި، ސެކްރެޓަރީ ޖެނެރަލްގެ ލީޑަރޝިޕަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފު ކުރެއްވިއެވެ.

މީގެ އިތުރުން، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ސާކް އަދާކުރާ މުހިންމު ދައުރުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

ސާކްގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ސާކް އުފެއްދި މެންބަރު ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއަކީ އެ ޖަމްޢިއްޔާއަށް ނުހަނު މުހިންމު ޤައުމެއްކަން ފާހަގަކުރައްވައި، ސާކްގެ މަސައްކަތްތައް އަލުން ދިރުވައި އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ސާކްގެ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ސަރަޙައްދީ ގުޅުން ބަދަހިކުރުމާއި ކުރިއަށް އޮތް ތަނުގައި ގުޅިގެން ކުރިއަށްދެވޭނެ ގޮތްތަކާ ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ސެކްރެޓަރީ ޖެނެރަލަށް ކުރިމަގުގައި ކާމިޔާބީއަށް އެދިވަޑައިގެން، މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ކުރިއެރުވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.

ދިވެހިރާއްޖެއަކީ 8 ޑިސެމްބަރު 1985 ގައި ޑާކާގައި ސާކް ޗާޓަރުގައި ސޮއިކޮށް، އެ ޖަމްޢިއްޔާ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި މެންބަރު ޤައުމެކެވެ.