ޚަބަރު

"މާޒިޔާގެ ޒުވާން ކުޅުންތެރިންނަށް އޮތީ ޕްރެޝަރެއް ނޫން، މެނޭޖްމަންޓުގެ އުއްމީދު"


  • މާޒިޔާގެ ސްކޮޑުގެ އެވަރެޖް އުމުރަކީ 23 އަހަރު

  • މިސީޒަނުގައި މާޒިޔާއިން އިސްކަންދެނީ ޒުވާން ކުޅުންތެރިންނަށް

ދިވެހި ފުޓުބޯޅައިގެ ގަދަބާރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ސްކޮޑުގައި ހިމެނޭ ޒުވާން ކުޅުންތެރިންނަށް އޮތީ ބޮޑު ޕްރެޝަރެއް ނޫންކަމަށާއި، އެ ކުޅުންތެެރިންނަށް އޮތީ ކުލަބުގެ މެނޭޖްމަންޓުގެ އިތުބާރުކަމަށް ސީނިއަރ ޓީމުގެ އެސިސްޓަންޓް ކޯޗު، އިބްރާޙީމް ސައީދު (ކަކާ) ބުނެފިއެވެ.

"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން މާޒިޔާއާއިއެކު 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި މާޒިޔާގެ ޒުވާން ޓީމުގެ ހެޑް ކޯޗު އިބްރާޙީމް ސައީދު ބުނީ، ސީޒަން ފެށުމުގެ ކުރިންވެސް މާޒިޔާގެ މެނޭޖްމަންޓުން ބޭނުންވީ ޓީމުގެ ޒުވާން ކުޅުންތެރިންނާ ވާހަކަދައްކައިގެން، އެ ކުޅުންތެރިންނާ މެދު ޓީމުން ގެންގުޅޭ އުއްމީދުތައް ބުނެދޭން ކަމަށެވެ.

އަދި މިއީ އެ ކުޅުންތެރިން ކޮންބޮޑުވެ ހާސްވާންޖެހޭ ވަރުކަމެއް ނޫންކަމަށާއި ޓީމުގެ މެނޭޖްމަންޓުން އެ ކުޅުންތެރިންނާމެދު ދެކޭގޮތް ކުޅުންތެރިންނަށް ބުނެދިންކަމަށް އިބްރާޙީމް ސައީދު ބުންޏެވެ.

"މި ސީޒަން ފެށުމުގެ ކުރިން މާޒިޔާގެ މެނޭޖްމަންޓުން ޒުވާން ކުޅުންތެރިންނާ، ހާއްސަކޮށް އުމުރު ހަގުކޮށް މިތިބަ ޕްލެޔަރުންނާ، ކުލަބުގަ ދުވަސްވެފަ ތިބި ކުޅުންތެރިންވެސް އެބަތިބި މީގަ ހަގު ކުޅުންތެރިންގެ ތެރޭގައި. އެ ކުޅުންތެރިންނާ ވާހަކަދައްކާފަ މިހާރު، ކޮބާކަން މެނޭޖްމަންޓުގެ އެކްސްޕެކްޓޭޝަނަކީ ނޫނީ މެނޭޖްމަންޓުން ކުރާ އުއްމީދު ތަކަކީ. މީކީ ޕްރެޝަރެއް ނޫންކަމާއި ކުޅުންތެރިންނާ މެދު މެނޭޖްމަންޓުން ކުރާ އުއްމީދުކަމާ މި ހުރިހާ ވާހަކަތަކެއް، ހިފަހައްޓަން ޖެހޭ ވެލިއުޒްތަކާ ހުރިހާ ކަމެއް ވަރަށް ސާފުކޮށް ބުނެދީފަ އޮންނާނީ". ޒުވާން ކޯޗު އިބްރާޙީމް ސައީދު ބުންޏެވެ.

އިބްރާޙީމް ސައީދު ބުނީ، ދަނޑުމަތީގައި މާޒިޔާއިން ފެނިގެންދާ މޮޅު ކުޅުމާއި ކުޅުންތެރިންގެ ފަރާތުން ފެނިގެންދާ ކުޅިވަރުގެ ރިވެތި އުސޫލުތަކާއި ކުޅިވަރުގެ ރޫހަކީ އެ ކުޅުންތެރިންގެ ކިބައިގައި ހުރި ރަނގަޅު ކަންކަމުގެ ސަބަބުން ފެންނަ ކަންތައްތަކެއް ކަމަށެވެ. ޒުވާން ކުޅުންތެރިންތަކަކަށް އިތުބާރުކޮށް، މުސްތަގްބަލާއިމެދު އުއްމީދުތަކެއް ކުރާއިރު މިއީ ވަރަށް އުފާވެރި މަންޒަރެއްކަމަށް ކޯޗު ބުންޏެވެ.

މާޒިޔާއިން މި ސީޒަނުގެ މިހާތަނަށް ކުޅުނު ތިން މެޗަށް ބަލާއިރުވެސް، މެޗުގެ ނަތީޖާތައް އަނބުރާލައި، މެޗުން މޮޅުވުމުގައި ޒުވާން ކުޅުންތެރިންގެ ހިއްސާ ބޮޑުކަން ކޯޗު އިބްރާޙީމް ސައީދު ފާހަގަކުރިއެވެ.

މާޒިޔާއިން މި ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކުރީ، ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅެ، ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށް، ޕެނަލްޓީ ޝޫޓްއައުޓުގައި ކުރިހޯދައިގެންނެވެ. އެ މެޗުގައި މާޒިޔާގެ ޒުވާން ފޯވާޑް، މުޙައްމަދު އިލާން އިމްރާން ވަނީ އެ ޓީމަށް ދެ ލަނޑު ޖަހައިދީފައެވެ.

މީގެއިތުރުން، ކަޕް ވިނާސް ކަޕުގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެ ފަހަތުން އަރައި 1-2 އިން މޮޅުވި މެޗުގައި ވެސް ޓީމުގެ ޒުވާން ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަކަން ކޯޗު އިބްރާޙީމް ސައީދު ފާހަގަކުރިއެވެ.

ކޯޗު އިތުރަށް ބުނީ، އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި ތަޖިކިސްތާނުގެ އެފްސީ ރެގާރު ޓަޑާޒްއާ ދެކޮޅަށް ކުޅޭ މެޗަކީ ކޮންމެ ގޮތަކުންވެސް މޮޅުވާން މާޒިޔާއިން ބޭނުންވާ މެޗެއްކަމަށާއި ޓީމުން އެ މެޗުގައި ބަރޯސާ ވާނީ ހަމައެކަނި ބިދޭސީ ކުޅުންތެރިންނަށް ނޫން ކަމަށެވެ. އެ މެޗު ވެގެންދާނީ ބައިނަލްއަގްވާމީ ފެންވަރުގައި ޒުވާން ކުޅުންތެރިންނަށް ތަޖުރިބާތަކެއް ހޯދައިދޭނެ މެޗަކަށް ކަމަށާއި، އެ މެޗުން މޮޅުވާން އެންމެބޮޑަށް ބޭނުންވަނީވެސް ބައިނަލްއަގްވާމީ ތަޖުރިބާގެ އިތުރު ފަހި ފުރުސަތުތަކެއް ޒުވާން ކުޅުންތެރިންނަށް ހޯދައިދިނުމަށް ކަމަށެވެ.

މީގެ 13 އަހަރުކުރިން މާޒިޔާއިން ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވައި، ފުޓުބޯޅައިގެ ޒުވާން ޖީލެއް ބިނާކުރުމަށް ފެށި މަސައްކަތާއި ދާދި އެއްގޮތް ޕްލޭނެއްގެ ދަށުން މި ސީޒަނާ މާޒިޔާއިން ކުރިމަތިލީ ބޮޑެތި ބަދަލުތަކަކާއެކުއެވެ. އެގޮތުން ޓީމުގެ ފުރަތަމަ 11 އާއި މެޗު ސްކޮޑުން ވެސް، ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައިވެއެވެ.

2013ވަނަ އަހަރުގެ ސީޒަނާ މާޒިޔާއިން ކުރިމަތިލިއިރު ޓީމުގެ ސްކޮޑުގެ އެވަރެޖް އުމުރަކީ 25 އަހަރެވެ. މިފަހަރުގެ ސީޒަނާ މާޒިޔާއިން ކުރިމަތިލިއިރު ބޭނުންކުރާ ސްކޮޑުގެ އެވަރެޖް އުމުރަކީ 23 އަހަރެވެ.