އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ އެންމެ މަތީ ކަައުންސިލްގެ ސެކެޓްރީގެ މަޤާމަށް އެ ޤައުމުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު, އައިއާރުޖީސީގެ ކުރީގެ ކޮމާންޑަރު މުޙްސިން ރިޒާއީ ޢައްޔަނުކޮށްފިއެވެ. ސަލާމަތީ މަޖިލީހުގެ ސެކެޓްރީގެ މަޤާމަށް އޭނާ ޢައްޔަނުކުރެއްވި ކަން އިޢުލާނުކުރައްވާފައި ވަނީ އީރާންގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާންގެ ޑެޕިއުޓީ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސްއެވެ.
ޤައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ ސެކެޓްރީގެ ޙައިސިއްޔަތުން ރިޒާއީ މަސައްކަތް ކުރައްވާނީ އެ މަޖިލީހުގެ ދެވަނައަށް އެންމެ އިސް ކޮމާންޑަރުގެ ގޮތުގައެވެ. އެ މަޖިލީހަކީ އީރާންގެ ޤައުމީ ސަލާމަތާއި ޚާރިޖީ ސިޔާސަތުތަކާ ގުޅޭ ނިންމުންތައް ނިންމާ މަޖިލީހެވެ.
ރިޒާއީގެ ކުރިން އެ މަޤާމުގައި ހުންނެވީ މުޙައްމަދު ބާޤިރު ޒުލްޤަދްރެވެ. ރިޒާއީ ފާހަގަވެވަޑައިގެންފައި ވަނީ މައްސަލަތަކާ ގުޅޭގޮތުން ޒުލްޤަދްއަށް ވުރެ ބޮޑަށް ފާޅުގައި ވާހަކަދައްކަވައި، އާންމުންނަށް ދެކެފަރިތަ މޫނެއްގެ ގޮތުގައެވެ. އުމުރުން 71 އަހަރުގެ ރިޒާއީއަކީ ވަނީ ޔުނިވަސިޓީ އޮފް ތެހްރާންއިން އިޤްތިޞާދުގެ ދާއިރާއިން ޑޮކްޓޮރޭޓްއެއް ޙާޞިލް ކުރައްވައިފައެވެ. ނަމަވެސް އޭނާގެ ކެރިއަރުގެ ބޮޑު ބައެއް ހޭދަކުރައްވާފައި ވަނީ އީރާނުގެ ސަލާމަތާއި ސިޔާސީ މުއައްސަސާތަކުގައެވެ. އެ ގޮތުން އައިއާރްޖީސީގެ ކޮމާންޑަރުގެ ގޮތުގައި 1981 ވަނަ އަހަރުން ފެށިގެން 1997ވަނަ އަހަރަށް އޭނާ ޚިދުމަތް ކުރައްވާފައިވެއެވެ. ޢިރާޤްއާއީ އީރާނާ ދެމެދު ހަނގުރާމަ ކުރި ދުވަސްވަރު ވެސް އޭނާ ހުންނެވީ އެ މަޤާމުގައެވެ. އޭގެ ފަހުން އޭނާ ވަނީ އީރާނުގެ އެކްސްޕިޑިއެންސީ ޑިސަރންމެންޓް ކައުންސިލްގައި ވެސް 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައެވެ. އަދި އިޤްތިޞާދީ ކަންކަމާބެހޭ ނައިބު ރައީސްގެ މަޤާމު ވެސް 2021ވަނަ އަހަރުން 2023ވަނަ އަހަރަށް ފުުރުއްވާފައިވެއެވެ.
ރިޒާއީގެ ކުރިން އެ މަޤާމުގައި ހުންނެވި ޒުލްޤަދަރު އެ މަޤާމަށް ޢައްޔަނުކޮށްފައި ވަނީ މި އަހަރުގެ މާރިޗު މަހުގެ ފަހުކޮޅެވެ. އެއީ އޭނާގެ ކުރިން އެ މަޤާމުގައި ހުންނެވި ޢަލީ ލަރިޖާނީ ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ދިން ހަމަލާއެއްގައި ޝަހީދުވުމާ ގުޅިގެންނެވެ. ޒުލްޤަދަރު ހުންނެވި މަޤާމަށް ރިޒާއީ ޢައްޔަނުކުރެއްވި ވަކި ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެ ބަދަލުގެ ސަބަބުން އީރާނުގެ ސިޔާސަތުތަކަށް އެއްްވެސް ބަދަލެއް އަންނާނެ ކަން ވެސް ސާފެއް ނުވެއެވެ.
އީރާނުގެ ރޫޙީ ވެރިޔާ މުޖްޠަބާ ޚާމަނާއީ ނެރުއްވި ޤަރާރެއްގައި ޤައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގައި އިންނަވާ ރޫޙީ ވެރިޔާގެ މަންދޫބަކީ ވެސް ރިޒާއީ ކަމަށް ކަނޑައަޅުއްވާފައިވެއެވެ. މުޖްޠަބާ ޚާމަނާއީ ވަނީ ރިޒާއީއަކީ ވަރަށް ތަޖުރިބާކާރު ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. ހަމަ އެ ޤަރާރުގައި ޚާމަނާއީގެ ސިޔާސީ މުޝީރެއްގެ ގޮތުގައި ޒުލްޤަދްރު ޢައްޔަނުކުރައްވާފައިވެއެވެ.
ތެލާއި ޤުދުރަތީ ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅިއަށް ހަނގުރާމައިގެ ޙާލަތުގައި އީރާނުން ވަރަށް ބޮޑަށް ބާރުފޯރުވައި އެ މަގު ބޭނުން ކުރުމަށް ހުރަސް އަޅަމުންދާއިރު، އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވަނީ އެ މަގާ ގުޅޭ އެއްބަސްވުމަކާ ހަމައަށް ޢުމާންއާއެކު އައުމަށް ވަރަށް ގާތްވެފައިވާ ކަމަށް ވިދާޅުވެފައެވެ. އީރާނާއި ޢުމާންއަކީ ހުރްމުޒް ކަނޑުއޮޅިގެ ދެ ފަރާތުގައި އޮންނަ ދެ ޤައުމެވެ. ފާއިތުވި ފަސް މަސް ދުވަހު އެއްކޮށްހެން ބަންދުކޮށްފައި އޮތް ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުން އެ އެއްބަސްވުމުގެ އިތުރުން ބަރޯސާވާ އިތުރު ކަންތައްތަކެއް ހުރި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި އެމެރިކާއިން އީރާނަށް ހަނގުރާމައިގެ ބަދަލުދިނުން ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޒުލްޤަދްރު ވެސް ވަނީ ހުރްމުޒް ކަނޑުއޮޅި ހުޅުވައިލުމާ ގުޅޭ ގޮތުން އީރާނުން ކުރާ އެހެން ޝަރުތުތައް ބަޔާންކުރައްވައިފައެވެ. އޭގެ ތެރޭގައި އެމެރިކާއިން އީރާނަށް އިންޒާރު ދިނުން ހުއްޓައިލުމާއި، އީރާނާއި، އެ ޤައުމަށް ވާގިވެރިވާ ލުބުނާނާއި ފަލަަސްޠީނާއި ޔަމަނާއި ޢިރާޤުގެ ބައިވެރިންނަށް ހަމަލާ ދިނުން ހުއްޓައިލުމާއި، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމާއި، ހިފަހައްޓާފައިވާ އީރާނުގެ މުދާ ދޫކޮށްލުން ވެސް ހިމެނެއެވެ.