ކުޅިވަރު

ތިން އަހަރަށް ފަހު ފަލަސްތީނުގައި ކުލަބު ފުޓްބޯޅަ ފަށަނީ


ތިން އަހަރަށް ފަހު ފަލަސްތީނުގައި ކުލަބު ފުޓްބޯޅަ މުބާރާތްތައް ފަށަން ތައްޔާރު ވެއްޖެ އެވެ.

އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ރާވާ ފުރަތަމަ މުބާރާތް ފަށާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. މި މުބާރާތް ހާއްސަ ކުރަނީ އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ފެށި ހަނގުރާމައިގައި މިހާތަނަށް މަރުވި 1014 ޝަހީދުންނަށެވެ. މުބާރާތުގެ ނަމަކީ ތައުޒަންޑް މާޓީސް ކަޕް އެވެ.

ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ޖިބްރީލް ރަޖޫބް ރާމަﷲގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ މުބާރާތުގައި އެ ގައުމުގެ 200 ކުލަބުން ވާދަ ކުރާނެ ކަމަށެވެ. އެއީ އިޒްރޭލުގެ ބާރުގެ ދަށުގައިވާ ހުޅަނގު އައްސޭރީގެ 146 ކުލަބާއި ގާޒާގެ 44 ކުލަބާއި ލުބުނާނުގައިވާ ފަލަސްތީނުގެ ރެފިއުޖީ ކޭމްޕުތަކުން ބައިވެރިވާ 36 ޓީމެވެ. މި ޓީމުތައް މެޗުތައް ކުޅޭނީ ވެސް ތިން ސަރަހައްދެއްގަ އެވެ.

"އަހަރުމެން އެއްވެސް އިރެއްގައި ގައުމީ އުއްމީދުތައް ދޫކޮށްނުލަން. މި ގޮތުން އަހަރުމެން އަބަދުވެސް އުއްމީދު ކުރީ ކުޅިވަރަކ އެންމެން އެކުވެރިކޮށްދޭނެ ވަސީލަތެއްގެ ގޮތުގައި. އަދި މުބާރާތްތައް އަލުން ފަށަން އަހަރުމެން އަބަދުވެސް ދިޔައީ އުއްމީދު ކުރަމުން،" ޖިބްރީލް ވިދާޅުވި އެވެ.

ފަލަސްތީނުން އެ ގައުމުގެ ކުޅިވަރު މުބާރާތްތައް ހުއްޓާލީ އިޒްރޭލުން ގާޒާ އަށް 2023 ވަނަ އަހަރު އަރައި ހަނގުރާމަ ކުރަން ފެށުމުންނެވެ. އޭގެ ފަހުން ފަލަސްތީނުގައި އާއްމުކޮށް ހުޅުވާލައިގެން ކުޅިވަރުތައް ކުޅެން ފެށީ މިދިޔަ ރޯދަ މަހު އެވެ.

ފަލަސްތީނުން މިހާރު ވެސް ދަނީ ހުޅަނގު އައްސޭރީގައި ހިންގާ އިޒްރޭލުގެ ކުލަބުތައް ހުއްޓުވައި ދިނުމަށް ފީފާ އަށް ގޮވާލަމުންނެވެ. ނަމަވެސް މިކަމުގައި ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން މިހާތަނަށް ދިޔައީ ފަހަތަށް ޖެހެމުންނެވެ.