ޚަބަރު

ޕީޖީ އޮފީހުގެ 2.0 މަޝްރޫޢު ރައީސް އިފްތިތާޙުކޮށްދެއްވައިފި


  • މިއީ ދެ އަހަރު ދުވަހުގެ ޑިޖިޓަލް ޓްރާންސްފޯމަޝަންގެ ސިޔާސަތެއް

  • ޕީޖީ އޮފީހުގެ ޚިދުމަތްތައް ހޯދުމުގައި އެތައް ލުއިފަސޭހަތަކެއް

ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުގެ 2.0 މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްފިއެވެ.

ޕީޖީއޯ 2.0 ސިޔާސަތަކީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ދެ އަހަރު ދުވަހުގެ ޑިޖިޓަލް ޓްރާންސްފޯމަޝަންގެ ސިޔާސަތެކެވެ.

ޕީޖީއޯ 2.0 އަކީ ޒަމާނުއްސުރެ ކާރުދާހުގައި ކުރަމުން އައި މަސައްކަތް ޑިޖިޓަލް ނިޒާމަކަށް އެއްކޮށް ބަދަލުކުރުމަށް ހިންގާ މަޝްރޫޢުއެކެވެ. އަދި އެ އޮފީހުން ފޯރުކޮށްދޭ ޚިދުމަތްތައް ރައްޔިތުންނަށް އެއްތަނަކުން ފަސޭހަކަމާއެކު ދެފުއްފެންނަ ހަރުދަނާ ނިޒާމެއްގެ ތެރެއިިން ފޯރުކޮށްދޭ މަޝްރޫޢުއެކެވެ.

މި މަޝްރޫޢުގެ ސަބަބުން ޓެކްނޮލަޖީގެ އެހީގައި ހުރަސްތައް ނައްތާލާ ޕްރޮސިކުއުޝަންގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް އެހީތެރިވެދޭނެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. ޕީޖީ އޮފީހުން ވިދާޅުވީ މި މަޝްރޫޢުއާއެކު އާޓިފިޝަލް އިންޓަޖަލެންޓްގެ އެހީގައި ޕްރޮސިކުޓަރުންގެ މަސައްކަތްތައް ކުރިއަށްގެންދާނެކަމަށެވެ.

އޭއައިގެ އެހީގައި މައްސަލަތައް ދިރާސާކުރުމުގެ ޤާބިލުކަން އެތައް ގުނައަކަށް އިތުރުވެގެންދާނެކަމަށް އެ އޮފީހުން ވިދާޅުވިއެވެ. އަދި މައްސަލަތަކާއި ގުޅިގެން އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ހަލުވިވިގެންދާނެކަމަށާއި ހެކި ވަޒަންކުރުމާއި ޤާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުމުގައި ޕްރޮސެކިއުޓަރުން ހޭދަކުރާ ވަގުތުވެސް ސަލާމަތްވެގެންދާކެމަަށް އެ އޮފީހުން ވިދާޅުވިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ އޭއައި އެހީގައި މަސައްކަތްތައް ކުރިނަމަވެސް އެންމެ ފަހުގެ ނިންމުންތައް ނިންމާނީ އިންސާނުންކަމަށެވެ. މި މަޝްރޫޢަކީ ޕްރޮސެކިއުޝަންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މުހިއްމު އިންވެސްޓްމަންޓެއްކަމަށް ޕީޖީ އޮފީހުން ފާހަގަކުރައްވައެވެ.

މި ރަސްމިއްޔާތުގައި ހެއްކާ ބެހޭ ޤާނޫނުގެ މައްޗަށް ޕީޖީ އޮފީހުގެ އެކަޑަމީން ޝާޢިއުކޮށްފައިވާ " އެވިޑެންސް އަ ޕްރެކްޓިޝަނަރ ގައިޑް" ފޮތް އުއްތަމަ ފަނޑިޔާރު އަބްދުލް ޢަނީ މުހައްމަދު ވަނީ އިފްތިތާޙުކޮށްދެއްވާފައެވެ. އަދި އިޤްތިޞަދީ ތަރައްޤީއާއި ވިޔަފާރިއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ އެ އޮފީހުގެ އައު ވެބްސައިޓް އިފްތިތާޙްކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ވަނީ ޕީޖީ އޮފީހުގެ ވާޗުއަލް ދޮރޯށިވެސް އިފްތިތާޙްކޮށްފައެވެ. މިކަން އިފްތިތާޙުކޮށްދެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ. މި ޚިދުމަތަކީ ޕީޖީ އޮފީހުގެ ކައުންޓަރުތަކަށް ނުގޮސް އޮންލައިންކޮށް ޚިދުމަތް ހޯދުމަށް މަގުތަނަވަސްކޮށްފައިވާ ޚިދުމަތެކެވެ.

"ލެތުން"ގެ ނަމުގައި ޚާއްސަ މޯބައިލް އެޕްލިކޭޝަނެއްވެސް ޕީޖީ އޮފީހުން ވަނީ އިފްތިތާޙުކޮށްފައެވެ. މި އެޕް އިފްތިތާޙުކޮށްދެއްވީ ބަންޑާރަ ނައިބް އަޙްމަދު އުޝާމެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމުގައި ބޭނުންކުރާ ހުރިހާ ޤާނޫނުތަކާއި ޤަވާއިދުތަކާއި އުޞޫލުތައް އަދި ކޯޓުގެ ނިންމުންތަކުގެ އިތުރުން އިނގިރޭސި ތަރުޖަމާވެސް އެއް ފުރާޅެއްގެ ދަށުން ލިބޭނެއެވެ.