ޚަބަރު

އެންމެ ފަހުން އިންފަންޓީނޯގެ ދިފާއުގައި ޓްރަމްޕް


ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް އޮތް އިތުބާރު ގެއްލިފައިވަނިކޮށް އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް އިންފަންޓީނޯގެ ދިފާއުގައި ވާހަކަ ދައްކަވައިފިއެވެ.

ޓްރަމްޕް ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ފީފާގެ ރައީސް ކަމުން އިންފަންޓީނޯ ވަކިކުރައްވައިފިނަމަ އެއީ ހައްދަވާ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

"ކޮންމެ ސަބަބަކާހުރެ ނަމަވެސް އިންފަންޓީނޯ އެ މަގާމުން ދުރުކޮށްފިނަމަ އެއީ ހައްދަވާ ވަރަށް ބޮޑު ގޯހެއް." ޓްރަމްޕް ވިދާޅުވިއެވެ.

"އިންފަންޓީނޯ ވަނީ ވޯލްޑްކަޕްގެ ތަރީޚުގައިވެސް މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު އަދި އެންމެ ފައިދާބޮޑު ވޯލްޑްކަޕް ބާއްވާފައި. އޭނާ ނެތި އެކަމެއް ދެނެއް ނުކުރެވޭނެ." ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.

ޓްރަމްޕް މިފަދަ ޕޯސްޓެއް ސޯޝަލް މީޑިޔާގައި ކުރައްވާފައިވަނީ އިންފަންޓީނޯ އާއި ދެކޮޅަށް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ, ޔޫއެފާ އާއި އޭޝިޔާގެ ފުޓްބޯޅަ އިދާރާ, އޭއެފްސީގެ އިތުރުން އުތުރު އެމެރިކާ އާއި ކެރީބިއަން އައިލެންޑްސްގެ ކޮންކާކަފް އިން ގުޅިގެން އިއްޔެ ނެރެފައިވާ ބަޔާނާއި ގުޅިގެންނެވެ.

އެ ބަޔާނުގައި ބުނެފައިވަނީ, ފީފާގެ ނިންމުންތަކުގެ ސަބަބުން ގެއްލިފައިވާ އިތުބާރު އަލުން ހޯދުމަކީ މުހިންމު ކަމެއް ކަމަށާއި އަދި އިންފަންޓީނޯ އިއުލާން ކުރެއްވި ފީފާ ފޯވާޑް އެންޓަޕްރައިޒް (އެފްއެފްއީ)ގެ ކަންކަން ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބަލަން ޖެހޭ ކަމަށެވެ.

އަދި ފުޓްބޯޅަ އަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ޝައުގުވެރިވާ ކުޅިވަރަށްވާއިރު, އެއީ އެއްވެސް ހާލަތެއްގައި ވަކި ފަރުދަކަށް ނޫނީ ބަޔަކަށް އޮތް ހައްގެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެފްއެފްއީގެ ނަމުގައި، ޕްރައިވެޓް އިންވެސްޓަރުންނަށް ފީފާ ވޯލްޑް ކަޕް ހިމެނޭހެން ފީފާ އިން އިންތިޒާމްކުރާ މުބާރާތްތަކުގެ، 21 ޕަސެންޓް ހިއްސާ ވިއްކާލަން އުޅުމާއިއެކު ފީފާގެ ގިނަ މެމްބަރ އެސޯސިއޭޝަން ތަކުންވަނީ އެކަމާއި ދެކޮޅަށް ތެދުވެފައެވެ.
އިންފަންޓީނޯ ވަނީ އެފްއެފްއީގެ ތެރެއިން ގޯސްތަކެއް ހެދިފައިވާތީވެ ފަހުން އެކަމަށް މައާފަށް ވެސް އެދިފަ އެވެ.