ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ "މުދަލާއި ޚިދުމަތް ހޯދުން، ކުންފުނީގެ މާލީ ޙާލަތާއި ހިސާބުތައް ބެލެހެއްޓުމާގުޅޭ ޚާއްޞަ އޮޑިޓް"ގައި ފާހަގަކޮށްފައިވާ ކަންކަން ތަހުގީގުކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި އޮޑިޓަކީ 2021ވަނަ އަހަރުން ފެށިގެން 2023ވަނަ އަހަރާ ހަމައަށް ފެނަކައިން މުދަލާއި ޚިދުމަތް ހޯދުމާއި މާލީ ހަލާތު އަދި ހިސާބު ބަލަހައްޓަމުން އައިގޮތް ބަޔާންކޮށް ހަދާފައިވާ އޮޑިޓެކެވެ. މި ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރުމަށްފަހު 36 ހުށަހެޅުމެއް ވަނީ ހުށަހަޅުއްވާފައެވެ.
ފެނަކައިގެ އޮޑިޓް ރިޕޯޓުގައި އެ ކުންފުނިން 2021ވަނަ އަހަރުން ފެށިގެން 2023ވަނަ އަހަރާ ހަމައަށް ކުންފުންޏަށް މާލީގޮތުން ގެއްލުންވާނެހެން ކުންފުނީގެ ގަވާއިދުތަކާ ޚިލާފަށް އަމަލު ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެކި މަޝްރޫޢުތައް ހިންގުމުގައި އޭރު ހުންނެވި މެނޭޖިން ޑިރެކްޓަރުގެ އާއިލީ ގުޅުންހުރި ކުންފުނިތަކަށް ގިނަ އަދަދެއްގެ މަޝްރޫއުތައް ދީފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.
އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި 2021 އިން 2023 އާހަމައަށް ފެނަކައިން 8.8 ބިލިޔަން ރުފިޔާގެ މުދަލާއި ޚިދުމަތް ހޯދަން ޚަރަދުކޮށްފައިވެއެވެ. އެ ޚަރަދުތަކުގެ ތެރޭގައި ކުންފުނީގެ އާންމު އޮޕަރޭޝަންތަކަށް ބޭނުން ނުވާ މުދަލާއި ޚިދުމަތް ހޯދަން ޚަރަދުކޮށްފައިވެއެވެ.
ފެނަކައިގެ އޭރުގެ މާލީ ހާލަތަށް ރިއާޔަތްކުރާއިރު އެވަގުތަށް މުހިންމު ނޫން ގިނަ މަސައްކަތްތަކަށް ބޭނުންވާ މުދަލާއި ޚިދުމަތް ހޯދުމުގެ ނަމުގައި ރޭވުންތެރިކަމާއި ޒިންމާދާރުކަމެއްނެތި އާންމު ބީލަމުގެ އުސޫލުން ބޭރުން އަގުބޮޑުކޮށް ހަދާފައިވާ އެއްބަސްވުމުގެ ތެރެއިން ކުންފުންޏަށް މާލީގޮތުން ބޮޑެތި ގެއްލުންވާނެހެން ކުންފުނީގެ ފައިސާ ހޭދަކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ފެނަކައަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ކޭބަލާއި ޓްރާންސްފޯމަރު ގަތުމަށާއި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ މަސައްކަތަށް ބޭނުންވާ ތަކެތި ގަތުމުގެ އިތުރުން އެ މަޝްރޫޢުތަކުގެ މަސައްކަތް ހަވާލުކުރުމަށް މި މުއްދަތުގައި ޖުމްލަ 673 އެއްބަސްވުމެއްގެ ދަށުން 2.23 ބިލިޔަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވެއެވެ. އޭގެ ތެެރެއިން 438 އެއްބަސްވުމަކީ އާންމު ބީލަމުގެ އުސޫލުން ބޭރުން ހެދިފައިވާ އެއްބަސްވުންތައްކަންވެސް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. މި މަޝްރޫޢުތަކުގެ އަގު 1.3 ބިލިޔަން ރުފިޔާއަށް އަރައެވެ.
ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ރަށްރަށުގައި އައު އިންޖީނުގެތަކާއި އައު އޮފީސްތައް އިމާރާތްކުރުމަށް އިންހައުސް ޕްރޮޖެކްޓުގެ ގޮތުގައި ގާތްގަނޑަކަށް 57 މަޝްރޫއަކަށް 1 ބިލިޔަނަށްވުރެ ބޮޑު އަދަދެއް ވަނީ ޚަރަދުކޮށްފައެވެ. އޭގެ ތެރެއިން 41 މަޝްރޫޢުގެ މަސައްކަތް ނުނިމިހުރިކަންވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. މި މަޝްރޫޢުތައް ނިންމުމަށް އިތުރު ފައިސާ ޚަރަދުކުރަންޖެހުނުކަންވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މުދަލާއި ޚިދުމަތް ހޯދުމުގައި ގަވާއިދާ ޚިލާފަށް ކުރީގެ މެނޭޖިން ޑިރެކްޓަރުގެ އާއިލީ ގުޅުންހުރި ކުންފުނިތަކުން މި މުއްދަތުގައި 92 އެއްބަސްވުމުގެ ތެރެއިން 49 މިލިޔަން ރުފިޔާގެ މަސައްކަތް ހަވާލުކުރިއެވެ. މި މަޝްރޫޢުތަކަށް 31.1 ބިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށްވެސް ވަނީ ބުނެފައެވެ.
މި މުއްދަތުގައި ފެނަކައިން 127.7 މިލިޔަން ރުފިޔާގެ އަޑީތެޔޮ ގަނެފައިވާއިރު 111 މިލިޔަން ރުފިޔާގެ އަޑީތެޔޮ ގަނެފައިވަނީ އެ ކުންފުނީގެ ޕްރޮކިޔުމަންޓް ޕޮލިސީއާ ޚިލާފަށް ކަމަށްވެސް އޮޑިތް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުންވެސް ކޮރަޕްޝަނަށް މަގުފަހިވާނެހެން ގިނަ މަޝްރޫއުތަކުގެ މަސައްކަތް ހިންގުމާއި ކުންފުންޏަށް މާލީ ގޮތުން ގެއްލުންވާނެހެން ކޮށްފައިވާކަންކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
މި ރިޕޯޓް ދިރާސާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކުރައްވާފައިވާ ކަންކަން ބަލައި ތަހުގީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތަށް އެންގުމަށް ފާސްކޮށްފައެވެ. އަދި ކުންފުނީގެ ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެކަންކަން ކޮމިޓީއާ ހިއްސާކުރުމަށާއި ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ކޮމިޓީއާ ހިއްސާކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ.
ކޮމިޓީގެ މި ނިންމުންތައް މަޖިލީހުން ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުންނެވެ. ރިޕޯޓުގެ އިތުރުން ފެނަކައިގެ ޚާއްސަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަނުގެ ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ހުށަހަޅާފައިވާ ގަރާރުވެސް މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.