ސަރުކާރުން ކުރިއަށްގެންދާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާގެ ދަށުން މިހާތަނަށް 1.8 މިލިޔަން ގަސް އިންދާފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ ޕްރޮގްރާމެކެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 1.8 މިލިޔަނަށްވުރެ ގިނަ ގަސް އިންދާފައިވެއެވެ. އަދި މިއަހަރުތެރޭ 1 މިލިޔަން ގަސް އިންދުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާތަނަށް 6 ލައްކައަށްވުރެ ގިނަ ގަސް އިންދާފައިވެއެވެ.
5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށް، ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށްޓަކައި ތިމާވެއްޓާއިބެހޭ ވުޒާރާއިން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
އެގޮތުން 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް އިންދުމަށް ނާސަރީ އެޅުމަށް 10 ރަށަކަށް ގްރާންޓް ދީފައިވެއެވެ. އަދި ގަސް އިންދުމަށް ހުޅުމާލޭގައި 'ގްރީން ނާސަރީއެއް" ތަރައްޤީކުރުމުގެ މަސައްކަތް ފަށައި، އެ މަޝްރޫޢުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މިއީ ހުޅުމާލެ އިތުރަށް ފެހިކޮށް، ތިމާވެއްޓާ ރައްޓެހި މާޙައުލެއް ގާއިމުކުރުމަށް ބޭނުންވާ ގަސްގަހާގެހި އާލާކޮށް ބެހެއްޓުމަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީކުރާ ނާސަރީއެކެވެ.
5 Million Trees Project: Latest Updates pic.twitter.com/wrXRlmMrZN
— Min. of Climate Change, Environment and Energy, MV (@MoEnvmv) August 11, 2026
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން މިއަހަރުތެރޭ 1 މިލިޔަން ގަސް އިންދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ގަސްގަހާގެހި އާލާކުރުމަށް ތަރައްޤީކުރާ ނާސަރީތަކުގެ މަސައްކަތް ނިމުމާއެކު އެ ޕްރޮގްރާމަށް ބޮޑު ބަދަލެއް އަންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ކުރިއަށްއޮތްތަނުގައި ނާސަރީތައް ތަރައްޤީކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްއެބަދޭ. ކުރިއަށްއޮތްތަނުގައި މި ނާސަރީތައް އެކުލަވާލެވުނީމަވެސް ގަސް އިންދުމުގެ ޕްރޮގްރާމަށް ވަރަށް ބޮޑު ބޫސްޓެއް ލިބިގެންދާނެ. އެހެންވީމަ 5 މިލިޔަން ގަސް އިންދުމުގެ އަމާޒުވެސް ވަރަށް ފަސޭހައިން އަވަހަށް ނިންމާލެވޭނެކަމަށް ބެލެވެނީ." ވަޒީރު ވިދާޅުވިއެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ބޮޑަށް އިސްކަން ދެއްވާފައިވަނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ. އެގޮތުން، ރާއްޖެއިން ނެތެމުންދާކަމަށް ބެލެވޭ 90 ބާވަތެއްގެ ގަސް ލިސްޓުކޮށް، އިންދުމަށް ވަނީ ހަމަޖެހިފައެވެ.