ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ ސީއެމްޑީއޭގެ ނަމާއި، ނިޝާން ބޭނުންކޮށްގެން އާންމުންނަށް އޮޅުވާލުމުގެ ޢަމަލުތަކެއް ހިންގަމުންދާކަން ފާހަގަކުރެވިފައިވާތީ އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން އިލްތިމާސްކުރައްވައިފިއެވެ.
އެއޮތޯރިޓީން ވިދާޅުވީ ސީއެމްޑީއޭގެ ނަމުގައި ހިންގާ އޮންލައިން ޕޭޖުގައި އޮތޯރިޓީގެ ނަމާއި ނިޝާން އަދި އޮތޯރިޓީން ހުއްދަދީފައިވާ ކުންފުނިތަކުގެ ބްރޭންޑިންގ ބޭނުންކޮށްފައިވީނަމަވެސް އެއީ އެއޮތޯރިޓީއާ ގުޅުން އޮތް ޕޭޖެއް ނޫންކަމަށެވެ. އަދި އެ ޕޭޖުން އިންވެސްޓަރުންނާއި ޢާންމު ރައްޔިތުންނަށް އޮޅުވާލުމުގެ ޢަމަލުތަކެއް ހިންގަމުންދާކަން ފާހަގަވެފައިވާކަމަށްވެސް ސީއެމްޑީއޭއިން ވިދާޅުވެއެވެ.
ސީއެމްޑީއޭއިން ވިދާޅުވީ އެ ޕޭޖާ ގުޅުންހުރި އެއްވެސް ފަރާތަކަށް ނުވަތަ ޖަމާޢަތަކަށް، ސީއެމްޑީއޭގެ ފަރާތުން ވާހަކަދެއްކުމަށް، މުޢާމަލާތްކުރުމަށް ނުވަތަ އެއްވެސް ވިޔަފާރިއެއް ހިންގުމުގެ ހުއްދަ ދީފައިނުވާކަމަށެވެ.
ސީއެމްޑީއޭއިން ވަނީ ފޭސްބުކްގައި ބަޔަކު ސީއެމްޑީއޭއިން ހުއްދަ ދީފައިވާ ކުންފުނިތަކުގެ ބްރޭންޑިން ބޭނުންކޮށްގެން ގަސްތުގައި އާންމުނަށް އޮޅުވާލަމުންދާކަމަށެވެ. އެހެންކަމުން އެކަމުގައި އިންވެސްޓަރުންނާއި އާންމުން ސަމާލުވުމަށާއި އެޕޭޖާއި މުޢާމަލާތު ނުކުރުމަށާއި އަމިއްލަ އެއްވެސް މަޢުލޫމާތެއް ހިއްސާނުކުރުމަށް ސީއެމްޑީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެއިތުރުން އެޕޭޖުގައި ހާމަކޮށްފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޢަމަލުނުކުރުމަށްވެސް ވަނީ އިރުޝާދުދެއްވާފައެވެ.
ސީއެމްޑީއޭއިން ވިދާޅުވީ މިފަދަ ޢަމަލު ހިންގާ ފަރާތްތައް ހުއްޓުވުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. އަދި ކެޕިޓަލް މާކެޓާގުޅޭ ސައްހަ މަޢުލޫމާތާއި ރަސްމީ އިޢުލާންތަކާއި އަދި ހުއްދަދީފައިވާ މާކެޓް ބައިވެރިންގެ ލިސްޓު ސީއެމްޑީއޭގެ ރަސްމީ ވެބްސައިޓް cmda.gov.mv މެދުވެރިކޮށް ލިބޭނެކަމަށްވެސް އެއޮތޯރިޓީން ވިދާޅުވެއެވެ.
ކެޕިޓަލް މާކެޓާގުޅޭ ގޮތުން އެއްވެސް ބާވަތެއްގެ ޝައްކުކުރެވޭ ކަމެއް ނުވަތަ އޮޅުވާލުމުގެ ގޮތުން މީސްމީޑިޔާ މެދުވެރިކޮށް ހިންގާ ކަމެއް ފާހަގަކުރެވިއްޖެނަމަ އެއޮތޯރިޓީއަށް ރިޕޯޓްކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.