ޚަބަރު

އެމެރިކާގެ އަސްކަރިއްޔާއިން މިދިޔައަހަރު ޢާންމުންގެ 153 މީހުން މަރައިލި


ދެހާސް ފަންސަވީސް ވަނަ އަހަރު އެމެރިކާގެ އަސްކަރިއްޔާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގި އޮޕަރޭޝަންތަކުގައި ޢާންމުންގެ 153 މަރުވެ، އިތުރު 243 މީހުން ޒަޚަމުވެފައިވާ ކަމުގައި އެ ޤައުމުގެ ދިފާޢީ އިދާރާ، ޕެންޓަގަންގެ ރިޕޯޓަކުން ހާމަވެއްޖެއެވެ. މި ރިޕޯޓު ޕެންޓަގަނުން ވަނީ އެމެރިކާގެ ޤާނޫނުހަދާ މަޖިލިސް، ކޮންގްރެސްއަށް ހުށަހަޅާފައެވެ. ދެހާސް ސައުވީސް ވަނަ އަހަރުގެ ރިޕޯޓުގައި ބުނެފައި ވަނީ، އަސްކަރީ އޮޕަރޭޝަންތަކުގައި މަރުވެފައި ވަނީ ޢާންމުންގެ އެންމެ ދެ މީހުން ކަމުގައެވެ. ފާއިތުވި އަހަރުގެ ރިޕޯޓުގައި ޕެންޓަގަނުން ބުނީ، 153 ޢާންމުން މަރުވެފައިވާ ކަމަށް ބެލެވެނީ، ޔަމަނަށް ދީފައިވާ ވައިގެ ހަމަލާތަކެއްގައި ކަމުގައެވެ.

ފާއިތުވި އަހަރުގެ އެޕްރީލު މަހު އެމެރިކާގެ އަސްކަރިއްޔާއިން ޔަމަންގެ ސަރަޙައްދުތަކަށް ތިން ހަމަލާއެއް ދީފައިވެއެވެ. އެ ހަމަލާތަކުގައި ޢާންމުންގެ ބަޔަކު މަރުވި ކަމަށް "ބެލެވޭ" ކަމުގައި އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުނެއެވެ. އެއީ، ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޙޫޘީ ޖަމާޢަތުގެ އަމާޒުތަކަށް ދީފައިވާ ހަމަލާތަކެއް ކަމުގައި ވެސް ސެންޓްކޮމުން ބުނެއެވެ. ޔަމަނުގައި ހިނގި އިތުރު 15 ހާދިސާއެއްގައި ޢާންމުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ބެލެވޭތީ، އެ ހާދިސާތައް ތަޙުޤީޤު ކުރަމުންދާ ކަމުގައި ވެސް ސެންޓްކޮމުން ބުނެއެވެ. އެ ހާދިސާތައް ހިނގާފައި ވަނީ 2026 ވަނަ އަހަރުގެ ފެބުރުވަރީގެ ކުރިންނެވެ.

ކޮންގްރެސްއަށް ޕެންޓަގަނުން ހުށަހަޅާފައިވާ ރިޕޯޓުގައި، ކެރީބިޔަން އަދި އިރުމަތީ ޕެސިފިކް ސަރަޙައްދުގައި އަސްކަރިއްޔާއިން ހިންގާފައިވާ އޮޕަރޭޝަންތަކުގެ މަޢުލޫމާތު ހިމަނާފައެއް ނުވެއެވެ. އެމެރިކާގެ އަސްކަރިއްޔާގެ ސައުތު ކޮމާންޑުން (ސައުތުކޮމް) ބުނީ، ފެބުރުވަރީ 1 ވަނަ ދުވަހާ ހަމައަށް ހިންގި އެއްވެސް އޮޕަރޭޝަނެއްގައި ޢާންމުންގެ މީހަކު މަރުވެފައިވާ ކަމަށް "ނުބެލެވޭ" ކަމުގައެވެ. އަދި، ޢާންމުންގެ މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބޭނެ ފަދަ ހާދިސާއެއް ހިނގާފައި ނުވާ ކަމުގައެވެ.

ނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދަނީ އިރުމަތީ ޕެސިފިކް ސަރަޙައްދުގައި މަސްތުވާތަކެތި އުފުލާ ކަމަށް ޝައްކު ކުރެވޭ އުޅަނދުފަހަރަށް ހަމަލާދިނުމަށް އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެ އުޅަނދުތަކުގައި ތިބި މީހުންނަކީ "މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނިރުބަވެރިން" ގެ ގޮތުގައި ޓްރަމްޕްގެ ސަރުކާރުން ސިފަކުރެއެވެ. އަދި، 2025 ސެޕްޓެންބަރުން ފެށިގެން އެ ފަދަ އުޅަނދުފަހަރަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކުގައި 200 އަށްވުރެ ގިނަ މީހުން ވަނީ މަރައިލާފައެވެ. ނަމަވެސް، އެއީ ޢާންމު ރައްޔިތުންގެ ގޮތުގައި ގުނާފައި ނުވާ ކަން މަސްރަޙުގެ ދާރިސުން ފާހަގަކުރެއެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ހިޔުމަން ރައިޓްސް ވޮޗް އަދި އެމްނެސްޓީ އިންޓަރނޭޝަނަލްއިން ބުނީ، އެެއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޢާންމުންގެ ބަޔަކު މެރުމުގެ ކުށްތަކެއް ކަމުގައެވެ. އެމެރިކާގެ ސިވިލް ލިބަރޓީޒް ޔޫނިއަނުން ވެސް ވަނީ، މަރައިލާފައިވާ މީހުންނަކީ "ނިރުބަވެރިން" ކަމުގައި ޓްރަމްޕްގެ ސަރުކާރުން ބުނުމަކީ އެއްވެސް އަސާސެއް ނެތް ތުހުމަތެއްގެ ގޮތުގައި ސިފަކޮށްފައެވެ.