ޚަބަރު

ގުރައިދޫގައި ކުއްލި ހާލަތުގައި ފުރަތަމަ އިޖާބަދޭ ފަރާތްތައް ތަމްރީނުކުރަން ފަށައިފި


  • ތަމްރީނުތައް ކުރިއަށްދާނީ މިމަހުގެ 13ގެ ނިޔަލަށް

  • ތަމްރީނުތަކުގައި ކައުންސިލާއި ރަށުގެ މުއައްސަސާތަކުން ބައިވެރިވޭ

ކުއްލި ހާލަތުގައި ފުރަތަމަ އިޖާބަދޭ ފަރާތްތައް ތަމްރީނުކުރުމަށް، އެންޑީއެމްއޭއިން ކުރިއަށް ގެންދާ ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޮންސް ޓީމް ތަމްރީން ކ.ގުރައިދޫގައި ފަށައިފިއެވެ. މި ތަމްރީނުތައް ކުރިއަށްދާނީ މިމަހުގެ 12 އިން 13އަށެވެ.

އެންޑީއެމްއޭއާއި ގުރައިދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މިތަމްރީނުގައި އެރަށު ކައުންސިލާއި މުއައްސަސާތައް ހިމެނޭހެން އެކި ދާއިރާތަކުން 30 އަށްވުރެ ގިނަ މީހުން ބައިވެރިވެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެންޑީއެމްއޭގެ އެމަރޖެންސީ އޮޕަރޭޝަންސް މެނޭޖަރ އައިޝަތު އިފާ މުޙައްމަދު ވިދާޅުވީ، އެންޑީއެމްއޭގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށްރަށުގައިވެސް ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޮންސް ޓީމް އެކުލަވާލުންކަމަށެވެ. އަދި ކުއްލި ހާލަތުގައި ތަމްރީނުވެފައި ތިބި ފުރަތަމަ އިޖާބަދޭ ފަރާތްތައް ހުރިހާ ރަށެއްގައިވެސް ރަށު ފެންވަރުގައި ތިބުމަކީ މުހިންމުކަމެއް ކަމަށް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން މި ފެށީ ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޮންސް ޓީމްް، ކުއްލި ހާލަތެއްގައި ފުރަތަމަ އިޖާބަދޭ ފަރާތްތައް ތަމްރީނުކުރުމުގެ ޕްރޮގްރާމް. މިއީ ވަރަށް މުހިންމު ޓްރެއިނިންއެއް. އެއީ ރާއްޖޭގެ ހުރިހާ ރަށްރަށަކީ ހުރިހާ ޚިދުމަތްތަކެއްލިބޭ ރަށްތަކެއްކަމުގައި ނުވާތީ ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޮންސް ޓީމް ރާއްޖޭގައި ހިނގާ ހާދިސާތަކުގައި އެންމެ ފުރަތަމަ އިޖާބަދޭ ފަރާތްތައް ކަމުގައިވުން. އަޅުގަނޑުމެންގެ އެންމެ ބޮޑު މަޤުސަދަކީ ރާއްޖޭގެ ހުރިހާ ރަށްތަކުގައިވެސް ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޮންސް ޓީމް އެކުލަވާލުން." އައިޝަތު އިފާ ވިދާޅުވިއެވެ.

އެންޑީއެމްއޭއިން ކުރިއަށްގެންދާ މިތަމްރީނުތައް ޔުނިސެފްގެ އެހީތެރިކަމާއެކު އިތުރު ރަށްރަށުގައި ވެސް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.

މިތަމްރީނަކީ ރަށު ފެންވަރުގައި ވިލުންތެރިކަން އިތުރުކޮށް، ކާރިސާތަކަށް ތައްޔާރުވެ، ހޭލުންތެރި މަޖުތަމަޢެއް ބިނާކުރުމަށް ރަށު ފެންވަރުގައި އެންޑީއެމްއޭ އިން ކުރިއަށް ގެންދާ ކޮމިއުނިޓީ ރެސިލިއަންސް ބިލްޑިންގ ޕްރޮގްރާމުގައި ހިމެނޭ މުހިއްމު ތަމްރީނެކެވެ.