އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ޓޮޓްނަމް ހޮޓްސްޕަރގެ ޑިފެންޑަރ ކްރިސްޓިއަން ރޮމޭރޯ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ބަދަލުވެއްޖެއެވެ.
އާޖެންޓީނާއަށް އުފަން އުމުރުން 28 އަހަރުގެ ރޮމޭރޯ އެތްލެޓިކޯ މެޑްރިޑަށް ބަދަލުވެފައިވަނީ 40 މިލިއަން ޔޫރޯގެ ފީއަކަށެވެ.
ނިމިގެންދިޔަ ފީފާ ވޯލްޑްކަޕްގައި ވާދަކުރި އާޖެންޓީނާގެ ޓީމު މުބާރާތުގެ ފައިނަލަށް ދަތުރުކުރިއިރު, ރޮމޭރޯ ވަނީ އެ ޓީމުން މުހިންމު ދައުރެއް އަދާކޮށްފައެވެ.
ރޮމޭރޯ އެތްލެޓިކޯ މެޑްރިޑަށް ބަދަލުވެފައިވާއިރު އޭނާ ހޯދުމަށް މީގެ ކުރިން ޕްރިމިއާ ލީގުގެ ކްލަބް އާސެނަލް އިންވެސް ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް ޓޮޓްނަމް އިން އެ ޓީމާއި ވާދަވެރި ލަންޑަންގެ ކްލަބަށް އޭނާ ވިއްކާލުމަށް ވަނީ ދެކޮޅު ހަދާފައެވެ.
2021 ވަނަ އަހަރު ލޯނު އެއްބަސްވުމެއްގެ ދަށުން ޓޮޓްނަމް އާއި ފުރަތަމަ ގުޅުނު ރޮމޭރޯ އާއިއެކު އެ ކްލަބުން ވަނީ ފަހުން ދާއިމީ އެއްބަސްވުމެއް ހަދާފައެވެ. އަދި ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އޭނާ ވަނީ ޓޮޓްނަމް އަށް 156 މެޗު ކުޅެދީ 13 ލަނޑު ޖަހައިދީފައެވެ.
ޓޮޓްނަމްގެ ކެޕްޓަންގެ ގޮތުގައި މިދިޔަ ސީޒަނުގައި މަސައްކަތްކުރި ރޮމޭރޯ އެތްލެޓިކޯ އަށް ބަދަލުވެފައިވާއިރު މިއީ ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އެ ކްލަބަށް ގެންދިޔަ ހަތަރުވަނަ ކުޅުންތެރިޔާއެވެ.
ރޮމޭރޯ އަކީ އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއެގޯ ސިމިއޯނީ އާއި ގާތް ގުޅުމެއް އޮންނަ ކުޅުންތެރިއެކެވެ.