ޚަބަރު

ފަލަސްޠީނުގެ މިނިވަންކަން ކަށަވަރުކޮށްދޭން މަސައްކަތް ކުރާނަން: އުރުދުޣާން


ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގައި ތުރުކީވިލާތުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަން ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ތަކުރާރު ކުރައްވައިފިއެވެ. އޭނާ މި ޔަގީން ކަން އަރުވާފައި ވަނީ، ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއާއެކު ތުރުކީވިލާތުގެ ވެރިރަށް އަންކަރާގައި ބޭއްވެވި ބައްދަލުވުމެއްގައެވެ. ޢައްބާސްއާއެކު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވީ، 1967 ވަނަ އަހަރު ކަނޑައަޅާފައިވާ ސަރަޙައްދީ އިމާ އެއްގޮތަށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، މިިނިވަން ދައުލަތެއް ޤާއިމުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި ތުރުކީވިލާތުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގައެވެ. މި ބައްދަލުވުމުގައި ޢައްބާސް ވަނީ 'މައްކާގެ ގުޅިފައިވާ ދިފާޢީ އެއްބަސްވުމަށް' މަރުޙަބާ ދަންނަވައި، އެއީ "ވަރަށް މުހިންމު" އެއްބަސްވުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ޔަހޫދީން ހުރަސްއަޅަމުންދާ ކަމަށާއި، މި ޙާލަތުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލަން އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި އުރުދުޣާން ވިދާޅުވިއެވެ. އަދި، މެދުއިރުމަތީގެ ޤައުމުތަކުގައި ހަމަނުޖެހުން އުފައްދައި، އެ ކަމުގެ ނާޖާއިޒު ފައިދާ ނެގުމަށް ޞިހްޔޫނީންގެ ދައުލަތުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ މަސައްކަތްކުރި ނަމަވެސް، އެ ކަން ކާމިިޔާބު ނުކުރެވޭނެ ކަމުގައި އުރުދުޣާން ވިދާޅުވިއެވެ. މީގެ އިތުރުން، ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ އިރުމަތީ ޤުދުސްގެ މަސްޖިދުލްއަޤްޞާއާއި އެހެނިހެން މުޤައްދަސް ބިންތަކުގެ ޙާލަތު ބަދަލުކުރުމަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތަކަށް ތުރުކީވިލާތުން ދެކޮޅުހަދާ ކަމުގައި ވެސް އަރްދޮޣާން ވިދާޅުވިއެވެ.

އިސްތިޢުމާރު ކޮށްފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ޔަހޫދީން ހިންގަމުންދާ ޣައިރުޤާނޫނީ ޢަމަލުތައް ވެސް އުރުދުޣާން ކުށްވެރިކުރެއްވިއެވެ. އަދި، ފަލަސްޠީނަށް ތާޢީދުކުރުމަކީ އިސްލާމީ އުންމަތާއި މުޅި މުޖުތަމަޢަށް އޮތް ބޮޑު މަސްއޫލިއްޔަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. މީގެއިތުރުން، ޣައްޒާ އަލުން އާރާސްތުކުރުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށާއި، އެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ތުރުކީވިލާތުން ކުރަމުންދާ މަސައްކަތްތައް ހުއްޓައިނުލާނެ ކަމުގެ ޔަގީން ކަން އޭނާ ޢައްބާސްއަށް އެރުވިއެވެ. އަދި، މެދުއިރުމަތީގެ މައިގަނޑު މައްސަލަތަކަށް ޞުލްޙަވެރި ދާއިމީ ޙައްލެއް ހޯދޭނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމުގެ ފުރުޞަތު ދަމަހައްޓައިގެން ކަމުގައި ވެސް އުރުދުޣާން ފާހަގަކުރެއްވިއެވެ.

ޢައްބާސް އަންކަރާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ ފަލަސްޠީނުގެ މައްސަލައާއި ޣައްޒާގެ މުސްތަޤުބަލާ ގުޅޭގޮތުން ތުރުކީވިލާތުން ކުރިއަށްގެންދާ ޚާރިޖީ މަސައްކަތްތަކުގެ ތެރެއިން ކުރެއްވި ދަތުރުފުޅެކެވެ. ޢައްބާސް ވަނީ މައްކާގެ ގުޅިފައިވާ ދިފާޢީ އެއްބަސްވުމަކީ ސަރަޙައްދީ ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ލިބޭ ފެށުމަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި، ފަލަސްޠީނުގެ ޙައްޤުތަކަށާއި ޤައުމީ މަސައްކަތަށް ދެމުންދާ ތާޢީދަށް ޓަކައި ޢައްބާސް ވަނީ އުރުދުޣާނަށާއި ތުރުކީވިލާތުގެ "އަޚުންނަށް" ޝުކުރު އަދާކުރައްވާފައެވެ.