ތުރުކީވިލާތާއި ސަޢޫދީ ޢަރަބިއްޔާ އަދި ޕާކިސްތާނުން ސޮއިކުރި 'މައްކާގެ ގުޅިފައިވާ ދިފާޢީ އެއްބަސްވުމުގެ' ދަށުން ޚާރިޖީ އަދި ދިފާޢީ ވަޒީރުންގެ މެދުގައި އެންމެ މަތީ ފަންތީގެ މަޝްވަރާތައް ބޭއްވޭނެ ކަމަށާއި، ގުޅިގެން އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަން ތުރުކީވިލާތުން ހާމަކޮށްފިއެވެ. މައްކާ އެއްބަސްވުމާ ގުޅޭ އިތުރު މަޢުލޫމާތު ފުރަތަމަ ފަހަރަށް ހާމަކުރަމުން ތުރުކީވިލާތުގެ ދިފާޢީ ވުޒާރާއިން ބުނީ، އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ދިފާޢީ އުފެއްދުންތެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރު ކުރުމަށް ވެސް ނިންމާފައިވާ ކަމުގައެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އޮގަސްޓު 7 ވަނަ ދުވަހުއެވެ.
މި ތިން ޤައުމުން ގުޅިގެން އެއްބަސްވުމެއް އެކުލަވައިލައި، ދިފާޢީ ގޮތުން ގުޅުން ބަދަހިކުރަން ނިންމާފައި މި ވަނީ، އީރާނާ ދެކޮޅަށް އެމެރިކާއިން ޣައިރުޤާނޫނީ ހަނގުރާމައެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި، ހަނގުރާމައިގެ ސަބަބުން ހުޅަނގު އޭޝިޔާ ސަރަޙައްދުހެ ހަމަޖެހުން ގެއްލި، ކަނޑު ދަތުރުފަތުރަށް ނުރައްކާވަމުންދާ ވަގުތެއްގައެވެ. މައްކާ އެއްބަސްވުމުގައިވާ ގޮތުން، އެއްބަސްވުމުގެ އެއް ބައިވެރިއަކަށް ހަމަލާދިނުމަކީ، އެހެން ބައިވެރިންނަށް ވެސް ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލެވޭނެއެވެ. އަދި، ޢުދުވާނާ ކުރިމަތިލާންޖެހޭ ޤައުމުގެ ދިފާޢުގައި އެހެން ޤައުމުތަކުން ތެދުވަން ޖެހޭނެއެވެ. މިއީ، ހުޅަނގުގެ ދިފާޢީ އިއްތިޙާދުން (ނޭޓޯ) މިހާރު ވެސް ޢަމަލު ކުރަމުންދާ އުސޫލެކެވެ. ތުރުކީވިލާތުގެ ދިފާޢީ ވުޒާރާއިން ބުނީ، މައްކާ އެއްބަސްވުމުގެ އަސާސީ މަޤުޞަދަކީ ދިފާޢީ އަދި އަސްކަރީ ގުޅުންތައް އިދާރީ ގޮތުން ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުން ކަމުގައެވެ.
މައްކާ އެއްބަސްވުމުގެ ދަށުން، މެންބަރު ޤައުމުތަކުގެ ދިފާޢީ ވަޒީރުންނާއި، ޚާރިޖީ ވަޒީރުންގެ އިތުރުން ސިފައިންގެ އިސްވާރުން ހިމެނޭ ގޮތުގައި އިސްތިރާޖީ، ސިޔާސީ އަދި އަސްކަރީ އިންތިޒާމުތަކެއް ޤާއިމުކުރުމަށް ވަނީ ރާވާފައެވެ. އަދި، އެއްގަމާއި، ކަނޑާއި، ވައިގެ ސިފައިންގެ އިތުރުން ވައިގެ ދިފާޢީ ނިޒާމުތަކާއި ޑްރޯން ފަދަ ހަތިޔާރު ބޭނުންކޮށްގެން ގުޅިފައިވާ އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދެވޭނެއެވެ. މީގެ އިތުރުން، އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ހަނގުރާމައާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދިފާޢީ ނިޒާމު ވަރުގަދަކޮށް، ހަތިޔާރު އުފެއްދުމާއި، އަސްކަރީ އުޅަނދުފަހަރާއި އާލާތްތައް މަރާމާތު ކުރެވޭނެ ދެމެހެއްޓެނިވި ނިޒާމެއް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.
ތުރުކީވިލާތަކީ މިހާރު ވެސް ނޭޓޯގެ މެންބަރު ޤައުމަކަށްވާއިރު، ނޭޓޯގެ މެންބަރު ޤައުމުތަކުގެ ތެރެއިން މި ވަގުތު ދެވަނައަށް އެންމެ ބޮޑު އަސްކަރިއްޔާއެއް އޮތީ ވެސް އެ ޤައުމުގައެވެ. މައްކާ އެއްބަސްވުމުގެ ދެވަނަ ބައިވެރިޔާ ކަމުގައިވާ ޕާކިސްތާނަކީ ނިއުކްލިޔަރ ހަތިޔާރުގެ ޤާބިލުކަން ހޯދާފައިވާ ބާރެކެވެ. އަދި، ސަޢޫދީ ޢަރަބިއްޔާއަކީ ދުނިޔޭގައި އޮތް އެންމެ ގިނައިން ތެޔޮ އެކްސްޕޯޓު ކުރާ ޤައުމެވެ. ތުރުކީވިލާތުން ބުނީ، މައްކާ އެއްބަސްވުމުގައި ބައިވެރިވުމުގެ ފުރުޞަތު، މިޞްރު ފަދަ ޤައުމުތަކަށް ވެސް އޮތް ކަމުގައެވެ. އަދި، މި އެއްބަސްވުމުގައި ބައިވެރިވުމަކީ، މި ފަދަ އެހެން އިއްތިޙާދަކާ ގުޅުމަށް އޮތް ހުރަހެއް ނޫން ކަމުގައެވެ. ރަތް ކަނޑާއި ޢަދަން ކަނޑުގެ އިތުރުން ބާބް އަލް-މަންދަބް ކަނޑުއޮޅީގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ އޮޕަރޭޝަނެއް ފެށުމާ ގުޅޭ ގޮތުން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި މިހާރު ކުރަމުންދާ މަޝްވަރާތަކުގައި ތުރުކީވިލާތުން ބައިވެރިވަމުންދާ ކަން ވެސް އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ހާމަކުރިއެވެ.