ޚަބަރު

ޔަހޫދީ ސިފައިން ދެކުނު ލުބުނާނުން ފައިބަން ދެކޮޅު ހަދަނީ


  • []

ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާގެ އިސްތިޢުމާރުކޮށްފައިވާ ސަރަހައްދުތަކުން ޔަހޫދީ ސިފައިން ނުފައިބާނެ ކަމަށް ޔަހޫދީންގެ ދިފާޢީ ވަޒީރު އިސްރާއިލް ކަޓްޒް ބުނުމާއެކު، ޔަހޫދީން ދެކުނު ލުބުނާނުގެ އެކި ސަރަހައްދުތަކަށް ހަމަލާތަކެއް ދީފިއެވެ.

ސުލްޙައިގެ އެއްބަސްވުމާއި އެއްގޮތަށް ޔަހޫދީ ސިފައިން ބޭރުކުރުމަށް ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ގޮވާލަމުންދިޔަ ނަމަވެސް، ޔަހޫދީން ވަނީ ދެކުނު ލުބުނާނުން ފައިބަން ދެކޮޅުހަދައި، ހަމަލާތައް ފުޅާކޮށްފައެވެ.

ލުބުނާނުގެ ދައުލަތުގެ މީޑިއާ އެންއެންއޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބިންތު ޖުބައިލް ސަރަހައްދުގެ ކަފާރާގެ މަގަކަށް ޔަހޫދީން ދިން ޑްރޯން ހަމަލާއެއްގައި ވަނީ އެތައް ބަޔަކު ޒަޚަމްކޮށްލާފައެވެ. މީގެއިތުރުން، ހައްދާޘާގައި ވަރުގަދަ ގޮއްވުމެއް ގޮއްވާލާފައިވާއިރު، ބައިތު ޔަޙޫންގެ ބޭރު ސަރަހައްދުތަކަށްވެސް ވަނީ ޑްރޯން ހަމަލާދީފާވެއެވެ.

މަރްޖަޔޫން ސަރަހައްދުގެ ދައިރު ސިރިއާން ކައިރިއަށް ވައިގެ ހަމަލާއެއް ދީފައިވާއިރު، ވާދީ ސަލޫކީ މަގުގައިވާ ވާދީ ތޫލީން ސަރަހައްދުގައިވެސް ވަރުގަދަ ގޮއްވުންތަކެއް ގޮއްވާލާފައިވާ ކަމަށް އެންއެންއޭއިން ބުނެއެވެ. އަދި ތާޔަރު ސަރަޙައްދުގެ މަންޞޫރީއަށް ދެފަހަރެއްގެ މަތިން ވައިގެ ހަމަލާދީ، ޑްރޯން މެދުވެރިކޮށް އަޑުގަދަ ބޮމެއްވެސް ވަނީ ވައްޓާލާފައެވެ.

ދެކުނު ލުބުނާނު އިސްތިޢުމާރުކޮށްގެން ތިބޭނެ ކަމަށް ޔަހޫދީ ދިފާޢީ ވަޒީރު ބުނި ބުނުމަށް އެމެރިކާއިން ވަނީ ފާޑުކިޔާފައެވެ. އެކްސިއޯސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާއާއި ލުބުނާނާއެކު ހެދިފައިވާ އެއްބަސްވުމުގެ ދަށުން ޔަހޫދީން ވެފައިވާ މުއާޙަދާއާއި، ޔަހޫދީ ދިފާއީ ވަޒީރުގެ މި ވާހަކަތައް މުޅިން ޚިލާފެވެ.

އެމެރިކާގެ ޚާރިޖީ މުވައްޒަފަކާއި ހަވާލާދީ އެކްސިއޯސްއިން ބުނީ، އެއްބަސްވުމާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރާނެ ކަމަށް އެމެރިކާއިން އުންމީދުކުރާ ކަމަށާއި، ލުބުނާނުގެ ބިމަށް ޔަހޫދީންގެ އެއްވެސް ޝައުޤުވެރިކަމެއް ނެތް ކަމަށް ކުރިން ބުނެފައިވާ ކަމަށެވެ. އަދި ދެކުނު ލުބުނާނުގައި ދާއިމީ އަސްކަރީ ބާރެއް ބޭއްވުމަކީ ސުލްޙައާއި ސަލާމަތަށް އޮތް ހުރަހެއް ކަމަށްވެސް އެމެރިކާއިން ވަނީ ބުނެފައެވެ.