މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް ފާހަގަކުރުމަށްޓަކައި ހއ.އުތީމުގައި ބާއްވާ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން، މިރޭ އެ ރަށުގައި ހަވާއެރުވުމަށް ހަމަޖައްސައިފިއެވެ. މިހަރަކާތް އޮންނާނި މިރޭ 21:00 ގައެވެ.
މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި ހަރަކާތްތައް ފެށިގެންގޮސްފައިވަނީ މިއަދު ހެނދުނު 06:00 ގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. އަދި މިއަދު ހަވީރު 16:00 ގައި އުތީމުގައި އިސްރަށްވެހިންނާއި ކުޑަކުދިންނަށް ޚާއްސަ ހަވީރެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ބާއްވާ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މާދަމާ އެ ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ރައީސްގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ކިޔުން އޮންނާނީ މާދަމާ ހެނދުނު 08:30 ގައެވެ.
މީގެ އިތުރުން، މާދަމާ ހެނދުނު 08:45 ގައި ބޮޑުތަކުރުފާނު ހަނދާނީ ދޮރުއަށި ހުޅުވުމާއި، 10:00 ގައި ބާއްވާ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާވެސް މާދަންރޭ އުތީމުގަ އޮންނާނެއެވެ. އަދި ހަމަ އެ ދުވަހު ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު ކިޔައިދޭ "ވާހަކަ ވައު" ހުޅުވައިދެއްވުންވެސް އޮންނާނެއެވެ.
މި ހަރަކާތްތައް ނިންމާލުމުގެ ގޮތުން އަންނަ އާދިއްތަ ދުވަހުގެ ރޭ 20:00 ގައި އުތީމުގައި ހާއްސަ ސަގާފީ ކުޅިވަރު ޝޯއެއް ބޭއްވުމަށް ވެސް ވަނީ ތާވަލުކޮށްފައެވެ.
ޤައުމީ ދުވަހަކީ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (ބޮޑުތަކުރުފާނު) ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ޒިކުރާ އާކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ފާހަގަކުރާ ދުވަހެކެވެ.