ޚަބަރު

"ސުންނަތާނުލައި، ދީނުގެ ޙުކުމްތަކެއް ނޭނގޭނެ"


  • މަޢުޟޫއަކީ "އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރު"

ސުންނަތޭ ބުނުމުން އެއީ ކޮންމެހެން ނުކުރިއަސް ވަރިހަމަ ކަންކަން ކަމުގައި ބައެއް މީހުންނަށް ހީވެފައި އޮންނަ ކަމަށާއި މިއީ ވަރަށް ބޮޑު އޮޅުމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ "އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރު" އެވެ.

އިސްލާމްދީނުގެ ފުރަތަމަ މަޞްދަރުކަމުގައި ކީރިތި ޤުރްއާންވީ ފަދައިން އެ ދީނުގެ ދެވަނަ މަޞްދަރަކީ ރަސޫލާގެ ސުންނަތެވެ. މާތް ﷲއަށް ކިޔަމަންވުމަށް ކުރައްވައިފައިވާ އަމުރުފުޅާ ވިދިގެން ރަސޫލާއަށް ކިޔަމަންވުމަށް ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި އެކަލާނގެ ވަނީ އަމުރު ކުރައްވައިފައެވެ. ހުކުރު ޚުޠުބާގައި ވިދާޅުވީ އިސްލާމީ ޝަރީޢަތުގެ އަސާސަކީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ ސުންނަތް ކަމަށެވެ. މި ދެ މަޞްދަރުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގައި އަހަރެމެންނަށް ކާމިޔާބުލިބުމެއް ނުވާނެ ކަމަށެވެ.

ކީރިތި ﷲ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވީ އަހަރެމެންނަށް ސީދާމަގަށް މަގުދެއްކެވުމަށެވެ. އެހެންކަމުން ދިރިއުޅުމުގެ ހުރިހައި ކަމެއްގައި އެކަލޭގެފާނަށް ތަބާވެ، އެކަލޭގެފާނު ނަމޫނާއެއްކަމުގައި ބަލައިގަތުމަކީ އަހަރެމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. މީގެ އިތުރަށް އެކަލޭގެފާނުގެ ބަސްފުޅުތަކަކީ އެކަލޭގެފާނަށް ބާވައިލެއްވުނު ވަޙީގެ ތެރެއިން ބައެއްކަން ވެސް ކީރިތި ﷲ ވަނީ އަންގަވައިފައިކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

"ސުންނަތޭ ބުނުމުން އެއީ ކޮންމެހެން ނުކުރިއަސް ވަރިހަމަ ކަންކަން ކަމުގައި ބައެއް މީހުންނަށް ހީވެފައި އޮވޭ. ޝަރުޢީ ކަމެއް ސުންނަތުން ސާބިތު ވިއަސް ޤުރްއާނުގައި އޭގެ ޙުކުމް އައިސްފައިނުވާ ނަމަ، އެއީ ކުރުމުން ޘަވާބުލިބޭ އަދި ނުކޮށް ދޫކޮށްލިއަސް ޢަޛާބު ނުލިބޭ ކަމެއްކަމުގައި މި ފަދަ މީހުން ދެކޭ. އަނެއްބަޔަކު ދެކޭ ގޮތުގައި މުސްލިމުން ޢަމަލުކުރާން ޖެހޭ ހުރިހައި ކަމެއް މާތް ﷲ ވަނީ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައިފައެވެ. އެހެންކަމުން އޭގެ ބޭރުން އެހެން އެއްޗަކަށް ބަލާކަށް ނުޖެހޭނެ. މިއީ ވަރަށް ބޮޑު އޮޅުމެއް." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ އިސްލާމީ ޝަރީޢަތުގެ ގިނަ ކަންކަމުގައި ސުންނަތަށް ރުޖޫޢަނުވެ، ހަމައެކަނި ޤުރްއާނުން ދަލީލު ނަގައިގެން ޢަމަލުކުރުމީ މުސްތަޙީލުކަމެއް ކަމަށެވެ. މިސާލަކަށް، ނަމާދަކީ ދީނުގެ ތަނބެވެ. ޝަހާދަތުގެ ދެކަލިމައަށް ފަހު ދީނުގެ އެންމެ މުހިންމު ރުކުނަކީ ނަމާދެވެ. މި ރުކުން މުއުމިނުންގެ މައްޗަށް ފަރުޟުވެއްޖެކަން ޤުރްއާނުން އެނގޭން އެބައޮތެވެ. ނަމަވެސް ނަމާދު އަދާކުރާންވީ ގޮތެއް ކީރިތި ޤުރްއާނުގައި އައިސްފައެއް ނުވެއެވެ. މިކަންކަން އެނގެނީ ރަސޫލާގެ ސުންނަތުންނެވެ. ހަމައެފަދައިން ޙައްޖުގެ އަޅުކަން އަދާކުރާންވީގޮތް އެކަލޭގެފާނު ވަނީ ދަސްކޮށްދެއްވައިފައެވެ. އެހެންކަމުން ސުންނަތާނުލައި، ދީނުގެ ޙުކުމްތަކެއް ނޭނގޭނެކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

"އިސްލާމީ ޝަރީޢަތުގެ ފުރަތަމަ މަޞްދަރުކަމުގައި ކީރިތި ޤުރުއާންވީ ފަދައިން، ރަސޫލު ﷲގެ ސުންނަތަކީ އެ ޝަރީޢަތުގެ ދެވަނަ މަޞްދަރުކަން ކަށަވަރު، ކީރިތި ޤުރްއާނާއި ސުންނަތާ ދެމެދުގައިވާ ގުޅުމަކީ ޝަހާދަތުގެ ދެކަލިމައިގައިވާ ގުޅުމެވެ. އެ ދެކަލިމަ ވަކިނުކުރެވޭނޭ ފަދައިން ޤުރްއާނާއި ސުންނަތް ވެސް ވަތްކެއްނުކުރެވޭނެ." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ކީރިތި ރަސޫލާގެ ސުންނަތް އަހަރެމެންނާ ހަމައަށް އައިސްފައިވަނީ، ޤުރްއާން ވެސް އަހަރެމެންނާ ހަމައަށް ފޯރުކޮށްދެއްވި އަޞްޙާބުބޭކަލުންގެ އަރިހުންނެވެ. މި އާޔަތުގައި އެވާ ޛިކުރަކީ ޤުރްއާނާއި ސުންނަތުގެ މައްޗަށް އެކުލެވިގެންވާ އިސްލާމީ ޝަރީޢަތެވެ. އެހެންކަމުން ޤުރްއާނާއި ސުންނަތް ރައްކާތެރިކުރެވިގެން މެނުވީ ދީން ރައްކާތެރިއެއް ނުކުރެވޭނެކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.