އިމްތިހާން ފީ ނުވަތަ އެފަދަ ތައުލީމީ ޚިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވާނަމަ އެކަން އެންގުމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން އެދިއްޖެއެވެ. ބޭންކުން ވަނީ، މިފަދަ ހާލަތްތަކުގައި އަމަލުކުރަންވީ ގޮތާއި ދަރިވަރުން އިތުރަށް ހޭލުންތެރިކުރުވުމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ.
ބީއެމްއެލްއިން ވަނީ އަސާސީ ބޭނުންތަކަށް ކުރަންޖެހޭ ޚަރަދުތަކަށް ބޭނުންވާ ފައިސާ މެދުނުކެނޑި ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އޮންލައިންކޮށް ކުރާ ބައެއް ވިޔަފާރިތަކަށް ދުވާލަކަށް ކަސްޓަމަރުންނަށް ކުރެވޭނެ މުޢާމަލާތުގެ ޖުމްލަ ލިމިޓެއް ކަނޑައަޅާފައެވެ.
އެހެން ނަމަވެސް، ތަޢުލީމީ އަދި ޞިއްޙީ ޚިދުމަތްތަކުގެ އިތުރުން، މުހިންމު ސަބްސްކްރިޕްޝަންތަކަށް ކުރާ އަސާސީ ޚަރަދުތަކަށް މި ލިމިޓުތަކުގެ ސަބަބުން އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
ބީއެމްއެލްއިން ވިދާޅުވީ، ތަޢުލީމާ ގުޅުންހުރި ބައެއް އިމްތިހާން ފީތައް، މިސާލަކަށް އައިއީއެލްޓީއެސް ފަދަ ޓެސްޓުތަކުގެ ފީތައް ދައްކާއިރު، ޕޭމަންޓް ނެޓްވޯކް މެދުވެރިކޮށް މަރޗަންޓް ކެޓަގަރީ ކޯޑު ބޭންކަށް ލިބޭއިރު، އެ މުޢާމަލާތްތައް ހިނގަނީ "ތަޢުލީމީ" ދާއިރާގެ ކޯޑުގެ ދަށުން ނޫންކަން ނުވަތަ އެއްވެސް ކެޓަގަރީއެއް ކަނޑައެޅިފައި ނުވާ ކޯޑުތަކެއްގެ ދަށުންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި އެ މުޢާމަލާތްތައް ފުރިހަމަނުވެ، ޑިކްލައިންވާ ކަމަށް ވިދާޅުވިއެވެ.
މިފަދަ ހާލަތެއް ދިމާވެއްޖެނަމަ، އެ މުޢާމަލާތުގެ ތަފްސީލާއެކު ބޭންކަށް ހުށަހެޅުމުން އެ މުޢާމަލާތް މުރާޖަޢާކޮށް، އެފަދަ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ ގޮތަށް، އެ ސައިޓެެއް ކަނޑައަޅައި، އެކަން ހައްލުކޮށްދޭނެ ކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.
މީގެ އިތުރުން، ތަޢުލީމާއި، ޞިއްޙީ ޚިދުމަތް އަދި އަސާސީ ސަބްސްކްރިޕްޝަންތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ މަގު ފަހިކޮށްދިނުމަކީ ބޭންކުން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށާއި، މިފަދަ މުޢާމަލާތްތަކަށް ފުރިހަމަ އެހީތެރިކަން ދީ، ދިމާވާ އެންމެހާ މައްސަލަތައް ހައްލުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަންވެސް ބީއެމްއެލްއިން ވަނީ ދީފައެވެ.