ޚަބަރު

ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމްއިއްޔާތަކަށް މާލީ އެހީދެނީ


  • ކޮންމެ އަހަރަކު 3 މިލިޔަން ރުފިޔާ ދިނުމަށް ނިންމާފައިވޭ

  • އެހީ ދޫކުރާ މިންވަރު ބިނާވަނީ ހިންގަން ފާސްކުރާ ހަރަކާތްތަކުގެ މައްޗަށް

‏ދުންފަތާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވާ މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން އާންމުކޮށްފިއެވެ.

އެޗްޕީއޭއިން އާންމުކުރި އިއުލާނުގައި ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދުންފަތް ކޮންޓްރޯލް ކުރުމަށާއި، ހޭލުންތެރިކަން އިތުރު ކުރުމަށް އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ހިންގާ ޕްރޮގްރާމްތަކަށް އެހީތެރިވުމުގެ ގޮތުން ކޮންމެ އަހަރަކު 3 މިލިޔަން ރުފިޔާ ކަނޑައެޅުމަށް ނިންމާފައެވެ. މި އެހީ ދިނުމަށް ހަމަޖެހިފައިވަނީ، މަދުވެގެން 12 މަސްދުވަހުގެ ކުރިން ޖަމްއިއްޔާތަކުގެ ޤާނޫނު ނުވަތަ ކުޅިވަރު ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ތަންތަނަށެވެ.

މި ޕްރޮގްރާމް ހިންގުމުގައި ނެރޭ ނަތީޖާގެ ދެފުށް ފެންނަކަން ކަށަވަރު ކުރުމަށާއި، މާލީ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ޚާއްސަ އިދާރީ އަދި އޮޕަރޭޝަނަލް އުސޫލުތަކެއް ވަނީ އެކުލަވާލާފައެވެ. އެގޮތުން، ކޮންމެ އަހަރަކު އެކަށައެޅޭ 3 މިލިޔަން ރުފިޔާގެ ބަޖެޓުން، ހުށަހަޅާ ކޮންމެ ޕްރޮޕޯސަލެއްގެ އިންތިޒާމީ އަދި އިދާރީ ޚަރަދުތަކަށް ހޭދަކުރެވޭނީ، އެ ހުށަހަޅާ މުޅި ބަޖެޓުގެ ގާތްގަނޑަކަށް %20 އަށްވުރެ އިތުރުނުވާ މިންވަރެކެވެ.

ކުދި އާބާދީތަކުގައި ހިންގާ ހަރަކާތްތަކުން ފެށިގެން ގައުމީ ފެންވަރުގެ ބޮޑެތި ކެމްޕޭންތަކަށް ފުރުސަތު ދިނުމުގެ ގޮތުން، އެހީ ދޫކުރުން ވަނީ ޖިއޮގްރަފީ އަދި މަސައްކަތުގެ ނިސްބަތަށް ބަލައި ތިން ކެޓަގަރީއަކަށް ބަހާލާފައެވެ. މިކަމަަށް ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ، ޕަބްލިކް ހެލްތު ފަންޑުންނެވެ.

ފުރަތަމަ ކެޓަގަރީއަކީ، ވަކި ރަށަކަށް ނުވަތަ ވަކި މުޖުތަމައަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތަކެވެ. މި ކެޓަގަރީގެ ދަށުން ހުށަހަޅާ ކޮންމެ ޕްރޮޕޯސަލަކަށް 75،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދެއްގެ އެހީ ދިނުމަށް ހަމަޖެހިފައިވާއިރު، މި ކެޓަގަރީއަށް އަހަރަކު އެންމެ ގިނަވެގެން ދޫކުރެވޭނީ ޖުމްލަ 400،000 ރުފިޔާއެވެ.

ދެވަނަ ކެޓަގަރީއަކީ، މުޅި ރާއްޖެއަށް އަމާޒުކޮށްގެން އާންމުންނަށް ފައިދާހުރި ގޮތެއްގައި ހިންގާ ޤައުމީ ފެންވަރުގެ ހަރަކާތްތަކެވެ. މި ކެޓަގަރީގެ ކޮންމެ ޕްރޮޕޯސަލަކަށް 100،000 ރުފިޔާއާއި 300،000 ރުފިޔާއާ ދެމެދުގެ އެހީއެއް ކަނޑައެޅިފައިވާއިރު، މި ކެޓަގަރީގެ ޖުމްލަ ބަޖެޓަކީ 600،000 ރުފިޔާއެވެ.

ތިންވަނަ ކެޓަގަރީއަކީ، އެކި ސަރަހައްދުތަކަށް ނުވަތަ ގިނަ ރަށްތަކާއި އަތޮޅުތަކަށް އަމާޒުކޮށްގެން ހިންގާ ބޮޑެތި އޮޕަރޭޝަނަލް ޕްރޮގްރާމްތަކެވެ. މި ކެޓަގަރީގެ ދަށުން ކޮންމެ މަޝްރޫއަކަށް 300،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އެހީ ދޫކުރުމަށް ހަމަޖެހިފައިވާއިރު، މި ކެޓަގަރީއަށް އަހަރަކު 2،000،000 ރުފިޔާއާ ހަމައަށް ހޭދަކުރެވޭނެއެވެ.

މި އެހީއަށް ހުށަހަޅާ ޕްރޮޕޯސަލްތައް ނޭޝަނަލް ޕަބްލިކް ހެލްތު ސްޓްރެޓަޖީތަކާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯގެ އުސޫލުތަކާ އެއްގޮތް ވާންޖެހޭނެއެވެ. އެގޮތުން، ހުށަހަޅާ ހަރަކާތްތައް އަމާޒުކުރަންޖެހޭ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ދުންފަތާއި ނިކޮޓިން އެކުލެވޭ ތަކެތިން ލިބޭ ސިއްހީ ގެއްލުންތަކަށް އާންމުން ހޭލުންތެރި ކުރުވުމާއި، ކުޑަކުދިންނާއި ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރަން ފެށުން ހުއްޓުވުމަށް ހިންގާ ހަރަކާތްތައް ހިމެނެއެވެ.

މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް މުޖުތަމައުގެ ތެރެއިން އެހީތެރިކަމާއި، ކައުންސިލިންގ ފޯރުކޮށްދިނުމާއި، ދުންފަތުން ރައްކާތެރިވެފައިވާ މާހައުލުތައް ގާއިމުކުރުމަށް ވަކާލާތު ކުރުމުގެ އިތުރުން، ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުތަކާއި ސިޔާސަތުތައް ތަންފީޒު ކުރުމަށް އެހީތެރިވުން ހިމެނެއެވެ.

މި އެހީގެ ދަށުން ހިންގުމަށް ފާސްކުރާ ހުރިހާ މަޝްރޫއުތަކެއްވެސް ގިނަވެގެން 10 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭނެއެވެ. އެހީގެ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ، މަޝްރޫއުގެ މައިގަނޑު މަރުހަލާތަކަށް ބަހާލައިގެން ތިން އިންސްޓޯލްމަންޓެއްގެ ގޮތުގައެވެ. އެގޮތުން އެއްބަސްވުމުގައި ސޮއިކޮށް މަޝްރޫއު ފެށުމުން %30 ފައިސާ ދޫކުރާއިރު، މަޝްރޫއުގެ %50 ނިމި ކުރިއެރުމުގެ ރިޕޯޓު ފާސްވުމުން %35 ފައިސާ ދޫކުރެވޭނެއެވެ. އަދި ބާކީ %35 ފައިސާ ދޫކުރާނީ، މަޝްރޫއު މުޅިން ނިންމައި އެޗްޕީއޭއިން ފައިނަލް ރިޕޯޓު ފާސްކުރުމުންނެވެ.