ރެއާލް މެޑްރިޑްގެ މިހާރުގެ ކޯޗު ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ އަކީ މޮޅުވާން އެނގޭ ކާމިޔާބު އަދި އެހާމަ ތަޖުރިބާކާރު ކޯޗެއް ކަމަށާއި އޭނާގެ އިރުޝާދުގެ ދަށުން ކުޅެން ފުރުސަތު ލިބުމުން ހިތްހަމަ ޖެހިފައި ތިބި ކަމަށް ރެއާލް މެޑްރިޑްގެ މުހިންމު ކުޅުންތެރިން ބުނެފި އެވެ.
ސްޕެނިޝް އައު ސީޒަނަށް ރެއާލްއިން އެ ޓީމުގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ކޯޗަކަށް ހަމަޖެއްސީ ތަށްޓެއް ނުލިބި ދެ ސީޒަން ދިއުމުންނެވެ. މޮރީނިއޯ އަކީ ޗެލްސީ އާއި އިންޓަމިލާނާއި ޕޯޓޯ އާއި ރެއާލްގައި ވެސް ކާމިޔާބު ހޯދި ކޯޗެކެވެ. އޭނާގެ ސޮއި ރެއާލްއިން ހޯދީ ހުސްވި ސީޒަނުގައި ޕޯޗުގަލްގެ ބެންފީކާގައި ހުއްޓަ އެވެ.
"އޭނާ އަކީ މޮޅު ކޯޗެއް. ހާއްސަކޮށް މޮޅުވާން އެނގޭ ކޯޗެއް. އަހަރެން މިހުރީ އޭނާ ފަދަ ކޯޗަކާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުމުން ވަރަށް އުފަލުން. އޭނާ އައުމަކީ އަހަރުމެންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. މިދިޔަ ސީޒަނުގައި އެކަނި ވެސް އޭނާ ވަނީ އެކަން ސާބިތު ކޮށްދީފައި" ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރެއާލް ބަލިކޮށް ބެންފީކާ ދެ ވަނަ ބުރަށް ގެންގޮސްދިން މެޗަށް ވެސް އިޝާރާތްކޮށް އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ބުންޏެވެ.
ސްޕޭނުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލަށް ތަށްޓެއް ނުލިބުނު ނަމަވެސް ޓީމުގައި މިދިޔަ ދެ ސީޒަނުގައި އެންމެ މޮޅަށް ކުޅުނު އެއް ކުޅުންތެރިއަކީ ފްރާންސްގެ ކެޕްޓަން އަދި ވޯލްޑް ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ކީލިއަން އެމްބާޕޭ އެވެ. އޭނާ ވެސް ވަނީ މޮރީނިއޯ ކޯޗަކަށް އައުމުގެ ހިތްހަމަ ޖެހުން ފާޅު ކޮށްފަ އެވެ.
"އޭނާ އަކީ ކާމިޔާބު ހޯދާ ކޯޗެއް. އަހަރުމެންނަށް ޔަގީން މި ސީޒަނުގައި އަހަރުމެން ތަށި ހޯދާނެކަން. ސަބަބަކީ ކޯޗަކީ މޮޅުވާން ބޭނުންވާ، މޮޅުވާން އެނގޭ ކޯޗެއް. މޮރީނިއޯގެ ތައާރަފަށް އެކަކު ވެސް ބޭނުމެއް ނުވާނެ. އަހަރުމެންނަށް އެނގޭ އޭނާގެ ވަނަވަރާއި ސީވީ އޮތީ ކިހިނެތްކަން. މި ފެންވަރުގެ ކޯޗަކާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ވެސްމެ،" އެމްބާޕޭ ބުންޏެވެ.
ރެއާލް މެޑްރިޑުން ވަނީ ހުސްވި ދެ ސީޒަނުގައި ތިން ކޯޗެއްގެ އެހީތެރިކަން ހޯދައިފަ އެވެ. އެއީ އެ ޓީމުގެ އެންމެ ކާމިޔާބު ކޯޗު އިޓަލީގެ ކާލޯ އަންޗެލޯޓީ އާއި ކުރިން ރެއާލް އަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ ޒަބީ އަލޮންސޯ އާއި އަލްވާރޯ އާބެލޯއާ އެވެ. މީގެ ތެރެއިން އަންޗެލޯޓީ މިހާރު ހުރީ ބްރެޒިލްގެ ގައުމީ ޓީމުގަ އެވެ. އާބެލޯއާ ފުލަމްގައި އަދި އަލޮންސޯ ޗެލްސީގަ އެވެ.