ޚަބަރު

ހުޅަނގު އައްސޭރީގެ ފުލުހުންގެ ބާރުތައް ޔަހޫދީންގެ އަތްދަށަށް


ޔަހޫދީ ދައުލަތުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި އުޅޭ ޣައިރުޤާނޫނީ ޔަހޫދީ ވަޒަންވެރިންގެ މައްޗަށް ޤާނޫނު ތަންފީޒުކުރުމުގެ ބާރުތައް ޔަހޫދީ ފުލުހުންގެ ދަށަށް ބަދަލުކުރުމަށް ރާވަމުންދާ ރޭވުން، ފަލަސްޠީނުގެ ނައިބު ރައީސް ޙުސައިން އަލް-ޝައިޚް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ޙުސައިން އަލް-ޝައިޚް މިދޔަ ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޔަހޫދީ ދައުލަތުގެ ދިފާޢީ ވަޒީރު އިސްރާއީލް ކާޓްޒް އިޢުލާނުކުރިމި ފިޔަވަޅަކީ ޔަހޫދީ ދައުލަތުގެ އިސްތިޢުމާރީ އަޅުވެތިކަން ފަލަސްޠީނުގެ މައްޗަށް އިތުރަށް ފުޅާކުރުމަށް އެޅި ނުރައްކާތެރި ފިޔަވަޅެއް ކަމަށެވެ.

އަދި މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، އދގެ ޤަރާރުތަކުގެ އިތުރުން ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުންތަކާވެސް ކަނޑައެޅިގެން ޚިލާފު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ، މިއީ އިސްތޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުޞްގައި ޔަހޫދީ ދައުލަތުގެ ޤާނޫނުތައް ހިންގައި، ފަލަސްޠީނުގެ ބިންތައް ޣައިރުޤާނޫނީ ގޮތެއްގައި ޙިޞާރު ކުރުމަށް ކުރެވޭ އައު މަސައްކަތެއް ކަމަށެވެ. މި ނިންމުމާ ގުޅިގެން، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމްކުރުމަށް ޔަހޫދީ ދައުލަތަށް ބާރުއެޅުމަށް އޭނާ ވަނީ އދގެ ސަލާމަތީ މަޖިލީހަށް އިލްތިމާސްކުރައްވައިފައެވެ.

މި މައްސަލައިގައި ކަޓްޒް ވަނީ، ހުޅަނގު އައްސޭރީގައި އުޅޭ ވަޒަންވެރިންގެ ކަންކަން ބެލެހެއްޓުމުގެ މަސްޢޫލިއްޔަތު ސިފައިންގެ އަތުން ނަގައި، ޔަހޫދީ ދައުލަތުގެ އެންމެ ހަރުކަށި ވަޒީރު އިތަމާ ބެން ގަވީރްގެ ބެލުމުގެ ދަށުން ހިންގާ ޔަހޫދީ ދައުލަތުގެ ފުލުހުންނަށް ބަދަލުކުރުމުގެ މަގުޗާޓެއް އެކުލަވައިލުމަށް އަމުރުކޮށްފައެވެ.

މި ބަދަލާއެކު، ޔަހޫދީ ވަޒަންވެރިންނަށް ޚާއްޞަ ފުލުހުންގެ ޚިދުމަތެއް އުފައްދައި، އެ ފަރާތްތަކަށް ފުޅާ ބާރުތަކަކާއި ބޮޑު ބަޖެޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުންވެސް ވަނީ މި ރޭވުން ކުށްވެރިކޮށްފައެވެ. އެ ޖަމާޢަތުން ބުނި ގޮތުގައި، ގަވީރް ފަދަ ހަރުކަށި ފިކުރުގެ ވަޒީރެއްގެ ދަށަށް ފުލުހުންގެ ބާރުތައް ބަދަލުކުރުމަކީ، ފަލަސްޠީނު މީހުންގެ ބިންތައް ފޭރުމާއި އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުމުގެ ސިޔާސަތުތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމެކެވެ.

މި ނިންމުން މި އައީ ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން ފަލަސްޠީނު މީހުންނަށް ދޭ ލާއިންސާނީ ޙަމަލާތައް އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

އދގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރު ފެށުނީއްސުރެ މިހާތަނަށް 1,430 އަށްވުރެ ގިނަ ޙަމަލާ ވަނީ ރެކޯޑުކުރެވިފައެވެ. މި އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން 3,800 އެއްހާ ފަލަސްޠީނު މީހުންގެ ގެދޮރު ގެއްލިފައިވާއިރު، އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.

ޙުސައިން އަލް-ޝައިޚް ވިދާޅުވީ، 1967 އިން ފެށިގެން ފަލަސްޠީނުގެ ބިންތަކުގައި ހަދާފައިވާ ހުރިހާ ޔަހޫދީ އާބާދީތަކަކީ ޣައިރުޤާނޫނީ ތަންތަން ކަމަށާއި، ފަލަސްޠީނުގެ އެއްވެސް ބިމެއްގައި ޔަހޫދީ ދައުލަތުގެ ބާރު ހިންގުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ޤަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.