ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މާލެ ވަޑައިގަންނަވައިފިއެވެ.
މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް ބާއްވާފައިވަނީ ހއ. އުތީމުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ރަށަށް ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތީމަށް ކުރެއްވި މި ޒިޔާރަތުގައި ޤައުމީ ދުވަހާ ގުޅޭ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަންނަވާފައިވެއެވެ. އެގޮތުން، ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި ހުޅުއްވައިދެއްވުމާއި، "ވާހަކަ ވައު" ހުޅުއްވައިދެއްވުމުގެ އިތުރުން ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މީގެ އިތުރުން، މި ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ، އުތީމު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި އެ ރަށުގެ މުއައްސަސާތަކުގެ އިސްވެރިން އަދި ދަރިވަރުންނާ ބައްދަލު ކުރެއްވިއެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ޝަރަފާއި އިނާމުވެސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ މަތީ ފަންތީގެ ވަފުދެއް، ބައިވެރިވެވަޑައިގެންނެވިއެވެ.