ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ އައިބީސީ ވޯލްޑް ޓުއާގެ މޯލްޑިވްސް ޕްރޯ 2026 ގެ ކުއާޓަރ ފައިނަލުން ރާއްޖޭގެ ނޫހް މުހައްމަދު ދުނައިމް އިރުޝާދު. އަލީ ޚުޝްރުވާން، އަޝްރަފް ހަސަން އަދި އާމިން އުމަރު މޫސާ ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ތިންވަނަ ބުރުގެ ހީޓުތައް ހޮނިހިރު ދުވަހު ކުރިއަށްދިޔައިރު، ތިންވަނަ ބުރުގެ ހީޓު އެކެއްގައި ނޫހް ނުކުތީ ބްރަޗިމީ ތަރިކްއާ ދެކޮޅަށެވެ.
މި ހީޓު ނޫހް ކާމިޔާބުކުރީ 13.50 ސްކޯކޮށްގެންނެވެ. ބްރަޗިމީއަށް ސްކޯކުރެވުނީ 6.75އެވެ. މި ހީޓުގައި ނޫހު ޖުމްލަ ހަތް ރާޅެއްގައި އަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ މަތިން ސްކޯކުރީ ތިންވަނަ އަދި ހަތްވަނަ ރާޅުގައެވެ. ތިންވަނަ ރާޅުގައި އޭނާ ވަނީ 6.50 ސްކޯކޮށްފައެވެ. އަދި ހަތްވަނަ ރާޅުގައި 7.00 ސްކޯކުރިއެވެ.
ތިންވަނަ ބުރުގެ ދެވަނަ ހީޓު ޚުޝްރުވާން ކާމިޔާބުކުރީ ދާވޫދް ފަޒީހް އަތުން 1.6 ގެ ސްކޯއަކުންނެވެ. މި ހީޓުގައި ޚުޝްރުވާން ޖުމްލަ 13.50 ސްކޯކުރިއިރު، ދާވޫދްއަށް ސްކޯކުރެވުނީ 11.90 އެވެ. މި ހީޓު ޚުޝްރުވާން ނިންމާލީ ދެ ރާޅުންނެވެ. ފުރަތަމަ ރާޅުގައި 7.00 ސްކޯކުރިއިރު. ދެވަނަ ރާޅުގައި 6.50 ސްކޯކުރިއެވެ.
ރާއްޖޭގެ އަޝްރަފް ކުއާޓަރގެ ޖާގަ ކަށަވަރުކުރީ ތިންވަނަ ބުރުގެ ހީޓު ހައެއްގައި އަލީ ޖާވިދުގެ މައްޗަށް 2.75 ގެ ސްކޯއަކުން ކުރިހޯދައިގެންނެވެ. މި ހީޓުގައި އަޝްރަފަށް މުޅިއެކު 14.00 ގެ ސްކޯއެއް ލިބުނެވެ. ޖާވިދު އަށް ސްކޯކުރެވުނީ 11.25 އެވެ.
އަޝްރަފް އެންމެ މަތިން ސްކޯކުރީ ތިންވަނަ އަދި ފުރަތަމަ ރާޅުގައެވެ. ތިންވަނަ ރާޅުން 8.00 ސްކޯކުރިއިރު. ފުރަތަމަ ރާޅުގައި 6.00 ސްކޯކުރިއެވެ.
ވައިލްޑް ކާޑް އެންޓްރީއެއްގެ ގޮތުގައި މުބާރާތުގައި ވާދަކުރާ އާމިން އަށް ކުއާޓަރގެ ޖާގަ ލިބުނީ އޭނާގެ ކޮއްކޮ އިޔަން އަހުމަދުގެ މައްޗަށް 3.8 ގެ ސްކޯއަކުން ކުރިހޯދައިގެންނެވެ، ދެވަނަ ބުރުގެ ހަތްވަނަ ހީޓުގައި ވާދަކޮށް އާމިން އަށް މުޅިއެކު 16.50 ގެ ސްކޯއެއް ލިބުނެވެ. އިޔަން އަށް ސްކޯކުރެވުނީ 12.70 އެވެ.
މި ހީޓުގައި އާމިން އެންމެ މަތިން ސްކޯކުރީ ފުރަތަމަ އަދި ތިންވަނަ ރާޅުގައެވެ. ފުރަތަމަ ރާޅުން 7.50 ސްކޯކުރިއިރު، ތިންވަނަ ރާޅުގައި 8.00 ސްކޯކުރިއެވެ.
މުބާރާތުގެ ކުއާޓަރ ފައިނަލުގެ ހީޓުތައް އާދީއްތަ ދުވަހު ކުރިއަށްދާއިރު، ކުއާޓާ ފައިނަލުގެ ފުރަތަމަ ހީޓުގައި ވާދަކުރާނީ ރާއްޖޭގެ ނޫހް އަދި ޚުޝްރުވާންއެވެ. އެހެންވެ، މި ހީޓުން ރާއްޖޭގެ އެތުލީޓެއް މި ވަނީ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ.
ކުއާޓަރގައި އަޝްރަފް ވާދަކުރާނީ ހީޓް ތިނެއްގައެވެ. އަޝްރަފާ ދެކޮޅަށް ނުކުންނާނީ އަރމިޑޭއެވެ. އަދި ކުއާޓަރގެ ފަހު ހީޓުގައި އާމިން ނުކުންނާނީ ހޫގޯ ނައުޑޭއާ ދެކޮޅަށެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ 13 އެތުލީޓުން ވަނީ ވާދަކޮށްފައެވެ. އަދި މިއީ މިހާތަނަށް ބޭއްވި މޯލްޑިވްސް ޕްރޯ މުބާރާތްތަކުގެ ތެރެއިން ރާއްޖޭގެ ގިނަ އެތުލީޓުންތަކެއް ކުއާޓަރ ފައިނަލުގެ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން މި މުބާރާތުގެ ޖޫނިއާ ކެޓަގަރީގެ ފައިނަލުގައި އާމިން ވަނީ ވާދަކޮށްފައެވެ. އަދި ޑްރޮޕް-ނީ ކެޓަގަރީގެ ސެމީ ފައިނަލުގައި ޚުޝްރުވާން ވަނީ ވާދަކޮށްފައެވެ.