މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕުގައި ދިވެހި ސިފައިންގެ ކްލަބާއި ކްލަބް އެމްޓީސީސީން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ.
މި ފަހަރުގެ މުބާރާތުގައި އަށް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ޕޫލް އޭގައި ހިމެނޭ ޓީމުތަކަކީ އެޗްޑީސީއާ ޕޮލިސް ކްލަބްގެ އިތުރުން ޔުނައިޓެޑް ހެންވޭރިއަންސް އަދި ލަޔަންސްއެވެ.
ޕޫލް ބީގައި ހިމެނެނީ ދިވެހި ސިފައިންގެ ކޮލަބް، ދަނޑިމަގު ރެކްރިއޭޝަން ކޮލަބް، އެމްޓީސީސީ އަދި ސަން ސްޕޯޓްސް ކްލަބެވެ.
ހޮނިހިރު ދުވަހު ހަވީރު އެމްޓީސީސީ އިން ނުކުތީ ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ. މި މެޗު އެމްޓީސީސީ އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ދަޑިމަގު ވަނީ ކުޅުނު ފުރަތަމަ މެޗުން ސިފައިން އަތުން 3-2 ސެޓުން ބަލިވެފައެވެ.
ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުގެ ސެޓުތައް ދިޔައީ، 17-25، 21-25 އަދި 22-25 އިންނެވެ.
ހޮނިހިރު ދުވަހުގެރޭ ސިފައިން ނުކުތީ ސަން ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މި މެޗުގެ ސެޓުތައް ދިވެހި ސިފައިންގެ ކްލަބުން ގެންދިޔައީ 25-14، 25-08 އަދި 25-20 އިންނެވެ.
މި މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެއެވެ. މިއަދު ހަވީރު ޕޮލިސް ކްލަބުން ނުކުންނާނީ ލަޔަންސް ރެކްރިއޭޝަން ކްލަބާ ދެކޮޅަށެވެ. އަދި މިރޭ ދަޑިމަގުން ނުކުންނާނީ ސަންއާ ދެކޮޅަށެވެ.