ޚަބަރު

ޔަހޫދީންގެ ހުރަސްތަކާއެކު އެހީ ފޯރުކޮށްދިނުމަށް ގޮންޖެހުން


  • []

ޔަހޫދީންގެ ޤާއިމްކޮށްފައިވާ ޗެކްޕޮއިންޓުތަކާއި ގޭޓުތަަކާއި މަގުބަންދު ކުރުމަށް ބޭނުންކުރާ ހުރަސްތަކުގެ ސަބަބުން ހުޅަނގު އައްސޭރީގައި އިންސާނީ މަސައްކަތްތައް ކުރުމަށް ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް އދން ބުނެފިއެވެ.

އދގެ އެސޯސިއޭޓް ތަރުޖަމާނެއް ކަމަށްވާ ޑެނިއެލާ ގްރޮސް ޑީ އަލްމެއިދާ ވިދާޅުވީ ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކުގައި މި ފަދަ 900އަށް ވުރެ ގިނަ ހުރަސްތައް ޔަހޫދީން ޤާއިމްކޮށްފައިވާ ކަމަށެވެ. އޭގެ ސަބަބުން ޢާންމުންނަށް ބޭނުންޖެހިފައިވާ އިންސާނީ އެހީ ފޯރުނުކޮށްދެވޭ ކަމަށާއި، ގިނަ ބަޔަކު ޙާލުގައި ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ފަދަ ހުރަސްތަކުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދެވެނީ ގިނަ ލަސްތަކަކާ އެކުގައި ކަމަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އދއާއެކު މަސައްކަތްކުރާ ބައިވެރިން ބުނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުޅަނގު އައްސޭރީގެ ނަބްލުސްގެ އަވަށެއް ކަމަށްވާ ޤުސްރާގައި އޮގަސްޓު 11ވަނަ ދުވަހުން ފެށިގެން ގެއިން ނުނިކުމެވި ބަންދުވެފައި ތިބި ތިން ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީދޭ ޖަމްޢިއްޔާތަކާއި މުނިސިޕަލުން މަސައްކަތް ކުރަމުންދާ ކަމަށް ޑީ އަލްމެއިދާ ވިދާޅުވިއެވެ. ނަމަވެސް އެ ޢާއިލާތަކަށް މިހާތަނަށް އެހީތެރިކަން ފޯރުކޮށްދެވިފައި ނުވާ ކަމަށާއި، އެ ޢާއިލާތައް މިހާރު އެކަހެރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުން ކުރިއެރުމެއް ލިބެމުން ނުދާ ކަމަށާއި، ޤުސްރާގައި ޤާނޫނާ ޚިލާފަށް ދިރިއުޅޭ ޔަހޫދީ ވަޒަންވެރިން އެ އަވަށުގައި ޖެހި ފޭލިގެއެއް ރޫޅައިލުމުން އަލުން އެ ފޭލިގެ މިހާރު ޖަހާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޣައްޒާއާ ގުޅޭގޮތުން އޭނާ ވިދާޅުވީ ގިނަ ސަލާމަތީ ނުރައްކާތަކާއި ބަންދުތައް ކުރިމަތިވި ނަމަވެސް އެ ސަހަރަށް އެހީ ފޯރުކޮށްދިނުމަށް ޖަމްޢިއްޔާތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ. މިދިޔަ ހަފްތާގެ ތެރޭގައި އދއާއި އދގެ ބައިވެރިން ވަގުތީ ހިޔާވަހިކަން ގެއްލިފައިވާ މީހުންނާއި ހަމަލާތަކާއި އެހެން ހާދިޘާތަކުގެ ސަބަބުން އަނެއްކާ ވެސް އެހެން ސަރަޙައްދަކަށް ބަދަލުވާން މަޖުބޫރުވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ހާދިޘާތަކުގައި ގާތްގަނޑަކަށް 290 ގޭބިސީއަކަށް އަސަރުކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.