ކުޅިވަރު

އިންފަންޓީނޯގެ ނުފޫޒު، ގަތަރުން ތެދުވީ އޭއެފްސީއާ ދެކޮޅަށް


ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ދިފާއުގައި ގަތަރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން، އޭޝިޔާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީ އަށް ރައްދު ދީފި އެވެ.

މިއާއެކު ސާފުވި ކަމަކީ އިންފަންޓީނޯއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މައްސަލާގައި އޭޝިޔާގެ ގައުމުތައް ބައިބައިވާނެ ކަމެވެ. ކުރިން ވެސް ލަފާކުރެވިފައިވާ ގޮތަށް އޭޝިޔާގެ ހަ ގައުމަކުން މިހާރު ވެސް ވަނީ އިންފަންޓީނޯ އަށް ފާޅުގައި ތާއީދު ކޮށްފަ އެވެ. ގަތަރަކީ މިކަން އިއުލާނުކުރި އަދި އެންމެ ނުފޫޒު ގަދަ ގައުމެވެ.

އިންފަންޓީނޯ އަށް އިތުބާރު ނެތް ކަމަށް ބުނެ ތެދުވީ ޔޫރަޕާއި ކޮންކާކަފުންނެވެ. އެއީ ވޯލްޑް ކަޕަށް ފަހު އެއްވެސް ބަޔަކާ މަޝްވަރާ ނުކޮށް އަމިއްލަ އަށް ފީފާގެ ތެރެއިން ވިޔަފާރި ކުންފުންޏެއް އުފައްދައި އެކުންފުނީގެ 20 ޕަސެންޓް ހިއްސާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތް ގުޅުން އޮންނަ ވިޔަފާރިވެރިންނަށް ވިއްކާލަން އުޅުމުންނެވެ. އަދި މިކަމަށް އެއްބަސްވާ ގައުމުތަކަށް 40 މިލިއަން ޑޮލަރު ދޭން ވެސް ހުށަހެޅި އެވެ. އެ ދެ ޖަމާއަތުން މިކަން ސިފަކުރީ ފީފާ އާއި ފުޓްބޯޅަ ވިއްކާލުމަށެވެ. އިންފަންޓީނޯ ވަނީ ޕްރެޝަރު ބޮޑުވުމުން މިކަމަށް މައާފަށް އެދި އެ ހުށަހެޅުން އަނބުރާ ގެންގޮސްފަ އެވެ.

ޔޫއޭފާ އާއި ކޮންކާކަފަށް ތާއީދުކޮށް އޭއެފްސީން އިންފަންޓީނޯއާ ދެކޮޅަށް ބަޔާން ނެރުނެވެ. ނަމަވެސް ގަތަރުގެ އެފްއޭގެ ރައީސް ޝައިހް ހަމަދު ބިން އަލްތާނީ ސޮއި ކުރައްވައި ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭއެފްސީން މިފަދަ ބަޔާނެއް ނެރުނީ އެއްވެސް ބަޔަކާ މަޝްވަރާ ނުކޮށް ކަމަށެވެ. އަދި މިއީ ދެފުށް ފެންނަ ނިޒާމެއް ނޫން ކަމަށާއި މިފަދަ ނިންމުމެއް ނިންމާއިރު މެމްބަރުންނާ މަޝްވަރާކޮށް، އެކަމާ މެދު ވިސްނައި ގޮތެއް ނިންމަން ވަގުތު ދޭން ޖެހޭނެ ކަމަށެވެ.

"އޭއެފްސީން އެއްވެސް ވަރަކަށް މިކަމާ މަޝްވަރާ ނުކުރޭ. އަހަރުމެން ބަހެއް ބުނަން ޖާގައެއް ނުދޭ. މެމްބަރު ގައުމުތަކާ މަޝްވަރާ ނުކޮށް މެމްބަރު ގައުމުތަކުގެ ފަރާތުން މިފަދަ ބޮޑު ނިންމުމެއް ނިންމާއިރު އެ މީހުން ވެސް އެނގެން ޖެހޭނެ،" ގަތަރު އެފްއޭގެ ބަޔާނުގައިވެ އެވެ.

އިތުރަށް ބުނެފައިވަނީ ފުޓްބޯޅަ ފުޅާކޮށް، ކުރިއަރުވަން އިންފަންޓީނޯ ކުރައްވާ މަސައްކަތް ގަތަރު އެފްއޭއިން ބަލައިގަންނަ ކަމަށާއި އެކަމުގެ ސާފު ހެކި ވެސް ދުނިޔެ އަށް ފެންނަން އެބަހުރި ކަމަށެވެ.

ގަތަރަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވި ގައުމެކެވެ. މިހެންވެ ގަތަރުގެ ނުފޫޒުގަދަ ވެރިންނާއި އިންފަންޓީނޯއާ ވަރަށް ގާތް ގުޅުމެއްވެ އެވެ. އަދި އޭނާގެ ދިފާއުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ. އޭނާ ވިދާޅުވީ ފީފާގެ ރައީސް ކަމުން އިންފަންޓީނޯ ދުރު ކުރުމަކީ ގޯހެއް ކަމަށެވެ.

ހަތަރު ވަނަ ދައުރަށް އިންތިހާބު ވުމަށް ހުރަސްތަކެއް ހުރި ނަމަވެސް އިންފަންޓީނޯ މިހާރު ގެންދަވަނީ އަންނަ މާޗު މަހު އޮންނަ ފީފާގެ އިންތިހާބަށް ތައްޔާރުވަމުންނެވެ.