ވޯލްޑް ކަޕަށް ފަހު ފުރަތަމަ ފަހަރަށް ޗެލްސީ އަށް ކުޅެން ނުކުތުމުން ސަޕޯޓަރުން އެންޒޯ ފެނާންޑޭޒް އަށް މަލާމާތް ކޮށްފި އެވެ.
ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗުގައި އާޖެންޓީނާގެ މިޑްފީލްޑަރު ކުޅެން ނުކުތީ ފަހު ހާފުގަ އެވެ. އޭނާ ކުޅެން ނުކުތުމާއެކު އަދި ފައިގައި ބޯޅަ ޖެހުނު ކޮންމެ ވަގުތަކު ސަޕޯޓަރުން ނުރުހުން އަމާޒު ކުރީ ޗެލްސީ ދޫކޮށް ދާން ބޭނުންވާ ކަމަށް އެންޒޯ ބުނެފައިވާތީ އެވެ.
އޭނާ ގެންދަން މިހާރު ވެސް މަޝްވަރާ ކުރަމުންދަނީ ޗެލްސީއާ ވާދަވެރި މެންޗެސްޓާ ސިޓީންނެވެ. އެ ކުލަބުގެ ކޯޗަކަށް މިހާރު އެހުރީ ޗެލްސީގައި އެންޒޯ އަށް އިރުޝާދުދިން ކޯޗު އިޓަލީގެ އެންޒޯ މަރެސްކާ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ސިޓީ އަށް ބަދަލުވުމަށް އެންޒޯ ވަނީ އެ ކުލަބާއެކު ވާހަކަ ދައްކައިފަ އެވެ.
ނަމަވެސް އޭނާ ވިއްކާލަން ޗެލްސީން ކިޔާ އަގަކީ 120 މިލިއަން ޕައުންޑެވެ. އަދި މި އަގު ދޭން ހުކުރު ދުވަހުގެ ނިޔަލަށް ޗެލްސީން މުއްދަތު ދިން ނަމަވެސް ސިޓީން އެކަމަށް އިޖާބަ ނުދިނެވެ. އިނގިރޭސި މީޑިޔާތަކުން ބުނާ ގޮތުގައި މިއީ ޓްރާންސްފާ މާކެޓްގެ ފަހު ވަގުތު އަގު ކުޑަކޮށް އެންޒޯ ޖަހައިގަތުމަށް ސިޓީން ރާވާ ރޭވުމެކެވެ. ސަޕޯޓަރުންގެ ރުޅި އިންތިހާ އަށް ދިޔައީ ވެސް މި މައްސަލާގަ އެވެ.
އެންޒޯ ފެނާންޑޭޒް ޗެލްސީ އަށް ގެންދިޔައީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ.