ކުޅިވަރު

ޗެމްޕިއަންސްލީގު ހޯދަން އެންމެ ރަނގަޅު ކުލަބަކީ ޕީއެސްޖީ: ފެރަން ޓޮރޭޒް


ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަށް އެންމެ ރަނގަޅު ކުލަބަކީ ފްރާންސްގެ ޕީއެސްޖީ ކަމަށް އެ ޓީމާ އަލަށް ކުޅުނު ސްޕޭނުގެ ފޯވަޑް ފެރަން ޓޮރޭޒް ބުނެފި އެވެ.

ބާސެލޯނާ ދޫކޮށް އޭނާ ޕީއެސްޖީ އަށް ބަދަލުވީ 50 މިލިއަން ޔޫރޯގެ ފީ އަކަށެވެ. މިއަށްފަހު ދިން ފުރަތަމަ އިންޓަވިއުގައި އޭނާ ބުނީ ކުލަބު ބަދަލު ކުރުމުގެ މައިގަނޑު އެއް ބޭނުމަކީ ވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ކަމަށެވެ.

ޕީއެސްޖީ އަކީ ފާއިތުވެދިޔަ ދެ ސީޒަނުގައި ވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ކުލަބެވެ. މިއާ ހިލާފަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގައި ބާސެލޯނާ އަށް މާގަދަ ކަމެއް ނުދެއްކުނެވެ. ޓީމު ވަރުގަދަ ވެސް ނުވި އެވެ.
ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާ ކޮޅަށް ލަނޑު ޖަހައި ސްޕޭނަށް ތަށި ހޯދައިދިން ފޯވަޑް ބުނީ ޕީއެސްޖީ އަށް ބަދަލުވުމުގެ އަނެއް ސަބަބަކީ އެ ޓީމުގެ ކޯޗު ސްޕޭނުގެ ލުއިސް އެންރީކޭ ކަމަށެވެ. އޭނާ އަކީ ސްޕޭނުގެ ގައުމީ ޓީމާއި ބާސެލޯނާގެ ވެސް ކުރީގެ ކޯޗެވެ.

"އަހަރެންނަށް މި ކުލަބުގައި ކުޅެން އުނދަގުލެއް ނުވާނެ. ކޯޗު އަހަރެން ވަރަށް ރަނގަޅަށް ދަންނަން. ޓީމުގެ ގިނަ ކުޅުންތެރިންނަކީ އަހަރެންނަށް އެނގޭ އަދި މޮޅުކުޅުންތެރިން،" ފެރަން ބުންޏެވެ.

ކޯޗު އެންރީކޭ ބުނީ ފެރަން ގެނައީ އެޓޭކްގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭނެ ކުޅުންތެރިއަކަށްވާތީ ކަމަށެވެ. އަދި އޭނާ ގުޅުމުން ތިން ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ނުކުންނައިރު ޕީއެސްޖީގެ ކުރި އާއި ކުރީގެ އޮޕްޝަންތައް ކުރިއަށްވުރެ ފުރިހަމަވާނެ ކަމަށެވެ.

"އަހަރެން އޭނާ ވަރަށް ރަނގަޅަށް ދަންނަން. އަހަރެން މިހުރީ ވަރަށް ހިތްހަަމަ ޖެހިގެން އޭނާ ގެނެވުމުން. އަހަރުމެން ބޭނުންވާ ސްޓައިލަށް އޭނާ އަށް ވަރަށް ފަސޭހައިން ތައްޔާރުވެވޭނެ. އޭނާ އަކީ އިންޓަނޭޝަނަލް ފެންވރުގެ ކުޅުންތެރިއެއް،" އެންރީކޭ ބުންޏެވެ.

ޕީއެސްޖީން މި ސީޒަން ފެށީ ވެސް ތަށްޓަކުންނެވެ. އެއީ ޔޫރަޕިއަން ސުޕަ ކަޕް ކާމިޔާބު ކޮށްގެންނެވެ.