ޚަބަރު

ލުބްނާން ޢުދުވާން ފުޅާކޮށް 11 މީހުން ޝަހީދުކޮށްލައިފި


ލުބްނާނުގެ ދެކުނަށް ޔަހޫދީ ފައުޖުން ދިން ނިރުބަވެރި ޙަމަލާތަކެއްގައި 11 މީހުން ޝަހީދުކޮށްލައި، އިތުރު 19 މީހުން ޒަޚަމު ކޮށްލައިފިއެވެ. ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، މިއީ އެމެރިކާ މެދުވެރިވެގެން އެކުލަވައިލި ޞުލްޙައިގެ އޮނިގަނޑަށް އެއްބަސްވި ފަހުން ޔަހޫދީން ދީފައިވާ އެންމެ ނުރައްކާތެރި ހަމަލާތައް ކަމުގައެވެ. މި ގޮތުން، އަންޞާރު އަވަށަށް ދިން ހަމަލާގައި މަރުވި ހަތް މީހުންގެ ތެރޭގައި ތިން ކުޑަކުދިންނާއި ދެ އަންހެނުން ހިމެނޭއިރު، ދެޔިރު އަލް-ޒަހްރާނީ އަވަށުން ހަތަރު މީހަކު ޝަހީދު ކޮށްލާފައިވާ ކަން އެ ވުޒާރާއިން ކަށަވަރުކޮށްދެއެވެ. މީގެ އިތުރުން، އަލް-ލަޔިޠާނީ ކޯރުގެ އުތުރުގައިވާ ޢަލީ އަލް-ޠާހިރު އުސް ބިމަށް ވެސް ޔަހޫދީ ފައުޖުގެ ނިރުބަވެރި ހަމަލާތައް އަމާޒުކުރިއެވެ.

ޔަހޫދީ ފައުޖުން ބުނީ، މިއީ ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކެއް ކަމުގައެވެ. އަދި، އަންޞާރުގައި ހުރި މަރުކަޒަކަށް ދިން ހަމަލާގައި ޙިޒްބުالله ގެ ބާރުގަދަ ރިޟްވާން ލަޝްކަރުގެ ކޮމާންޑަރެއް ކަމުގައިވާ ޢަލީ ސަމީރު އަލް-ޙާއްޖު ޙަސަން ޝަހީދު ކޮށްލާފައިވާނެ ކަމުގައެވެ. ޙިޒްބުالله އިން ވަނީ، ޔަހޫދީންގެ ޢުދުވާންތައް ފުޅާކުރުމުން އޭގެ ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފައެވެ. ހިޒްބުالله ގެ ހަމަލާތަކެއްގައި، ލުބްނާންގެ ދެކުނުގެ ބިންތަކަށް އަތްގަދަކޮށްގެން ތިބި ޔަހޫދީ ސިފައިންގެ ތެރެއިން ތިން މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ޔަހޫދީ ދައުލަތުން ބުނެއެވެ.

ލުބްނާން ސަރުކާރާއި ޞިހްޔޫނީ ދައުލަތާ ދެމެދު އެކުލަވައިލާފައިވާ އެއްބަސްވުމުގެ އޮނިގަނޑުގެ ދަށުން ޙިޒްބުالله އިން ހަތިޔާރު ބަހައްޓަން ޖެހޭނެއެވެ. އަދި، އެ ޤައުމުގެ ބިންތަކަށް ވެރިވެގަނެފައިވާ ޔަހޫދީ ސިފައިން އެ ބިމުން ފައިބަން ޖެހޭނެއެވެ. ނަމަވެސް، ހިޒްބުالله އިން ދަނީ، ޔަހޫދީ ސިފައިން ފައިބަންދެން ހަތިޔާރު ނުބަހައްޓާނެ ކަމުގައި ބުނަމުންނެވެ. ލުބްނާންގެ ދެކުނުގެ ބިންތަކަށް ޔަހޫދީ ސިފައިން އަތްގަދަ ކޮށްފައި ވަނީ، ފެބުރުވަރީ 28 ގައި އީރާނާ ދެކޮޅަށް އެމެރިކާއާ ގުޅިގެން ފެށި ޣައިރުޤާނޫނީ ހަނގުރާމަ ފުޅާކުރުމުގެ ގޮތުން، މާރިޗު 2 ވަނަ ދުވަހުން ފެށިގެންނެވެ. އެއަށްފަހު، ލުބްނާނުގައި ހިިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 4,300 އަށްވުރެ މައްޗަށް އުފުލިފައެވެ.

ލުބްނާންގެ ބޮޑުވަޒީރު ނަވާފް ސަލާމް ވަނީ، ޔަހޫދީ ފައުޖުން އަންޞާރާއި އަލް-ޒަހްރާނީއަށް ދީފައިވާ ހަމަލާތައް އަމާޒު ކޮށްފައި ވަނީ ޙިޒްބުالله އަށް ކަމުގައި ބުނާ ބުނުން ދޮގު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ އަންހެނުންނާއި ކުޑަކުދިން ތިބީ ޙިޒްބުالله ގެ މަރުކަޒެއްގައި ނޫން ކަމުގައެވެ. ލުބްނާންގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ނަބީހު ބައްރީ ވެސް ވަނީ، ޔަހޫދީންގެ ހަމަލާތައް ކުށްވެރި ކުރައްވައި، ޔަހޫދީންގެ ޢުދުވާންތަކުގެ ކުރިމަތީިގައި ޤައުމީ އެއްބައިވަންތަ ކަން އިސްކުރުމަށް ލުބްނާންގެ ރައްޔިތުންނަށް ގޮވައިލައްވާފައެވެ. އަދި، ޔަހޫދީންގެ ހަމަލާތައް ހުއްޓުވުމަށް ޞުލްޙައިގެ އެއްބަސްވުމުގެ މެދުވެރިންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. ރައީސް ޔޫސުފް ޢަވްން ވިދާޅުވީ، މިއީ ޞުލްޙަ ޤާއިމުކުރުމަށް އެމެރިކާއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކަށް ފާޅުގައި ގޮންޖެހުމުގެ ގޮތުން ޔަހޫދީން ދީފައިވާ ހަމަލާތަކެއް ކަމުގައެވެ.