ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރެވޭނެ އައު މަގުތަކުގެ ޗާޓާ ގުޅޭގޮތުން އީރާނާއި ޢުމާނާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ހާމަކުރައްވައިފިއެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން އިސްވެ ފެށި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން ބަންދުކޮށްފައި އޮތް އިސްތިރާޖީ ގޮތުން މުހިންމު މި ކަނޑުއޮޅި އަލުން ދަތުރުތަކަށް ހުޅުވައިލުމަށް ޢުމާނާއި އީރާނުން މަޝްވަރާކުރަން ފަށާފައި ވަނީ މީގެ ތިން މަސް ކުރިންނެވެ. ބަޣާއީ ވިދާޅުވީ، އެމެރިކާއިން ހުރަސްތައް ކުރިމަތިކުރަމުންދިޔަ ނަމަވެސް، މުހިންމު މަޝްވަރާތަކެއް ބާއްވައި، ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ދެވޭނެ އައު މަގުތަކުގެ ޗާޓެއް ޢުމާނާއި އީރާނުން މިހާރު އެކުލަވައިލާފައިވާ ކަމުގައެވެ.
މިއީ، އީރާނުގެ ޚާރިޖީ ވުޒާރާގެ އިސްނެގުމުގެ ދަށުން، އެ ޤައުމުގެ ދިފާޢީ، ސަލާމަތީ އަދި ތިމާވެއްޓާ ބެހޭ އިދާރާތަކުގެ ފުރިހަމަ ބައިވެރިވުމާއެކު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާ ކަމުގައި ބަޣާއީ ވިދާޅުވިއެވެ. މި ކަން ރަސްމީކޮށް އިޢުލާނު ކުރުމަށް ދެ ޤައުމުގެ ސަރުކާރުން ގުޅިފައިވާ ބަޔާނެއް ނެރުމަށް ތައްޔާރުވަމުންދާ ކަމަށާއި، ނަމަވެސް ޙައްލުނުކުރެވި ހުރި ބަޔެއް ކަންކަމާމެދު އަދިވެސް މަޝްވަރާ ކުރެވެމުންދާ ކަން އޭނާ ފާހަަގަކުރެއްވިއެވެ. އަދި، އެ ކަންކަން ޙައްލުކުރެވެންދެން ވާހަކަތައް ކުރިއަށްދާނެ ކަމުގެ ޔަގީން ކަން އޭނާ އެރުވިއެވެ. މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ދެ ޤައުމުގެ އިސްތިޤުލާލު ދެމެހެއްޓުމަށް ކަމަށާއި، އެއްބަސްވުމުގެ ދަށުން ހުރްމުޒުން ދަތުރުކުރާ އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރު ކޮށްދެވިގެންދާނެ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، ކަނޑުއޮޅި މުޅިން ހުޅުވައިލުމަށް އީރާނުން އަދިވެސް ދަނީ އިންކާރު ކުރަމުންނެވެ. ބަޣާއީ ވިދާޅުވީ، ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ފުރިހަމައަށް ޤާއިމުވެ، ޢާންމު ދަތުރުފަތުރަށް އަލުން ހުޅުވައިލުން ބިނާވެގެން ވަނީ، އެމެރިކާގެ ޣައިރުޤާނޫނީ ޢަމަލުތަކާއި، ބިރުދެއްކުމާއި، އީރާންގެ ބަނދަރުތަކުގެ ޙިޞާރު ނިމުމަކަށް ގެނައުމުގެ މައްޗަށް ކަމުގައި ބަޣާއީ ވިދާޅުވިއެވެ. އަދި، ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި އެމެރިކާއިން އެއްބަސްވުންތަކާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަކީ ވެސް ޝަރުޠެއް ކަން އޭނާ ފާހަގަކުރެއްވިއެވެ. ހުރްމުޒުން ދަތުރުކުރުމުގެ ހުއްދަ ދެވޭނެ އައު މަގުތަކެއް ކަނޑައެޅުމަށް ޢުމާނާއި އީރާނުން މަޝްވަރާ ފަށާފައި ވަނީ، ޖޫން 18 ގައި އެމެރިކާއީ އީރާނާ ދެމެދު ވެވުނު ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުމުގެ ދަށުންނެވެ. އެމެރިކާއިން އެތައް ފަހަރެއް މަތިން އެއްބަސްވުމާ ޚިލާފުވެ، އެއްބަސްވުން އުވައިލާފައިވާ ކަމުގައި ބުނި ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް އީރާނުން ވަނީ ޢުމާނާއެކު މަޝްވަރާތައް މެދުކަނޑައިނުލައި ކުރިއަށް ގެންގޮސްފައެވެ.