ޚަބަރު

"ޤައުމީ ދުވަސް ފާހަގަކުރުމުގެ ބޭނުމަކަށް ވާންވާނީ އިއްޔެގެ ފިލާވަޅުން މާދަމާ ބިނާކުރުން"


  • ދިވެހީންގެ ތާރީޚު ކުރިއަށް ހުރި ޖީލުތަކަށް އުނގަންނައިދޭންޖެހޭ

  • މިދުވަސް ފާހަގަކުރާއިރު ވިސްނަންވާނީ މުޙައްމަދު ތަކުރުފާނު ހިންގެވި މަގުން ހިނގާންވީ ގޮތާމެދު

ޤައުމީ ދުވަސް ފާހަގަކުރުމުގެ ބޭނުމަކަށް ވާންވާނީ އިއްޔެއިން ފިލާވަޅު ނަގައިގެން މާދަމާ ބިނާކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ ދުވަސް ފާހަގަކުރުމަށް ހއ. ބާރަށުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ޤައުމީ ދުވަސް ފާހަގަކުރަނީ އެ ދުވަހާ ގުޅިފައިވާ ހާދިސާގެ ވާހަކަތައް ދައްކައި، ނުވަތަ ޤައުމީ ހެދުން ލައިގެން ކުޅިވަރުކުޅުން ކަމުގައިވާނަމަ އެ ދުވަސް ފާހަގަކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި މި ދުވަސް ފާހަގަކުރާއިރު ވިސްނަންވާނީ މުޙައްމަދު ތަކުރުފާނު ހިންގެވި މަގުން ހިނގާންވީ ގޮތާމެދު ކަމަށާއި އެމަނިކުފާނުގެ ހަޔާތްޕުޅުން އިބުރަތް ހާސިލްކުރުމަށް ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ އާރާއި ބާރު އަދި ހަމަޖެހޭ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އޮތް ނަމަވެސް ބޮޑުތަކުރުފާނު ޤައުމާއި ދީނުގެ ޙައްގުގައި ކުރެއްވި މަތިވެރި ޖިހާދުން ދައްކުވައިދެނީ އެމަނިކުފާނުގެ ހިތުގެ ވިންދަކީ ޤައުމީ ވިންދު ކަމާއި އެމަނިކުފާނަކީ އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތުވެފައިވާ ދަރިއެއްކަން ކަމަށެވެ. އެމަނިކުފާނުގެ މި އަމަލުތަކުން އަދުގެ ދަރިވަރުން ނަމޫނާ ނަގަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަމިއްލަ މަސްލަހަތާއި އަމިއްލަ ކުރިއެރުމުގެ ބަދަލުގައި މުޅި ޤައުމުގެ މަސްލަހަތާއި މުޅި ޤައުމުގެ މަންފާ ކުރިއަށް ނެރުއްވި ނެރުއްވުން އެއީ މިއަދުގެ ދަރިން މީގެން ލިބިގަންނަންވީ އިބުރަތަކީ. އެ މަނިކުފާނުގެ ޖިހާދީ އިލްހާމުން އަޅުގަނޑުމެން ހާސިލްކުރަންވީ އެތަކުރުފާނުގެ އެ ޖިހާދުގެ ފިލާވަޅުތަކުން އަޅުގަނޑުމެންގެ މާދަމާގެ މުސްތަގުބަލު އުޖާލާކުރަން،" ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

މުޙައްމަދު ތަކުރުފާނާއި އެމަނިކުފާނުގެ ބައިވެރިންގެ އިތުރުންވެސް ޤައުމުގެ ޙައްގުގައި ގުރުބާންވި އެތައް ދިވެހި ދަރިންތައް އެބަތިބިކަން ފާހަގަކުރައްވައި މަޖިލީހުގެ ރައީސް ވިދާޅުވީ އެ ބޭފުޅުންގެ ހަނދާތައް އައުކުރަންޖެހޭ ކަމަށެވެ. އަދި ޤައުމީ ދުވަސް ފާހަގަކުރުމުގެ ބޭނުމަކަށް ވާންވާނީ އިއްޔެއިން ފިލާވަޅު ނަގައިގެން މާދަމާ ބިނާކުރުން ކަމަށާއި ބޮޑުތަކުރުފާނު އަމަލުކުރެއްވީ އެގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޤައުމީ ދުވަހަކީ ހުރިހާ ދިވެހިންގެ ދުވަހެއްކަން ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ މިފަދަ ދުވަހެއްގައި އަޒުމުކަނޑައަޅަންވީ ކުރިއަށް އޮތްތަނުގައިވެސް ރާއްޖެއަށް ނުރައްކަލެއް ދިމާވެއްޖެނަމަ ޤައުމާއި ދީނަށްޓަކައި ނުކުންނާނެ ދަރިން ބިނާކުރުމަށް ކަމަށެވެ.